28 ޖެނުއަރީ 2023 - 21:20

މާލޭގެ އިމާރާތެއްގެ ހަތް ވަނަ ފްލޯއިން މަގު މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ހަަދަމުން ދިޔަ އިމާރާތެއްގައި އޭސީ ހަރުކުރަން އުޅުނު މީހެކެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ އެ މީހާ މަގުމައްޗަށް ވެއްޓިފައި ވަނީ މަޖީދީމަގު ކަންމަތީ، އެމްއެންޕީ އޮފީސް ހުންނަ އިމާރާތުން ކަމަށެވެ. އެއީ އޭސީގެ މަސައްކަތް ކުރާ ކުންފުންޏެއްގެ މުވައްޒަފެކެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
"ބަންގްލަދޭޝް ފިރިހެނަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި. އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ މަގުމައްޗަށް ވެއްޓުމުން އެ ސަރަހައްދުގައި ތިބި މީހުން ވަނީ އޭނާ ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަ ވިދާޅުވީ އެ މީހާއަށް އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.