ޗެލްސީން ބޭނުންވަނީ ކޮސްޓާ ހިފަހައްޓަން
ޗެލްސީން ބޭނުންވަނީ ކޮސްޓާ ހިފަހައްޓަން

ލަންޑަން (ޖެނުއަރީ 17) – ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ޗައިނާގެ ކްލަބްތަކުން ބިޑްކޮށްފައިވީ ނަމަވެސް އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޗެލްސީން ނުގެންއުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލެސްޓާ ސިޓީ އަތުން މިދިޔަ ހަފުތާގައި 3-0 އިން ޗެލްސީ މޮޅުވި މެޗުގައި ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ބުނެ ކޮސްޓާ ސްކޮޑުގައި ނުހިމަނަ އެވެ. އެކަމަކު އަސްލު ސަބަބަކީ ޗައިނާ އިން ބޮޑު އޮފާއެއް ލިބިފައިވާތީ ކޮސްޓާ ކުޅެން ބޭނުންނުވުމުން ކޯޗު އެންޓޯނިއޯ ކޮންޓޭއާ އުފެދުނު ހިޔާލު ތަފާތުވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތްއިރު އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ ކޮސްޓާ އެވެ. ސީޒަން ފެށުމުގެ ކުރިން ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ކޮސްޓާ އުޅުނު ނަމަވެސް ފަހުން އޭނާ ވަނީ ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށް ބުނެފަ އެވެ. ކޯޗު ކޮންޓޭއާ އޭނާއާ ގާތްގުޅުމެއް އޮތް ނަމަވެސް ޗައިނާގެ ކްލަބަކުން ހުށަހެޅި އަހަރަކު 30 މިލިއަން ޕައުންޑުގެ މުސާރަ ލިބެ ކޮންޓްރެކްޓާ އެކު ކޮސްޓާގެ ހިޔާލު ބަދަލުވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބީބީސީން ބުނާ ގޮތުގައި ކޮސްޓާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ކްލަބުގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗްގެ ނެތެވެ. އަނެއްކޮޅުން އެ ޓީމުގެ ރިޒާވް ކުޅުންތެރިޔާ ބްރެޒިލްގެ އޮސްކާ 60 މިލިއަން ޕައުންޑަށް ޗައިނާގެ ކްލަބަކަށް ވިއްކާލާފައިވާތީ އެ ކްލަބަށް މިވަގުތު މާލީ ދަތިކަމެއް ވެސް ނެތެވެ.

ޗައިނާގެ ކްލަބްތަކަށް ކުޅެވޭނީ ބިދޭސީ ތިން ކުޅުންތެރިންނަށް ކަމަށް އިއްޔެ އެ ގައުމުގެ ލީގުން ކަނޑައަޅާފައިވާތީ ފަހަރުގައި ކޮސްޓާ ގެންދިއުމުގެ ވިސްނުން ޗައިނާގެ ކްލަބްތަކުން ދޫކޮށްލަފާނެ އެވެ.

ކޮސްޓާ ވިއްކާލިޔަސް ޖެނުއަރީ މަހު އެކަން ނުކުރާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ސަބަބަކީ އޭނާގެ ބޭނުން ނުހަނު ބޮޑުވުމާއި އެހެން ފޯވާޑޭއް ޖެނުއަރީ މަހު ހޯދުން ދަތިވާނެތީ އެވެ. އެކަމަކު އެފަދަ ހާލަތެއް އައިސްދާނެ ކަމަށް ބަލައި ޗެލްސީން ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މަރޯޓާ އާއި ނީސްގެ ފޯވާޑް މާރިއޯ ބަލޮޓެލީގެ ހާލަތު ބަލާފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ. އަދި ޓޮރިނޯގެ އިޓަލީ ފޯވާޑް އަންދްރޭ ބެލޮޓީ އަކީ ވެސް ޗެލްސީން ޝައުގުވެރިވާ ކުޅުންތެރިޔެކެވެ. އިޓާލިއަން ލީގުގައި 14 ލަނޑު ޖަހާފައިވާ 23 އަހަރުގެ ފޯވާޑް ގަތުމަށް ވާދަވެރި އާސެނަލުން ވެސް ގާތްގަނޑަކަށް 50 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރު ކަމަށް ވެ އެވެ.

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ކޮސްޓާ ފިޓްވާނެކަން އަދި ނޭގެ އެވެ. އެންމެ ފަހުން ކުޅުނު މެޗަށް ފަހު އެ ސުވާލުކުރުމުން ކޮންޓޭ ދިނީ ރުންކުރު ޖަވާބެކެވެ. އެގޮތުން އޭނާ ބުނީ ކޮސްޓާ އަށް ވާތަދު އޭނާ އަށް އިހުސާސްނުވާ ކަމަށާއި އެހެންވެ އޭނާ ފިޓްވާނެ ދުވަހެއް ބުނަން ނޭގޭ ކަމަށެވެ. މި ވާހަކަތަކުން ވެސް ދޭހަވާ ގޮތުގައި އަސްލު މައްސަލައަކީ އަނިޔާގެ މައްސަލައަށް ވުރެ ބޮޑަށް އޭނާ ކްލަބް ދޫކޮށްލަން ބޭނުންވުމެވެ.

"ކުޅުންތެރިޔަކާ އަހަންނާ މައްސަލައެއް ޖެހިއްޖެ ނަމަ އަހަރެން އެކަން ހައްލުކުރާނީ ކްލަބުގެ ތެރެއިން،" ކޮސްޓާއާ މައްސަލަ ޖެހިފައިވާކަން ދޮގުުނުކޮށް ކޮންޓޭ ބުންޏެވެ.

އިންގްލެންޑުގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ ބުނީ ކޮސްޓާ ނެތި ޗެލްސީ އަށް ލީގު ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށާއި އަދި ކޮސްޓާ ކްލަބުގައި ހުންނަން ބޭނުން ނޫންކަމުގައިވާ ނަމަ އޭނާ ވިއްކާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ކޮސްޓާ ޗައިނާ އަށް ދާން އުޅޭތީ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން ފުޓްބޯލް އެނަލިސްޓް މާކް ލޯރެންސަން ބުނީ ޗައިނާ ލީގުގެ ފެންވަރު ރަނގަޅު ނޫން ކަމަށާއި ކޮސްޓާ ފަދަ ކެރިއަރުގެ އެންމެ ޕީކުގައި ހުރި ކުޅުންތެރިޔަކު އެ ލީގަށް ދިއުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

"ޗެލްސީ ޓީމު ބިނާކޮށްފައި އޮތީ އޭނާ ވަށައިގެން. އޭނާ އަކީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔެއް. ޗައިނާ އަށް ގޮސް ދުވާލު 18 ގަޑިއިރު ފޫހިކަންމަތީ ހުންނަން އޭނާ ބޭނުންކަމަށް ވަންޏާ އަހަރެން ބުނާނީ، ތިޔަކަމަށް ކާމިޔާބަށް އެދެމޭ،" ލޯރެންސަން ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑުން 2014 ވަނަ އަހަރު 32 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވެ ކޮސްޓާ ވަނީ ފުރަތަމަ ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަން ދަށްކޮށް ދިޔައިރު އޭނާ ވަނީ އެ ޓީމަށް ޖުމްލަ 99 މެޗުން 51 ގޯލް ޖަހައިދީފަ އެވެ.