ވޯޓު ގަޑުބަޑު ކުރާ މީހުންނަށް ފިޔަވަޅު އަޅަން ނަޝީދު ގޮވާލައިފި
ވޯޓު ގަޑުބަޑު ކުރާ މީހުންނަށް ފިޔަވަޅު އަޅަން ނަޝީދު ގޮވާލައިފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ގަޑުބަޑު ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕްރައިމަރީގެ ކެނޑިޑޭޓު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ބައެއް ވޯޓު ފޮށި ކައިރީ އެމަނިކުފާނުގެ ފަރާތުން ތިއްބެވި އޮބްޒާވަރުންނާއި ތާއީދު ކުރާ މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ވަގުތުން ދޫކޮށްލުމަށް ވަނީ އެދިވަޑައިގަންނަވައިފަ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ވޯޓުފޮށި ފަޅާލުމުގެ ތުހުމަތުގައި ގދ. ރަތަފަންދޫން ތިން މީހަކާއި އެ އަތޮޅު ތިނަދޫން ވަނީ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދުގެ އޮފިޝަލުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާ އިރު މެންދުރު ފަހު ވަނީ މާލެ އާއި ރަށްރަށުގައި ވޯޓު ލާ ގިނަ މަރުކަޒުތަކުގައި ހަމަނުޖެހުންތައް ހިނގައި، ބައެއް ވޯޓު ފޮށިތައް ވަގުތީ ގޮތުން ބަންދުކުރި އެވެ.

ހެނދުނު 9 ޖެހިއިރު ފެށި އިންތިހާބުގެ ވޯޓު ލާ ބައެއް މަރުކަޒުގައި، ބައެއް ހަމަނުޖެންތައް ވެސް ހިނގާފައިވެ އެވެ. އެގޮތުން އެންމެ ބޮޑަށް ދިމާވީ، ލިސްޓުގައި ނެތް މީހުން ވޯޓު ލާން އުޅުމުގެ މައްސަލަތަކެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 57،000 މީހުންނަށް ލިބިފައިވެ އެވެ.