29 ޖެނުއަރީ 2023 - 18:54

މިއަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ރައީސް ނިންމެވީ އެ ދުވަހަކީ ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށްވާތީ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ޖެނުއަރީ 21، 2019 ގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ވެސް އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަމުންނެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަމުން އައި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހު ސަރުކާރު ބަންދެއް ނުކުރެ އެވެ.