28 ޖެނުއަރީ 2023 - 16:49

މިހާރު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ގެއްލުން ދޭ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން މިއަދު ދީފި އެވެ.
އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ހެނދުނު 9:00 ގައި ފެށި ޕްރައިމަރީ އިންތިހާބުގައި ވޯޓުފޮށި ފަޅައި އެކި ގެއްލުންދޭ ނަމަ ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެއާއެކު، ގެއްލުން ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް، އެ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުތަކާއި ހުރިހާ މެމްބަރުންނަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަމެވެ." އެމްޑީޕީގެ ޓްވީޓުގައި ވެ އެވެ.
އިންތިހާބަށް ހުރަސްއަޅައި ގެއްލުންދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދިން އިރު، ގދ. ރަތަފަންދޫގައި ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކަށްފަހު ވޯޓު ފޮށި ވަނީ ފަޅާލައިފަ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. މިހާތަނަށް ވަނީ ރަތަފަންދޫގެ އިތުރުން ގދ. ތިނަދު އާއި ތ. މަޑިފުށީގެ ވޯޓު ފޮށި ވެސް ވަނީ ފަޅާލައިފަ އެވެ.
އޭގެ އިތުރުން ވެސް އިންތިހާބުގެ މަރުކަޒުތަކުގައި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. އެކަމަކު، ވަކި ހިސާބަކުން މައްސަލަ ހައްލުކޮށް ވޯޓުލުން ކުރިއަށް ގެންދެ އެވެ.