28 ޖެނުއަރީ 2023 - 17:27

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެގްޒިޓް ޕޯލްތަކުން ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރި ހޯއްދެވި ތަން ކަމަށް ބުނެ ކާމިޔާބީ ދެންމެ އިއުލާންކޮށްފި އެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މަނިކުފާނު މި ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.
"އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ކެންޑިޑޭޓް ނަމްބަރު 1 ރައީސް މުހައްމަދު ނަޝީދަށް 64.7 ޕަސެންޓުގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.
މި ބަޔާން ނެރުނީ ވޯޓު ގުނަން ފެށުމުގެ ކުރިން އެ މަނިކުފާނު ކާމިޔާބު ކުރެއްވި ކަން އިންތިހާބީ އެޖެންޓް ހަސަން ލަތީފްގެ ޓުވިޓާގައި ވެސް އިއުލާންކުރެއްވުމަށް ފަހު އެވެ.
އެމްޑީޕީން މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި ވޯޓުލުން ނިންމައި ގުނަން ފެށީ ފަހެއް ޖެހިއިރެވެ. ވޯޓު ފޮށިތަކުގެ ނަތީޖާ މަރުކަޒުތަކުގައި ވެސް އަދި އިއުލާންކުރަން ނުފަށަ އެވެ.
ފޮށިތައް ގުނައި ނަތީޖާ އިއުލާންކުރާނީ އެ މަރުކަޒެއްގަ އެވެ.
ނަޝީދު މޮޅުވެއްޖެ ކަަމަށް އިއުލާންކޮށްފައިވާ އިރު، މި އިންތިހާބުގައި ހަމަނުޖެހުން ހިންގައި ވޯޓު ގަޑުބަޑުކުރުމުގެ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. މި މައްސަލަތަކުގައި ނަޝީދަށް ތާއީދުކުރާ ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު އެ މީހުން ދޫކޮށްލަން ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. އަދި ތިން ފޮއްޓެއް ވަނީ ފަޅާލައިފަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ބައެއް ވޯޓު ފޮށި ކައިރީ އެމަނިކުފާނުގެ ފަރާތުން ތިއްބެވި އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ވަގުތުން ދޫކޮށްލުމަށް ވަނީ އެދިވަޑައިގަންނަވައިފަ އެވެ. މި ހަމަނުޖެހުން ހިންގައި ވޯޓު ފޮށިތަކަށް ގެއްލުންދީ ގަޑުބަޑުކުރަން މަސައްކަތްކުރީ ނަޝީދުގެ ކެމްޕޭން ޓީމާއި ތާއީދުކުރާ މީހުންގެ ފަރާތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމުން ބުނެ އެވެ.