29 ޖެނުއަރީ 2023 - 08:35

ބުދަ ދުވަހާ ގުޅޭ
ބޯޓު ނައްޓައިލުމުގެ ކުޑަ އިރުކޮޅެއް ކުރިން އިޔާދަށް ސޯފިޔާގެ ލޯބި ގެއްލިއްޖެއެވެ. އިޔާދު ރޭނި ހުވަފެނުގެ ގަނޑުވަރު، ފުނޑުފުނޑުވެގެން ބިމަށް ތިރިވެއްޖެއެވެ. އެއީ މިހާރު ހިރަފުހަށް ބަދަލުވަމުންދާ ހިތާމައިގެ ފަސް ފުންޏެކެވެ. ވަޒީފާ ގެއްލި، ތަނަވަސްކަން ގެއްލި، އެންމެ ފަހުން ލޯބި ވެސް ގެއްލުނީއެވެ. އެއްފަހަރާ ތިން ހިތާމަ ކޮނޑުއަޅައިގެން ހިންދަމައިނުލެވޭނެކަމެއް އިޔާދަކަށް އޭރަކު ނުވިސްނެއެވެ.
ކެނެޑާގައި އޮލިވަރ ދިރިއުޅެނީ ދިހަބުރީގެ، މެދު ފަންތީގެ އިމާރާތެއްގައި ހުންނަ އެޕާޓުމަންޓެއްގައެވެ. އެ ތަނުގައި ދެ ކޮޓަރި ހުއްޓެވެ. އިޔާދަށް އެއް ކޮޓަރި ލިބުނެވެ. ފެންވަރުގެ ގޮތުން ބަލައިފި ނަމަ، އިޔާދު މާލޭގައި އުޅުނު ކޮޓަރިޔާ ދާދި އެއް ފެންވަރެއްގެ ކޮޓަރިއެކެވެ. ކުދިކުދި ތަފާތު ހުއްޓެވެ. މާލޭ އެޕާޓުމަންޓުގައި ހުރި ވަރުގެ ބޮޑު ޓީވީއެއް ނެތެވެ. ބޮޑުކޮޓަރީގައި އޭސީއެއް ވެސް ނެތެވެ. ފާހާނަޔަކު ބިލިގާއެއް ނެތެވެ. އެހެނަސް އެޕާޓުމަންޓު ފަރުމާކޮށްފައިހުރީ ފަރުނީޗަރު މަދުން ބޭނުންކޮށްގެންނެވެ. ވީމައި ޖާގައިގެ ތަނަވަސްކަން ބޮޑެވެ.
ކޮޓަރިއަށް ވަދެފައި އިޔާދު ފުރަތަމަ ވެސް ގުޅީ ސޯފިޔާއަށެވެ. އޭނަ ފޯނެއް ނުނަގައެވެ. ދެތިން ފަހަރު ގުޅާފައި ދެން ހުއްޓައިލީއެވެ. އެތައް މެސެޖެއް ފޮނުވިއެވެ. ސޯފިޔާ މެސެޖުތައް ބަލައެވެ. ޖަވާބެއް ނުދެއެވެ. ފޯނު އޮތީ ސޯފިޔާގެ ދޮންމަންމަ އަތުގައިކަމެއް އިޔާދަކަށް ނޭނގެއެވެ. ސޯފިޔާގެ ގޭގެ އެޑުރެސް އިޔާދަށް އެނގެއެވެ. މައްސަލައަކީ ދުރުކަމެވެ. ވެގެންއުޅޭ ގޮތް ބަަލައިފައި ނޫނީ އެ ގެއަށް ދިޔުން އިޔާދަކަށް ބުއްދިވެރިއެއް ނޫނެވެ. ކެނެޑާގައި ހުރިކަމާއި، ގެއަށް ދެވިދާނެކަމާއި، ދާންވީހޭ ވެސް އިޔާދު އެހިއެވެ. ޖަވާބެއް ނާދެއެވެ.
ޖެހިގެންއައި ދުވަހު ވެސް ސޯފިޔާގެ ޚަބަރެއް ނުވެއެވެ. އިޔާދު ހައްތަހާ ފިކުރުބޮޑުވިއެވެ. ރަނގަޅަކަށް ނުކެވެއެވެ. އިނދެވެނީ ފިކުރަކަށް ގެއްލިފައެވެ. ގިނަ ވަގުތު އޮވެވެނީ އެނދުގައި އޮށޯވެލައިގެންނެވެ. ފަރީހާންގެ ލޮލަކު އެ މަންޒަރު އަޅައެއްނުގަނެއެވެ. ކައިވެނީގެ ކަންކަން ހަމަޖެހެމުންދާތީއެވެ. ޕާޓީ ބާއްވާނެ ތަނަކާއި، ލާނެ ހެދުމަކާއި، އިސްތަށިގަނޑަށް ހަދާނެ ގޮތަކާ މެދު ފަރީހާނަށް މާ ބޮޑަށް ވިސްނެއެވެ. ދޭތެރެއަކުން ހެދުމެއްގެ ފޮޓޯ ހިފައިގެން އައިސް އިޔާދަށް ދައްކައެވެ. އޮލިވަރ ގަނެދޭން އުޅޭ އަނގޮޓީގެ ފޮޓޯ ވެސް ދައްކައެވެ. އިޔާދު އެއްޗެއް ބުނުމުގެ ކުރިން ފަރީހާން ފަށަނީ ކައިވެނީގެ ވާހަކައެވެ. މުޅީން ވެސް ފަރީހާންގެ އަމިއްލަ ވާހަކައެވެ. ދެކޭ ހުވަފެންތަކާއި، ކުރެވޭ އުންމީދުތަކުގެ ވާހަކައެވެ.
ދުވަހެއްގެ މެންދުރުފަހެވެ. އިޔާދު ދަރާފައިވާ މީހަކު އިޔާދަށް މެސެޖުން ބިރުދައްކަމުންދިޔަ ވަގުތެވެ. އިޔާދު ދެއްކި އެއްވެސް ބަހަނާއެއް އޭނަ ގަބޫލެއް ނުކުރިއެވެ. ކޯޓަށްދާނެކަމުގެ އިންޒާރުދިނެވެ. އެ ދަނޑިވަޅުގައި ސޯފިޔާގެ މެސެޖެއް އައެވެ. ހުރިހައި ކަމެއް ހުއްޓާފައި އިޔާދު އެ މެސެޖު ބަލައިލިއެވެ.
"އަހަރެން ހަނދާންނައްތާލާ!" އޮތީ އެހެންނެވެ.
ސަބަބު އޮޅުންފިލުވަން އިޔާދު އެތައް ސުވާލެއްކުރިއެވެ. އެއްވެސް ސުވާލެއްގެ ޖަވާބު ނައިސް ދެން އައީ ފޮޓޯއެކެވެ. އެއީ ސޯފިޔާއާއި ޖެކްސަންގެ ކައިވެނީގެ ދައުވަތު ކާޑެވެ. ނޫނެކެވެ. ހިތާހިތުން އިޔާދު ބުންޏެވެ. ތިހާ ފަސޭހައިން ވަތްކެއް ނުވެވޭނެއެވެ. ވަގުތުން ބޭރަށް ނުކުމެ، ޓެކުސީއަަކަށް އަރައިގެން ސޯފިޔާގެ ގެއަށް މިސްރާބުޖެހިއެވެ. ދިޔަ މަގުމަތީގައި ވެސް އިޔާދުގެ ހިތް ތަކުރާރުކޮށް ބުނަމުންދިޔައީ އެކައްޗެކެވެ. ވަކިވާ ސަބަބު ބުނާށެވެ. ސަބަބު ބުނާށެވެ. ވަގުތަކީ މަގުމަތީގެ ކާރުބާރު ބޮޑު ވަގުތެކެވެ. ސޯފިޔާގެ ގެއަށް ދެވުނީ އިރުއޮއްސެނިކޮށެވެ. ގޭގެ ދޮރުގައި ޓަކިޖަހައި، ރަނގަބީލުޖަހައި ހެދުމުން ވެސް ދޮރެއް ނުހުޅުވިއެވެ. މީހެއްގެ ހިލަމެއް ވެސް ނުވިއެވެ. ފޯނު ނަގައިފައި ވެސް އިޔާދު ފޯނެއް ނުކުރެއެވެ. ބޭކާރުކަމެއްކަން އެނގޭތީއެވެ. ވީ ގޮތް ނޭނގެނީސް އެނބުރި އަމިއްލަ އެޕާޓުމަންޓަށް ދާކަށް އިޔާދު ބޭނުމެއް ނޫނެވެ. ހުއްޓައިނުލައި އިޔާދު ދޮރުގައި ޓަކިޖެހިއެވެ. އެ އަޑަށް އެހެން އެޕާޓުމަންޓެއްގެ ދޮރު ހުޅުވި އަޑުއިވުނެވެ. އިޔާދު ބަލައިލި އިރު މުސްކުޅި އަންހެނަކު ބަލަހައްޓައިގެން ހުއްޓެވެ.
"އެ މީހުން ދިޔައީ ކައިވެންޏަށް." އިނގެރޭސިބަހުން އެ މީހާ ބުންޏެވެ.
"ކޮން ތާކަށް؟" އިނގެރޭސިން އިޔާދު ސުވާލުކުރިއެވެ.
"އެޑްރެހެއް ނޭނގެ. މީހަކު ބުނި ވެންކޫވަރއޭ،" އޭނަ ބުންޏެވެ. "އެކަކު ވެސް ތި ތާކު ނޫޅޭނެ."
އެހެން ބުނެފައި އެ މީހާ ދޮރުލެއްޕިއެވެ. ވެންކޫވަރއަކީ ވަރަށް ދުރެވެ. އެޑުރެސް ނޭނގި އެ ހިސާބަށް ދިއުމަކީ ބޭކާރުކަމެކެވެ. އެޕާޓުމަންޓަށް އެނބުރި އައިސް، އެނދުގައި އޮށޯވެލައިގެން އެތައް އިރަކު އިޔާދު ވިސްނަން އޮތެވެ. ވެގެންއުޅޭ ގޮތެއް މަންމައަކަށް ނާންގައެވެ. މަންމައަށް އެ ކަން މުހިންމު ނުވާނެކަން އެނގޭތީއެވެ. ފުލުފުލުގައި އެތައް މެސެޖެއް ސޯފިޔާއަށް ފޮނުވިއެވެ. ކުއްލިއަކަށް ސޯފިޔާ ގުޅިއެވެ. އޭނަ ހުރީ ވަރަށް ހާސްވެފައެވެ.
"ފޯނު އޮންނަނީ ދޮންމަންމަ އަތުގަ. އެ ކޮޓަރިއަށް ވަދެ ސިއްރުން މި ގުޅީ،" ރޮއިރޮއި ހަލާކުވެފައިވާ އަޑަކުން ސޯފިޔާ ބުންޏެވެ. "މިހާރު ކައިވެނިކޮށްފިން. ސިމް ބަދަލުކުރަންވެގެން އުޅެނީ. ހަނީމޫނަށް ދަނީ.."
އިތުރު އަންހެނެއްގެ އަޑުއިވުމާއެކު ސޯފިޔާ ފޯނުކަނޑައިލިއެވެ. އެއީ ދޮންމަންމަގެ އަޑެވެ. އޭނަ ވާހަކަދައްކަނީ ފާޑެއްގެ ރާގެއްލައިފައެވެ. ދެން ހަދާނެ ގޮތެއް އިޔާދަކަށް ނުވިސްނުނެވެ. އުންމީދުގެ އެންމެ ފަހު ހުޅުކޮޅު ނިވުނީއެވެ. އަލުން ހަޔާތާ ކުރިމަތިލާނީ ކިހިނެއްކަމެއް އިޔާދަކަށް ނޭނގެއެވެ. ކެނެޑާގައި ހުރުމުގެ ބޭނުމެއް ނެތެވެ. ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތި މާލެދިޔުމުގެ ބޭނުމެއް ވެސް ނެތެވެ.
އޮލިވަރއާއި ފަރީހާން ކައިވެނިކުރިއެވެ. ފަރީހާނަށް ހީވީ ގެއްލުނު ޅަފުރާ އެނބުރި އައިހެންނެވެ. ދިގު އިސްތަށިގަނޑު، އޮލިވަރއަށް ރީތިވާ ގޮތަށް ކޮށައިލިއެވެ. ކެނެޑާ އަންހެނުން ލާ ކަހަލަ ހެދުންލާން ފެށިއެވެ. ކުރިން ނުކުރާ ވަރަށް މޭކަޕުކުރަން ފެށިއެވެ. ދެމަފިރިން އެކުގައި ޕާޓީތަކަށް ދާން ފެށިއެވެ. ބަދަލަކަށް ފަހު ބަދަލެކެވެ. އުފަލަކަށް ފަހު އުފަލެކެވެ. އިޔާދުގެ ދިރިއުޅުން މިސްރާބުޖެހީ ދިމާ އިދިކޮޅަށެވެ. ނެގިމަޑުވިއެވެ. ބަސްމަދުވިއެވެ. އަބަދު ވެސް އޮންނަނީ ކޮޓަރީގައެވެ. މާލެދާ ވާހަކައެއް ނުދައްކައެވެ. ފަރީހާނަށް އެ ގޮތް މާ ރަނގަޅެވެ.
އެއް މަސް ވިއެވެ. ދެ މަސް ވިއެވެ. އެ ހިސާބުން ފަރީހާނަށް ކަމެއް ފާހަގަކުރެވެން ފެށިއެވެ. ފަރީހާން ދެކެ އޮލިވަރ ވަރަށް ލޯބިވެއެވެ. އެހައިމެ އޯގާތެރިއެވެ. ކިރިޔާ ވެސް ބައްޔެއް ވެއްޖެއްޔާ އޯގާތެރިކަން ވަކީން އިތުރުވެއެވެ. އެނދުގައި ބައިންދައިގެން އަތުން ކާންދެއެވެ. އުރާލައިގެން ފާހާނަޔަށް ގެންދެއެވެ. ހީވަނީ ކުޑަކުއްޖެއް ގެންގުޅޭހެންނެވެ. ބަދަލުގައި ފަރީހާން ވަރަށް ބޮޑު ގުރުބާނީއެއް ވާންޖެހެއެވެ. ހުރިހައި ހަރަދެއް ކުރަންޖެހެނީ ފަރީހާނަށެވެ. ގޭގެ ހަރަދާއި އޮލިވަރގެ ހުރިހައި ހަރަދެއް ވެސް މެއެވެ. އޮލިވަރއަކީ ވެސް އަތްމަތި ތަނަވަސް މީހެކެވެ. މައްސަލައަކީ އޭނާގެ ދަހިކަމެވެ. ގޭގެ ކަރަންޓާއި ފެން ބިލު ވެސް ދައްކަންޖެހެނީ ފަރީހާނަށެވެ. ނުވާތާކަށް އޮލިވަރއަކީ ގޮލްފުކުޅެން މާ ވަރުހުންނަ މީހެކެވެ. ސިކާރަކުރުމާއި، މަސްހިފުން ކަހަލަ ކަންކަމަށް ވެސް ޝައުގުވެރިކަން ހުންނަ މީހެކެވެ. ކުރިން ނޭނގި އޮތް ކަމެއް ވެސް ފަރީހާނަށް އެނގުނެވެ. ހަތިޔާރު އެއްކުރުމަކީ އޮލިވަރގެ ހޮބީއެކެވެ. ދޭތެރެއަކުން ބަޑިއެއް ނުވަތަ ފިސްތޯލައެއް ގަނެގެން ގެއަށް ގެނެއެވެ. ފަރީހާނަކަށް އެ ކަން ކަމަކުނުދިޔައެވެ. ފަރީހާންގެ ފައިސާއިން ހަތިޔާރު ގަންނާތީ އެކަންޏެއް ނޫނެވެ. ގޭގައި އެހައި ގިނަ ހަތިޔާރު ބަހައްޓަން ފަރީހާން ބިރު ވެސް ގަންނަނީއެވެ.
ހުރިހައި މަންޒަރެއް ހިނގަމުންދިޔައީ އިޔާދުގެ ލޯކުރިމަތީގައެވެ. ދުވަސްކޮޅަކުން ފަރީހާނާއި އޮލިވަރ ދެބަސްވާން ފެށިއެވެ. އަރައިރުންވެ ޒުވާބުކުރަން ފެށިއެވެ. ބޯހާސްވެފައިވާ އިޔާދަށް އެއީ އިތުރު ބޮލުގަރިހުމެކެވެ. އޮލިވަރ ވަރަށް ގިނައިން ހަތިޔާރު ނަގައި ފަރީހާނާ ދިމާއަށް ދިއްކުރެއެވެ. ވަޒަން ނުލައްވައެވެ. ދެމަފިރިންނަށް ވެސް އެ ކަން އެނގެއެވެ. އޮލިވަރ އެ ކަން ކުރަނީ ސަމާސާ މިޒާޖެއްގައެވެ. ބިރުދައްކާކަށް ނޫނެވެ. ސިފައިން ތެރޭގައި އުޅެފައި ހުރީމައި އެ އާދަ ހަރުލައިފައި ހުރީއެވެ.
ދޮންބައްޕައާއި މަންމަގެ ޒުވާބު ކޮންމެ ފަހަރަކު ވެސް ނިމެނީ ސަމާސާއަކަށް ވެގެންނެވެ. އަނެއްކާ ވެސް ލައްކަ ދުވަހު ޒުވާބެއް ނުކޮށް ތިބެއެވެ. އިޔާދަށް ގަބޫލުކުރެވޭ ގޮތުގައި، އޮލިވަރއަށް ހަރަދުކުރުމަކީ މަންމަ ކުރާ ހިތްވާކަމެކެވެ. ބާރުވެރިކަން މަންމައަށް އިހުސާސްކުރެވޭ ކަމެއް ވެސް މެއެވެ. ދޭތެރެއަކުން އެހެން ބުނެލާ އަޑު އިޔާދަށް އިވެއެވެ. ބައެއް ފަހަރު ޝަކުވާގެ ރާގުގައި ވެސް އެ ވާހަކަ ގޮވައިލައެވެ. އެ މަންޒަރު ބަލާބަލައި އިޔާދު ފޫހިވިއެވެ. އެއަށް ވުރެ މާލޭގައި އެކަނިމާ އެކަނި ކޮޓަރީގައި އޮތުން ވެސް އިޔާދަށް މާ ރަނގަޅެވެ.
އޮލިވަރ ގޭގައި ނެތް ވަގުތެވެ. ފަރީހާން އުޅުނީ މޭޒުމަތިން ތަށިތައް ނަގާށެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. އިޔާދު ކޮޓަރިން ނުކުމެގެން އައިސް މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. މީހަކަށް ފާހަގަ ނުކުރެވުނަސް އެ ރޭ އިޔާދުގެ ވިސްނުންހުރީ އެހެން ރޭރޭ ހުންނަ ގޮތަކަށް ނޫނެވެ.
"ކިހިނެއްވީ ދަރިފުޅާ؟" ސިންކު ކައިރީގައި، ފުރަގަސްދީގެން ހުރެ ފަރީހާން އެހިއެވެ. "ކޮން ވާހަކައެއް ދައްކަން ތި އައީ؟"
"އާ ވާހަކައެއް ނެތް،" މޭޒުގައި މަޑުމަޑުން ބެރުޖަހަމުން އިޔާދު ބުންޏެވެ. "އަހަރެން ހިތަށްއަރަނީ މި ކޮޅުގަ ވަރަށް ގިނަ ދުވަހު ހުރެވިއްޖޭ ދެން މާލެދާންވީއޭ. މަންމަ އަހަންނަށް ލޯނެއް ދޭންވީނު."
ފަރީހާން އަތުން އިޔާދު ދުވަހަކު ވެސް ދަރަންޏަށް ފައިސާއެއް ނުނަގައެވެ. ދޭކަށް ނުވެސް ބުނެއެވެ.
"މަންމަ ނޫޅެމޭ ދަރިފުޅަށް ލާރި ނުދޭކަށް،" ފަރީހާން ވަރަށް އޯގާވެރިކަމާ އެކުގައި ބުންޏެވެ. "ކޮންމެހެން ލޯނެއް ނަގަނީ ކީއްކުރަން؟"
"އެހެން ގޮތެއް ނެތީމަ،" ކުޑަކޮށް ރުޅިއައިސްފައި އިޔާދު ބުންޏެވެ. "ފިރިމީހާ ބޭނުން ވަރަކަށް މަންމަގެ މަނީ ސްޕެންޑްކުރަންވީ! އަހަންނަކީ ދަރި ޔޯ! އެކަމަކު އަހަރެން ޖެހޭ ހުރިހާ ޑީޓެއިލެއް ދައްކަން. އެހެންވެ ލޯނެއް ދޭށޭ މި ބުނީ."
"ލޯނެއް ދިނަސް މަންމަ އަހާނަން ކީއްކުރަން ހޯދާ ލާރިއެއްހޭ؟" ފަރީހާން ވެސް ކުޑަކޮށް ހިތްހަމަނުޖެހިފައި އެހިއެވެ.
އިޔާދު ހުރީ އިމާރާތުގެ އެންމެ މަތީގައެވެ. ހާމަފެންޑާގައެވެ. ދަރަންޏަށް ވިޔަސް ފައިސާ ނުދޭން މަންމަ ދެއްކި ބަހަނާތައް އިޔާދުގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ތިރިން އިޔާދަށް ފެންނަނީ ކަނުއަނދިރިކަމެވެ.
"މަންމަ ޒިންމާވާން ޖެހޭނީ!" މަޑުމަޑުން އިޔާދު ބުނެލިއެވެ.
ނުނިމޭ