ޕަޔެޓް ވިއްކާލަން ވެސްޓް ހޭމުން އެއްބަހެއް ނުވި
ޕަޔެޓް ވިއްކާލަން ވެސްޓް ހޭމުން އެއްބަހެއް ނުވި

ލަންޑަން (ޖެނުއަރީ 17) – ފްރާންސުގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް ގަތުމަށް އޭނާގެ ކުރީގެ ކްލަބް ފްރާންސުން އޮލިމްޕިކް މާސޭ އިން ކުރި ދެ ވަނަ ބިޑަށް ވެސް ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން ފުރަގަސްދީފި އެވެ.

މާސޭ އިން އެންމެ ފުރަތަމަ 19 މިލިއަން ޕައުންޑުގެ ބިޑެއް ކުރި އިރު އެންމެ ފަހުން ހުށަހެޅީ 20 މިލިއަން ޕައުންޑުގެ ބިޑެކެވެ. އެކަމަކު ވެސްޓް ހޭމްގެ ޗެއާމަން ޑޭވިޑް ސުލިވަން ވަނީ ދެ ބިޑް ވެސް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ބުނީ ބުނީ އުމުރުން 29 އަހަރުގެ ޕަޔެޓް އެ ކްލަބުގައި ހުންނަން ބޭނުންނުވާ ކަމަށެވެ. ޕަޔެޓް ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނުމާ އެކު އެ ކްލަބުގެ ސަޕޯޓަރުން އަންނަނީ އޭނާއާ ވަރަށް ބޮޑަށް ދިމާކުރަމުންނެވެ. ޕަޔެޓް މިވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ ވެސް 23 އަހަރުން ދަށުގެ ޓީމާ އެކު އެވެ. ކްލަބް ދޫކޮށްލަން ޕަޔެޓް ބޭނުންވަނީ، ވެސްޓް ހޭމުން މަޝްހޫރު ކުޅުންތެރިން ނުގެންނާތީ އާއި މަތީ މަގާމަކަށް ވާދަނުކުރާތީ އެވެ.

ވެސްޓް ހޭމުން ބުނީ ޕަޔެޓް ވިއްކާލަން ބޭނުންނުވާ ކަމަށާއި ކްލަބުން އެދެނީ އޭނާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުމަށް ފަހު، އެނބުރި އައުމަށް ކަމަށެވެ.

މާސޭ އިން 2015 ވަނަ އަހަރު 10 މިލިއަން ޕައުންޑަށް ވެސްޓް ހޭމާ ގުޅުނު މިޑްފީލްޑަރު ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫރޯގައި ފްރާންސް ގައުމީ ޓީމުގައި ވެސް އެ ކުޅުން ތަކުރާރުކޮށްފަ އެވެ.

ޕަޔެޓަށް ކްލަބުގެ ލެޖެންޑުން ފާޑުކިޔަމުން އަންނައިރު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވެސްޓް ހޭމުން އޭނާ ވިއްކާލަން ޖެހޭނީ ލިބެން އޮތް އެންމެ ބޮޑު އަގަކަށް ކަމަށެވެ.