31 ޖެނުއަރީ 2023 - 06:44

އަންނަ މަހު ހަ ވަނަ ދުވަހު ޕްރިމިއާ ކުރާ ޑާކްރެއިން ސްޓޫޑިއޯސް (ޑްރޭ) ގެ ފިލްމު "ބީވީމާ" އަށް ޑިމާންޑު ބޮޑުވެ، އެ މަހު 10 ވާ ހުކުރު ދުވަހަށް ޝޯއެއް އިތުރުކޮށްފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ބުރާސްފަތި އަދި ހުކުރު ދުވަހަށް ފިލްމު ބަލަން ދާން ބޭނުންވާ މީހުން ގިނަވުމުން، ހުކުރު ދުވަހުގެ ހަވީރު 4:00 އަށް ހާއްސަ ޝޯއެއް އިތުރުކޮށްފައިވާ ކަމަށެވެ.
"ބީވީމާ" ފިލްމުގެ ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. އިތުރުކުރި ޝޯގެ ޓިކެޓު ވެސް މިހާރު އޮލިމްޕަސް ކައުންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ދެމެދު ލިބޭނެ އެވެ.
ފެބްރުއަރީ 10 ގައި އެ ފިލްމު ދެ ވަގުތަކު ދައްކާނެ އެވެ. އެއީ ހަވީރު އޮންނަ ހާއްސަ ޝޯގެ އިތުރުން ރޭގަނޑު 9:00 ގައި އޮންނަ ޝޯ އެވެ.
"ވީކެންޑަށް ވަރަށް ޑިމާންޑު ބޮޑު. ހާއްސަކޮށް ހުކުރު ދުވަހު، އެއީ ވަޒީފާގައި އުޅޭ މީހުންނަށް ވެސް ޗުއްޓީވާ ދުވަހަށް ވާތީ. އެހެންވެ، މިހާރު ޝޯއެއް އިތުރުކޮށްފައި ވާނީ" މޮގާ ބުންޏެވެ.
ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓު ކޮށްފައިވާ "ބީވީމާ" ފިލްމުގައި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި، އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އާދަމް ޒިދާން (ނާނަ) ލީޑު ރޯލުތަކުން ފެންނާނެ އެވެ.
އިބްރާހިމް ވިސާން (ކަނޑި) ގެ ސިނަމެޓޯގްރާފީ ފެނިގެންދާ އެ ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރީ މޮގާގެ އިތުރުން އައިޝަތު ފުއާދު (ލޯކީ) އެވެ.
"ބީވީމާ" ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމު "96" އިން އިންސްޕަޔާ ވެގެން އުފެއްދި ފިލްމެކެވެ. މިއީ އޮލިމްޕަހުގެ މަރާމާތަށް ފަހު އަޅުވާ ފުރަތަމަ ފިލްމެވެ.