އެމްޑީޕީ ޕްރައިމަރީ: މިހާތަނަށް ވޯޓުލީ 20 ޕަސެންޓް މީހުން
އެމްޑީޕީ ޕްރައިމަރީ: މިހާތަނަށް ވޯޓުލީ 20 ޕަސެންޓް މީހުން

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ހުޅުވާލާފައިވާ ވަގުތު ހަމަވާން ދެ ގަޑިއިރަށްވީ އިރު މިހާތަނަށް ވޯޓުލީ، 11,500 މީހުން ކަމަށް ވޯޓުލާ މަރުކަޒުތަކުގައި ގެންގުޅޭ ކެންޑިޑޭޓުންގެ ހިސާބުތަކުން ދައްކައިފި އެވެ.

ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ވޯޓުލީ ވޯޓު ލުމުގެ ހައްގު ބިފައިވާ މީހުންގެ 20 ޕަސެންޓެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57,000 އަށް ވުރެން ގިނަ މީހުންނަށް ލިބިފައިވެ އެވެ.

މިހާތަނަށް މާލެއިން ވޯޓުލީ 1،200 މީހުންނެވެ. މިއީ އެމްޑީޕީގެ ޕްރައިމަރީގެ ކުރިން އާންމު ކުރި ތަފާސް ހިސާބުތަކުން ވޯޓުލާނެ ކަމަށް ރަޖިސްޓާ ކޮށްފައިވާ އަދަދުގެ 17 ޕަސެންޓެވެ. މާލެއިން 6،700 މީހުން ވޯޓުލުމަށް ރަޖިސްޓާ ކޮށްފައިވެ އެވެ.

މާލޭގެ އިތުރުން އެންމެ ގިނަ ބަޔަކު ވޯޓު ލުމަށް ރަޖިސްޓާ ކޮށްފައިވަނީ އައްޑޫ އިންނެވެ. އެގޮތުން އައްޑޫން 7،800 މީހުން ރަޖިސްޓާ ކޮށްފައިވެ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ދެން އެންމެ ގިނައިން ވޯޓުލާނެ އަތޮޅު ތަކަކީ ހއ. އާއި ގދ. އާއި ލ. އަދި ގއ. އެވެ. އޭގެ އިން ކޮންމެ އަތޮޅަކުން ވެސް 3،100 އާއި 3،500 އާ ދެމެދުގެ އަދަދަކަށް ވޯޓުލުމަށް ރަޖިސްޓާ ކޮށްފައިވެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް، މިއަދު ފެށި ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 9:00 ގަ އެވެ. ވޯޓުލުގެ ކަންކަން މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށްދާ އިރު ވޯޓާސް ލިސްޓާ ގުޅޭ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ދެ ކެނޑިޑޭޓުންގެ އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން ހިނގައި، ބައެއް ވޯޓު ފޮށިތައް ވަގުތީ ގޮތުން ބަންދުކޮށްފައި ވެސް ވެ އެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 5 ޖަހާއިރެވެ.