29 ޖެނުއަރީ 2023 - 14:22

ރަތް ދޫލައިގެ މަރުހަބާއަކުން ފ. ބިލެތްދޫގެ ފުރަތަމަ ހާފިޒު، އައިމިނަތު އައިފާގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ގުރުއާން ހިތުދަސްކޮށްގެން މިދިޔަ ބުރާސްފަތިދުވަހު އެނބުރި ރަށަށް ދިއުމުން އޭނާއަށް ކިޔާފައި ވަނީ އެ ރަށުން ދުވަހަކު ވެސް މީހަކަށް ކިޔާފައި ނުވާ ވަރުގެ މަރުހަަބާއެކެވެ. ސިޔާސީ މީހުން ދިއުމުން މާފަތި އަޅުވައި މަރުހަބާ ކިޔަން ރައްޔިތުން ނުކުންނަ ރަށަކަށް ނުވިޔަސް އައިފާ ރަށަށް ފޭބިއިރު ރަތް ދޫލަ އަޅައި މުޅި ރަށް އޮތީ މަރުހަބާއަށް ސަފު ހަދާލައިފަ އެވެ.

ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ އައިފާ ހޯދީ މުޅި ރަށަށް ތާރީޚީ ކާމިޔާބެއް ކަަމަށެވެ.

"މި ރަށުގައި އަލަށް ކުއްޖަކު ގުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދު ނަގައިގެން އައީ. ބޭނުންވީ އެ ފަޚުރުވެރި ކާމިޔާބީގައި މުޅި ރަށް ބައިވެރިވާން،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި މިގޮތަށް އެންމެން ނުކުންނަ ރަށެއް ނޫން މިއީ."
އާބާދީގައި 1،400 މީހުން ހިމެނޭ ރަށުގެ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެހެން އިދާރާތަކާއި ރައްޔިތުން ގުޅިގެން ވަނީ ކާމިޔާބީ ފާހަގަކުރަން ކުލަގަދަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. ހިތްވަރު ދިނުމުގެ ގޮތުން 25،000ރ. ވެސް ކައުންސިލުން އައިފާއަށް ހަދިޔާކުރި އެވެ.
"ހުރިހާ ރައްޔިތުން ބައިވެރިވެ ބޭނުމަކީ އެއްބައިވަންތަކަމާ އެކު ތިބެ ކުދިންނަށް އެފަދަ ކަންކަމުގައި ހިތްވަރުދިނުން، އެހެން ކުދިން ޝައުގުވެރިކުރުވުން،" އޭނާ ވިދާޅުވި އެވެ.
ބިލެތްދުއަކީ، އޭނާ ވިދާޅުވި ގޮތުގައި، އިލްމީ އަދި އިޖުތިމާއީ ކަންކަމުގައި އެ ނަމޫނާ ދައްކާ ރަށެކެވެ.
ކައުންސިލުން ބުނިގޮތުގައި ކުޑައިރުއްސުރެން ވެސް ގުރުއާނަށް ލޯބިކުރާ އަދި ގިނަ މުބާރާތްތަކެއްގައި ވެސް ކާމިޔާބީ ހޯދާފައިވާ އައިފާއަށްޓަކައި މުޅި ރަށް ފަހުރުވެރިވެ އެވެ.
"އެންމެން ވެސް ވަރަށް އުފަލުން ތިބީ. ރަށުގެ ދަރިއަކު މި ރަށަށް ތާރީހީ ކާމިޔާބެއް ހޯދައިދިނީމަ،" އަސްލަމް ވިދާޅުވި އވެެ.