ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ
ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށާއި އެއީ، އެ ޕާޓީން ބޭއްވި އެންމެ ކާމިޔާބު އިންތިހާބު ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ
ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ

ޕާޓީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، އިއްޔެ ބޭއްވީ އެމްޑީޕީން އަދި ރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު، ފުރިހަމަ އަދި ކާމިޔާބު އިންތިހާބު ކަމަށެވެ.

ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ
ނަތީޖާ ބަދަލުވާނެ ޝަކުވާއެއް ނެތް، މިއީ އެންމެ ކާމިޔާބު އިންތިހާބު: އެމްޑީޕީ

އެމްޑީޕީގެ 18 އަހަރު ވީ ތާރީހުގައި ވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާތަނަށް ވޯޓު ލައިފައެއް ނުވެ އެވެ. އެކަމަކު، މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި މާލޭގައި މި ފަހަރުގެ ރިޔާސީ ޕްރައިމަރީ އަށް ބެހެއްޓި 49 ފޮއްޓާ އެކު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 244 ވޯޓު ފޮށި ބެހެއްޓި އެވެ.

އެއީ ވެސް ކާމިޔާބީއެއް ކަމަށް އިބްރޭ ވިދާޅުވި އެވެ. ވޯޓުލުން ނިންމިތާ ގިނަ އިރުތަކެއް ނުވަނީސް ވަގުތީ ނަތީޖާ އިއުލާނު ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނަށް 24،572 ވޯޓު އަދި އެ މަނިކުފާނާ ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް 15،631 ވޯޓު ލިބިވަޑައިގަތެވެ.

އިބްރޭ ވިދާޅުވީ އިންތިހާބު ނިމުނުއިރު މިއަދާ ހަމައަށް ލިބުނީ 60 ޝަކުވާ ކަމަށެވެ. އެއީ އޮންލައިން ޕޯޓަލް މެދުވެރިކޮށް 50 އަދި ފޯނު މެދުވެރިކޮށް 10 ޝަކުވާ އެވެ. ނަމަވެސް، އެ ޝަކުވާތައް ބެލިއިރު، ނަތީޖާ އަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކަހަލަ އެއްވެސް ޝަކުވާއެއް ނެތް. ޝަކުވާގެ ގޮތުގައި އެބަހުރި ބުނެފައި ވޯޓާސް ލިސްޓުގައި ނަން ނެތް ނުވަ މީހުން ވޯޓުލައިފިއޭ. ދެން އަޅުގަނޑުމެން ކިހިނެއްތޯ ހޯދާނީ؟ ކޮން ފޮއްޓަކަށް، ކާކު ކަމެއް ބުނެދޭން ވާނެ. އެންމެ ކުޑަމިނުން ނެތް މި ވެނި ފޮއްޓަކަށޭ ނުވަ މީހުން ވޯޓު ލީ،" އިބުރޭ ވިދާޅުވި އެވެ.

"އިއްޔެ އަޅުގަނޑުމެން ބެހެއްޓިން 244 ވޯޓު ފޮށި. ވޯޓާސް ލިސްޓުގައި ނަން ނެތް ނުވަ މީހުން ވޯޓު ލައިފި. އިތުރު ހެއްކެއް ނެތް. އެއޮތީ ޝަކުވާއެއް."

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ ޝަކުވާތަކާ އެކު ހުށަހަޅާފައި ވަނީ އެންމެ ހެއްކެއް ކަމަށެވެ. އެއީ، ރަށެއްގައި ވޯޓު ލަނިކޮށް ވޯޓު ކަރުދާސް ދެއްކިއިރު، ކައިރީގައި ހުރި އޮފިޝަލު ފޯނު ހިފަހައްޓައިގެން ހުރި ކަމަށް ބުނެ ފޮނުވި ފޮޓޯއެކެވެ. އޭގެ އިތުރުން، ޕާޓީގެ ދަފްތަރުގައި ނެތްއިރު ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވޯޓު ލައްވަނިކޮށް ވެސް ފޮޓޯއެއް ވެސް ހުށަހަޅާފައިވެ އެވެ.

ނަމަވެސް، އިބްރޭ ވިދާޅުވީ އެ ފޮއްޓަށް ވޯޓު ކަރުދާސް ލަނީ ފަތް ޖެހުމަށް ފަހު ކަމަށާއި އަދި ވޯޓު ދިން ކެންޑިޑޭޓެއް ނެތް ކަމަށެވެ. ފަޒްނާއާ ގުޅޭގޮތުން އޭނާ ވިދާޅުވީ މުއްދަތުގެ ކުރިން ފަޒްނާ އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ ކަމަށާއި ދާއިރާ އަށް ފޮނުވި ވޯޓާސް ލިސްޓުގައި ވެސް ފަސްޓް ލޭޑީގެ ނަން އޮތް ކަމަށެވެ.

"ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ނަތީޖާ އަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ އަތުވެދާނެ ކަމަށް ފާހަގަކުރެވޭ އެއްވެސް ކަމެއް. ގިނައިން ހުރީ ވޯޓު ފޮށީގައި ހުރި މީހެއްގެ ދާއިމީ އެޑްރެސް ބަދަލުވުން. ދާއިމީ އެޑްރެސް ބަދަލުވީމަ އެ ހުރީ ބަދަލުވެފައި. އަޅުގަނޑުމެން ވޯޓާސް ލިސްޓު ވެސް އާއްމުކުރިން، ލިސްޓުތައް ބަލައި އެކަންކަން ފާހަގަކުރަން." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި ހުރީ ވޯޓާސް ލިސްޓުގައި ނަން ނެތުމާއި ދާއިމީ އެޑްރެސް ބަދަލުވުމާއި މުއްދަތު ހަމަވެފައި ހުރި އައިޑީކާޑުގެ ޝަކުވާ ލިބުނެވެ. އެކަމަކު، ސޯޝަލް މީޑީއާ މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތައް ރަސްމީ ސިފައެއްގައި އެ ޕާޓީ އަށް ހުށަހަޅާފައިނުވާ ކަމަށް އަނަސް ވިދާޅުވި އެވެ.

އިންތިހާބު ނިމުމުން، ނަޝީދަށް ތާއިދުކުރާ މީހުން ދަނީ ވޯޓު އޮޅުވާލުމާއި ވަގު ވޯޓު އެޅި ކަމަށް ތުހުމަތުކުރަމުންނެވެ. އެކަމުގެ ހެއްކަކަށް ދައްކަނީ، ވޯޓުލާ މަރުކަޒުތަކަށް ފޮނުވާފައިވާ ލިސްޓުގެ ނަމްބަރުތައް ދިމާނުވުމެވެ. އޭގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ ލިބުނު ވޯޓުތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެކަން ހިނގައިދިޔަ ގޮތް ވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ކިޔައިދިނެވެ.

އިބްރޭ ވިދާޅުވީ، އިންތިހާބުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީ ކުރާނެ އުސޫލެއް ނެތް ކަމަށެވެ. އެހެންވެ، ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވާފައިވަނީ އެ ރަށުގައި ތިބި މީހުންގެ އަދަދަށް ކަމަށާއި އެކަމަކު، ސެންޓަރުތަކަށް ވޯޓު ކަރުދާސް ފޮނުވާފައިވަނީ އެ ދާއިރާގެ މާލެ ފޮއްޓަށް ވެސް ވޯޓު ދިނުމުގެ ފުރުސަތު ދެވޭ ގޮތަށް ކަމަށެވެ.

އެހެންވެ، އެ ނަމްބަރުތަކުގައި ފަރަގެއް އޮންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވީ ވޯޓު ދިނުމުގެ ހައްގު ލިބުނު 57،257 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނުއިރު އޭގެ ތެރެއިން މާލޭގައި ތިބީ 7،000 މެމްބަރުން ކަމަށެވެ. ބާކީ ތިބި ހުރިހާ މެމްބަރުންނަށް، އެ މީހުންގެ ރަށުގައި އަދި މާލޭގައި ވެސް ވޯޓު ލިބުމުގެ ފުރުސަތު އޮވެ އެވެ. ވޯޓު ލާއިރު ރަށުގައި ތިބީ ކިހާ މެމްބަރުން ކަމެއް އަދި މާލޭގައި ތިބީ ކިހާ މެމްބަރުން ކަމެއް ނޭނގެ އެވެ.

މީގެ ކުރިން އިންތިހާބުތަކުގައި ހަދާ ގޮތަކީ، ބޭނުން ވަރަކަށް ވޯޓު ކަރުދާސް ޕްރިންޓުކުރުން ކަމަށާއި ރަށަށް ވެސް ފޮނުވަނީ އެންމެންނަށް ވޯޓު ލެވޭ ވަރަށް އަދި މާލޭގައި ވެސް ބަހައްޓަނީ އެންމެންނަށް ވޯޓު ލެވޭ ވަރަށް ކަމަށް ވިޔަސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އިބްރޭ ވިދާޅުވި އެވެ. އެހެންވެ، ކިތަންމެ ދަތިތައް ކުރިމަތިވިޔަސް ނޮވެލްޓީން 57،257 ވޯޓު ކަރުދާސް ޗާޕުކުރި ކަމަށް އިބްރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ބެލީ އެންމެ ފަހުން ބޭއްވި ޗެއާޕާސަން އިންތިހާބުގައި ރަށްރަށަށް ވޯޓު ލީ މިހުންނަށާއި މާލޭގައި ވޯޓުލީ މީހުންނަށް ބަލައިގެން ކަމަށެވެ. އޭގެ އިތުރުން ދެން ބެލީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަށް ވޯޓު ލާން ރަޖިސްޓްރީ ކުރި މީހުންނަށެވެ. އެކަންކަމުން، މާލޭގައި ވޯޓު ލާނެ ކަމަށް ބެލެވޭ މީހުން އަންދާޒާކުރީ ކަމަށް، އިންތިހާބު ކޮމެޓީން ބުންޏެވެ.

އިބްރޭ ވިދާޅުވީ 117 މީހުންނަށް ވޯޓު ހައްގުވާ ވޯޓު ފޮއްޓަށް 200 ކޮންމެ ވެސް ވަރަކަށް މީހުން ވޯޓުލި ކަމުގެ ފޮޓޯ ބޮޑުވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 117 މީހުން ވޯޓުލުމުގެ ހައްގު ލިބޭ ވޯޓު ފޮއްޓަކަށް 840 މީހުންގެ ނަން އެބައޮތް ކަމަށެވެ. އެއީ މާ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެއީ މާ ކަންބޮޑުވާ ކަމެއްހެން. ސަތޭކަ ސަތާރަ މީހުން ވޯޓު ހައްގު އޮންނަ ފޮއްޓަކަށް އޮތް ލިސްޓަކަށް 840 މީހުންގެ ނަން އޮތުން. އަޅުގަނޑުމެންނަކަށް ނޭނގެއޭ މި 840 މީހުންގެ ތެރެއިން މާލެއަށް ވޯޓު ލާނީ ކިތައް މީހުންކަމެއް. އަޅުގަނޑުމެން ކުރީ އަންދާޒާއެކޭ." އިބްރޭ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ވަގު ވޯޓު އެޅުމުގެ ފުރުސަތެއް ނެތް ކަމަށާއި އިންތިހާބު ބޭއްވީ އިންސާފުވެރިކަމާއެކު ކަމަށް، ކޮމިޓީން ބުންޏެވެ.