އެމްޑީޕީގެ ޕްރައިމަރީ: ލިސްޓާ ގުޅޭ ޝަކުވާތަކެއް
އެމްޑީޕީގެ ޕްރައިމަރީ: ލިސްޓާ ގުޅޭ ޝަކުވާތަކެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު ހޮވަން މިއަދު ކުރިއަށް ގެންދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓާސް ލިސްޓާ ގުޅޭ މައްސަލަތަކެއްގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00ގައި ފަށާފައިވާއިރު، ވޯޓުފޮށިތަކަށް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެ ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ. ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީގެ ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމުގެ ޝަކުވާ ވަނީ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ވޯޓުފޮށި ކައިރީގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ލިސްޓުގެ މައްސަލަ ހައްލު ނުކުރެވެނީސް އެ ފޮއްޓަށް އެންމެ ވޯޓެއް ވެސް ނުލެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ގދ. ހޯނޑެއްދޫގެ ފޮއްޓަކަށް ވޯޓުލީ މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި، ނަޝީދަށް ތާއީދު ކުރައްވާ އެ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި އެ ރަށުގައި ވޯޓުލުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މައްސަލަ ނުބަލަނީސް ވޯޓުލުމަށް އެއްބާރުލުމެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ނުހިމެނޭ މީހުން ވޯޓުލާ ކަމުގެ ޝަކުވާ ލިބޭއިރު، ވޯޓާސް ލިސްޓުގައި ނަން ނެތިގެން ވެސް ބައެއް މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބްރޭ) "މިހާރު"އަށް ވިދާޅުވީ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް ހުށަހެޅި ޝަކުވާތައް ބެލިއިރު މާބޮޑު މައްސަލަތަކެއް ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ހުށަހެޅި ހުރިހާ މައްސަލައެއް ވެސް ހައްލުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވީ މާލޭގައި ބެހެއްޓި ގއ. ވިލިނގިލީ ފޮއްޓަކަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލައެއް ހުށަހެޅުމުން އެކަން ބަލަމުންދާ ކަމަށެވެ. އެމްޑީޕީން މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން ނަމްބަރެއް އާއްމުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވާފައި ވާނީ ޝަކުވާއަށް ހުށަހެޅުމަށް ފަހު ސައްހަކޮށްފައިވާ ލިސްޓެކެވެ. އެ ލިސްޓު އިންތިހާބުގެ ކުރިން ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބާ ބެހޭ ކޮމިޓީން ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީއަށް ހުޅުވާލުމުން ވޯޓާސް ލިސްޓާ މެދު ކަންބޮޑުވުން ފާޅުކުރީ ނަޝީދުގެ ޓީމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ދަފްތަރުން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު އުނިކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެމްޑީޕީން ބުނެފައި ވަނީ، ދަފްތަރުން މީހުން އުނިކުރަން ޖެހުނީ އެހެން ޕާޓީތަކުގައި ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު އެމްޑީޕީގައި ތިބުމުން ދަފްތަރު ސައްހަ ކުރަން އެގޮތަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިގެން ކަމަށެވެ. އަދި ދަފްތަރު މިހާރު އޮތީ ޕާޓީގެ އަސާސީ ގަވައިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ކަމަށެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން އެކި ކަންކަން ރާވަމުންދާ ކަމަށް އިއްޔެ ނަޝީދުގެ ކެމްޕެއިން އެޖެންޓު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ތުހުމަތުކުރައްވާފައިވެ އެވެ.

އެހެންނަމަވެސް، މިއަދު ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިންތިހާބުގެ އިންތިޒާމުތައް ރަނގަޅު ކަމަށާއި ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.