28 ޖެނުއަރީ 2023 - 21:46

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ކާމިޔާބީ އަށް ފަހު، މި އަހަރުގެ ރިޔާސީ އިންތިބު "މާ ފަސޭހައިން" ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި 62 ޕަސެންޓުން އެ މަނިކުފާނު ބަލިކުރެއްވުމަށް ފަހު، "ދަނޑިކޮށި ޖަގަހަ" އަށް ވަޑައިގެންނެވި ވަގުތު "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ އޮތީ "އަޅުގަނޑުމެންނާއެކު ދާން ތައްޔާރަށްކަން" އެނގިވަޑައިގެންފި ކަމަށެވެ.

"މި އަށް ވުރެ މާ ފަސޭހައިން ރިޔާސީ އިންތިހާބު ނެގޭނެ ކަމުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވާދަވެރި ޕްރައިމަރީގައި "ޕާޓީ ބަސް ބުނެފި" ކަމަށާއި އުންމީދުކުރި ހިސާބަށް އާދެވިއްޖެ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި އޮތީ ދެ ޑިޖިޓްގެ ޑިފަރެންސެއް ހޯދަން. ފަސްދޮޅަސް ޕަސެންޓަށް ދިޔައީމާ އެއީ އަޅުގަނޑު ހިތުން އެއީ ރަނގަޅު ކާމިޔާބެއް،" އެމްޑީޕީގެ އިސް ލީޑަރު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދުގެ އިންތިހާބުން ލިބިވަޑައިގަތް ނަތީޖާއާ ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ވިދާޅުވީ ޕާޓީގެ މިކަހަލަ ޕްރައިމަރީތަކަކީ ބާއްވާ ކަހަލަ އިންތިހާބުތަކެއް ނޫން ކަމަށެވެ. އެއީ ކީއްވެގެން ވިދާޅުވި ވާހަކަފުޅެއްތޯ ދެންނެވުމުން އެމަނިކުފާނު އިޝާރާތް ކުރެއްވީ މި އިންތިހާބުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ މައްޗަށެވެ.
މި ޕްރައިމަރީގެ ކާމިޔާބީއާއެކު، އެ މަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ އަދި އިންތިހާބީ ވާދަވެރިޔާ ނަޝީދާ ވާހަކަފުޅު ދައްކަވާނަންތޯ އެހުމުން ވިދާޅުވީ "ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިންވައިޓް ކުރާނަން" ކަމަށެވެ.
ޕްރައިމަރީގެ ކުރިން ނަޝީދު އާންމުންނާ ވާހަކަފުޅު ދައްކަވާ ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ނުހުންނަވާނެ ކަމަށެވެ.