ރެއިމްސް އިން އަނެއްކާ ވެސް ޕީއެސްޖީ ހުއްޓުވައިފި
ރެއިމްސް އިން އަނެއްކާ ވެސް ޕީއެސްޖީ ހުއްޓުވައިފި

ޕެރިސް (ޖެނުއަރީ 30) - ފްރާންސް ލީގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ރެއިމްސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މި ސީޒަން ގައި ރެއިމްސް އިން އަމިއްލަ ދަނޑުގައި ވެސް ވަނީ ޕީއެސްޖީ މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު އިރު، ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ނޭމާ އެވެ. މިއީ ލިއޮނެލް މެސީ ފޮނުވާލި ހަމަލާއެއް ހޫލިއަން ބާނަޓް ގައިގައި ޖެހިފައި ބްލޮކް ވެގެން ލިބުން ބޯޅައެއް ކީޕަރު ކައިރިން ނައްޓަފައި ޖެހި ގޯލެކެވެ.

އޭގެ ފަހުން މާކޯ ވެރާޓީ ކުރި ނުތައްކާތެރި ފައުލަކަށް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި މާކީނިއޯސް ކުރި ފައުލަކާ ގުޅިގެން ރެއިމްސް އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމުން ބަދަލު ކުރީ ރެއިމްސްގެ ކުޅުންތެރިޔާ އޮފްސައިޑް ގައި ހުރުމުންނެވެ.

ރެއިމްސް އިން ނަތީޖާ އެއްވަރު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ފޮލާރިން ބަލޯގުން ކާމިޔާބު ކުރި ގޯލުންނެވެ.

މި ނަތީޖާއާ އެކު ރެއިމްސް ވަނީ ލީގުގައި ބަލިނުވެ 11 މެޗު ހަމަކޮށްފަ އެވެ. ނަމަވެސް އެ ޓީމު އޮތީ 20 މެޗުން ހޯދި 26 ޕޮއިންޓާ އެކު ތާވަލްގެ 11 ވަނައިގަ އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 20 މެޗުން ހޯދި 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެންސް ވަނީ 45 ޕޮއިންޓް ހޯދައިފަ އެވެ. މި ހަފްތާ ލެންސް އިން ޓްރޯޔެސް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.