29 ޖެނުއަރީ 2023 - 12:53

ބީނޯސް އޭރީޒް (ޖެނުއަރީ 29) - އަންނަ އަހަރު ބާއްވާ ދެކުނު އެމެރިކާގެ ސަރަހައްދީ މުބާރާތް، ކޮޕާ އެމެރިކާ، 16 ޓީމާ އެެކު އެމެރިކާގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
އެންމެ ފުރަތަމަ މުބާރާތް ބާއްވަން ނިންމީ އިކުއެޑޯގަ އެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ނޮވެމްބަރު މަހު އެ ގައުމުގައި މުބާރާތް ނުބޭއްވޭނެ ކަން ހާމަ ކުރުމުން، 48 ވަނަ ކޮޕާ އެމެރިކާ މުބާރާތް އެމެރިކާގައި ބާއްވަން ނިންމީ އެވެ.
މިއީ ދެކުނު އެމެރިކާއިން ބޭރުގައި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ކޮޕާ އެމެރިކާ ބާއްވަން ފެށިތާ 100 އަހަރު ފާހަގަ ކުރުމުގެ ގޮތުން 2016 ވަނަ އަހަރުގެ މުބާރާތް ވެސް ވަނީ އެމެރިކާގައި ބާއްވައިފަ އެވެ.
ކޮޕާ އެމެރިކާ މުބާރާތް އާއްމުގޮތެއްގައި ކުރިއަށް ދަނީ ދެކުނު އެމެރިކާގެ ފެޑެރޭޝަން (ކޮންމޮބެލް) ގެ 10 ގައުމުގެ މެދުގަ އެވެ. ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ގައުމުތައް ހިމެނޭ ކޮންހާކަފް ސަރަހައްދުގެ ހަ ގައުމެއް ބައިވެރިކުރަން ވަނީ ނިންމައިފަ އެވެ.
އެމެރިކާ އަކީ ކެނެޑާ އާއި މެކްސިކޯ އާއެކު 2026 ގައި ވޯލްޑް ކަޕް ވެސް ހޯސްޓު ކުރާ ގައުމެކެވެ. ކޮޕާ އެމެރރިކާ މުބާރާތް އެމެރިކާ ގައި ބާއްވާގޮތަށް ހަމަޖެހުނު ނަމަވެސް އެމެރިކާ އަށް މުބާރާތުގެ ސީދާ ޖާގައެއް ޔަގީނެއް ނޫނެވެ.
ކޮންކާކަފް ސަރަހައްދުން ކޮޕާ އެމެރިކާ ގައި ވާދަކުރާ ހަ ގައުމެއް ކަނޑައަޅާނީ، 2023/2024 ކޮންކާކަފް ނޭޝަންސް ލީގުންނެވެ.
އެންމެ ފަހުން ކޮޕާ އެމެރިކާ މުބާރާޓް ބޭއްވީ 2021 ވަނަ އަހަރު ބްރެޒިލްގަ އެވެ. އެ އަހަރުގެ ފައިނަލް ގައި ބްރެޒިލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އެވެ.