28 ޖެނުއަރީ 2023 - 19:20

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެކަން ޔަގީންވުމާއެކު، އެ މަނިކުފާނަށް އެކި ފަރާތްތަކުން މަރުހަބާ ކިޔަން ފަށައިފި އެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކާމިޔާބީ ހޯއްދަވައިފަ އެވެ. މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ރައީސް އެ އިންތިހާބު ކާމިޔާބު ކުރައްވާނެކަން ޔަގީން ވެ އެވެ.
އެހެންވެ، ބައެއް މީހުން މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ފަށައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ބޮޑު ކާޔާބީއެއް ކަމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ ރައީސްގެ ކެމްޕެއިން މެނޭޖަރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އެ ޓީމުގެ ހިތްވަރަށް މަރުހަބާ ދަންނަވައިފަ އެވެ.
"އެމްޑީޕީގެ މި ޕްރައިމަރީ ވަނީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގައި އާ އުސްމިނަކަށް ގެންގޮސްދީފައި،" މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޖޭޕީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޑރ. މައުސޫމް ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕްރައިމަރީން ހާމަވި ހަގީގަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެމްބަރުންގެ މެދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ސިޔާސަތުތަކަށް ތާއީދު ނެތްކަން ކަމަށެވެ.
"އެ ސިޔާސަތުތައް ރަނގަޅު ކަމަށް ވަކާލާތުކޮށް ދިރުވަން އުޅުނު ފިކުރު މަރުވެއްޖެ! މަރުހަބާ ރައީސް އިބޫ!،" ނަޒީރު ވިދާޅުވި އެވެ.