09 ޖޫން 2016 - 09:43

އޯލަންޑޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 9) - ކޮޕަ އެމެރިކާގައި ރޭ ފިލިޕޭ ކޯޓީނިއޯގެ ހެޓްރިކާ އެކު ހައިޓީ އަތުން ބްރެޒިލް 7-1 އިން މޮޅުވެއްޖެ އެވެ.
މިއީ 1999 ވަނަ އަހަރަށް ފަހު ބްރެޒިލުން ކޮޕަ އެމެރިކާ މެޗެއްގައި ހަތް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ. ބްރެޒިލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެކުއެޑޯއާ ލަނޑެއް ނުޖެހި އެއްވަރުވެފައިވާތީ، ރޭގެ މެޗުން މޮޅެއް އެ ޓީމަށް މުހިއްމެވެ. މި މެޗުން ބަލިވުމުން ހައިޓީ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ރޭގެ މެޗުގައި ބްރެޒިލަށް ކުޅޭ ލިވަޕޫލްގެ މިޑްފީލްޑަރު ކޯޓީނިއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިއީ އޭނާ ގައުމީ ޓީމަށް ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ރެނާޓޯ އޮގަސްޓޯ ދެ ލަނޑު ޖެހިއިރު ލޫކަސް ލީމާ އަދި ގަބްރިއެލް ބާބޯސާ ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ. ހައިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖޭމްސް މާސެލިން އެވެ.
ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން އެކުއެޑޯ އާއި ޕެރޫ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ކޮންމެ ޓީމެއް ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ބްރެޒިލާއި ދެ ވަނައިގައި އޮތް ޕެރޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބްރެޒިލަށް ކުރި ލިބުނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޓަހިޓީ އަށް ޕޮއިންޓެއް ނުލިބެ އެވެ.