17 ޖެނުއަރީ 2017 - 14:08

ނޯތު ހާބަރަށް ސައިކަލަށް ވަދެވޭގޮތް ހަދައި، އެތަނަށް ވަންނަ އުޅަނދުތަކުން ނަގާ ފީއަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފި އެވެ.
ނޯތު ހާބަރަށް މީގެ ކުރިން ސައިކަލަށް ނުވަދެވުނު ނަމަވެސް، މާދަމާއިން ފެށިގެން އެތަން ސައިކަލުތަކަށް ހުޅުވާލާނެ އެވެ. އަދި އެތަނުގައި ހާއްސަ ޕާކިން އޭރިއާއެއް ހަދައި، ޕާކު ކުރާ ކޮންމެ ސައިކަލަކުން ގަޑިއިރަކަށް ފަސް ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން އެތަނަށް ވަންނަ އެހެން އުޅަނދުތަކުން ނަގާ ފީއަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
އެމްޕީއެލް އިން ބުނީ މާދަމާ އިން ފެށިގެން ނޯތު ހާބަރަށް ވަންނަ ކޮންމެ ކާރަކާއި ކުދި ޕިކަޕަކުން ފަސް ރުފިޔާ ނަގާއިރު، ބޮޑު ކިޕަކާއި ލޮރީ އަދި ވޭން ފަދަ އުޅަނދުތަކުން ދިހަ ރުފިޔާ ނަގާނެ ކަމަށެވެ.
ބަނދަރަށް ވަންނަ ކޮންމެ ފަހަރަކު ވެސް މި އުޅަނދުތަކުން ފީ ނަގާނެ ކަމަށް އެތަނުން ބުންޏެވެ.
ކުރިން ބަނދަރަށް ވަންނަ އުޅަނދުތަކުން ނަގަނީ ދުވާލަކަށް 11 ރުފިޔާ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އުޅަނދުތަކުން ނަގާ ފީއަށް ބަދަލު ގެނައުމަށް ނިންމީ އާއްމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
"ކުރިން އަޅުގަނޑުމެން މި ނަގަނީ، ކިތަންމެ ގިނައިން ބަނދަރަށް ވަނަސް ދުވާލަކަށް 11 ރުފިޔާ. އެކަމަކު ބައެއް ވެހިކަލްތަކުން މި ތަނަށް ވަންނަން އާއްމުންގެ އަތުން އެބަ ކޮންމެ ފަހަރަކު ވެސް ލާރި ނަގާ. އެހެންވެ، އެ ޝަކުވާތަކާ ގުޅިގެން ފީ ނަގަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.