30 ޖެނުއަރީ 2023 - 14:59

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޔާމީންގެ މައްޗަށް، ފުއްގިރި މައްސަލާގައި ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އެ މަނިކުފާނުގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ކުރިން އެ މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. އެކަމަކު ގާޒީ ނަދީމަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން އުޅުއްވި ބޭފުޅަކަށް ވާތީ އޭނާ އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދައުވާލިބޭ ފަރާތްތަކުން ވަނީ ކުރިން ބުނެފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި، ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުން ކުރިން އޭނާ މަސައްކަތް ކުރައްވާފައި އޮތުމަކީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، އެއީ އަދީބުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރުން މައްސަލައިން ތަނާޒުލްވާން ޖެހޭނީ ވަކި ސަބަބުތަކެއް އޮވެގެންކަން ފާހަގަ ކުރައްވައި، ގާޒީ ނަދީމް ވިދާޅުވީ ތަނާޒުލްވާން ޖެހޭނީ އެ މައްސަލާގެ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާއެއްގައި ވަކީލެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވި ނަމަ ކަމަށެވެ.
އެކަމަކު މި މައްސަލާގައި ހިމެނޭ މީހެއްގެ ވަކީލަކަށް މަސައްކަތް ނުކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހެއްކާބެހޭ އާ ގާނޫނަށް މިމަހު އަމަލުކުރަން ފެށުމުން ހެކި އަލުން ހުށަހެޅުމާއި ހެއްކާ ބެހޭގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން އެދުނެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އާ ގާނޫނުގައި ހެއްކާބެހޭ ގޮތުން ކުރިން ނެތް އުސޫލުތަކެއް ހިމެނިފައިވާތީ އެވެ.
އެހެން ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެ މަރުހަލާ ކުރިން ނިމިފައިވާތީ އަލުން އެ މަރުހަލާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އަލުން އެ މަރުހަލާ ނުފެށިޔަސް، ޝަރީއަތުގެ މަރުހަލާގައި އެކަންކަން ފާހަގަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތުން ވަނީ ފުއްގިރިއާ ގުޅޭގޮތުން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ރައީސް އޮފީހާ ދެމެދު އޭރު ބަދަލުކުރި ސިޓީތައް ދިފާއުގައި ހޯދަން އެދިފަ އެވެ. އެއީ ދައުލަތުން ކަންކަން ފޮރުވަން މަސައްކަތް ކުރާތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ގެންދަނީ ކުރަމުންނެވެ.