30 ޖެނުއަރީ 2023 - 07:15

މީގެ ހައެއްކަ އަހަރު ކުރިން ބިލީ އެއިލިޝްއާ އެކު މަސައްކަތްކުރަން ލިބުނު ފުރުސަތު ދޫކޮށްލުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް ކޭޓީ ޕެރީ ބުނެފި އެވެ.
ކޮންސެޓެއްގައި އޯޑިއަންސާ ވާހަކަ ދައްކަމުން ކޭޓީ ބުނީ ބިލީގެ މަޝްހޫރު އެއް ލަވަ ކަމަށްވާ "އޯޝަން އައީސް" ލަވައިގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އެކަމަކު، އޭރު އޭނާ އެއީ ފޫހި ކަމެއް ކަމެއްގެ ގޮތުގައި ގަބޫލުކުރެވި ހުށަހެޅުން ދޫކޮށްލީ ކަމަށް ބުންޏެވެ.
އޭނާ ބުނީ މީހަކު ކުރި މެއިލްއެއްގައި އެ ހުށަހެޅުން ލިބުނު ކަމަށައި އެކަމަކު "އެ ފޫއްސޭ" ބުނެ އެކަމަށް ދެކޮޅުހެދީ ކަމަށެވެ. ކޭޓީ ބުނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ބިލީގެ ލަވަ، "އޯޝަން އައީސް" ވެގެންދިޔައީ 2015 ވަނަ އަހަރު އޭނާ މަޝްހޫރުވި އެއް ލަވަޔަށެވެ. އެ ލަވަ ސްޕޮޓިފައިގާ އެއް ބިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމްކޮށްފައި ވާއިރު، ޔޫޓިއުބްގައި 400 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.
އެ ލަވަޔަކީ ބިލީގެ ގިނަ ލަވަތަކެއްގައި މަސައްކަތް ކުރި އޭނާގެ ބޭބެ ފިނިއެސް އޯ ކޮނެލް ލިޔެފައިވާ ލަވަޔެކެވެ. އެ ލަވަ ވަނީ ބިލީގެ އެންމެ ފުރަތަމަ އަލްބަމް، "އީޕީ" ގައި ވެސް ހިމަނާފަ އެވެ.
އޭގެ އިތުރުން، "އޯޝަން އައީސް" ލަވަ އެމެރިކާގެ ބިލްބޯޑް 100 ގައި ހިމެނުނު އިރު، އަދި ގިނަ ގައުމުތަކެއްގެ ރެކޯޑް ޗާޓުތަކުގެ ޓޮޕް 60 ގައި ވަނީ ހިމެނިފަ އެވެ. އަދި ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން އޮފް އެމެރިކާގެ ޓްރިޕްލް ޕްލެޓިނަމް ސެޓްފިކެޓް ވެސް އެ ލަވަޔަށް ވަނީ ލިބިފަ އެވެ.
ބިލީގެ ލަވައިގާ މަސައްކަތް ނުކުރި ނަމަވެސް، ކޭޓީ އަކީ އޭނާ އަމިއްލަޔަށް، ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އާޓިސްޓެކެވެ.