އިންޑިއާ ކޯޗުކަމުން ކޮންސްޓަންޓިން ވަކިވަނީ؟
އިންޑިއާ ކޯޗުކަމުން ކޮންސްޓަންޓިން ވަކިވަނީ؟

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިންގްލެންޑްގެ ސްޓެފަން ކޮންސްޓަންޓިން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 54 އަހަރުގެ ކޮންސްޓަންޓިން ދެ ވަނަ ފަހަރަށް އިންޑިއާ ޓީމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އެ އަހަރުގެ ސާފް ސުޒުކީ ކަޕް އެ ޓީމުން ކާމިޔާބުކުރިއިރު، އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި އިންޑިއާ އޮތީ 129 ވަަނައިގަ އެވެ. މިއީ ފާއިތުވި 10 އަހަރު ތެރޭގައި އިންޑިއާ އެންމެ މަތިން ރޭންކް ކުރެވުުނު ފަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންސްޓަންޓިންއާ އެކު އިންޑިއާ އިން ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވުމުން އޭނާ ވަނީ އޮސްޓްރޭލިއަންގެ އޭ ލީގުގެ ޓީމަކަށް ބަދަލުވާން ނިންމައިފަ އެވެ.

މިިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އަތުން އިންޑިއާ ބަލިވުމުން ކޮންސްޓަންޓިން އަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު އެ މެޗުގެ ނަތީޖާ ހަނދާން ނައްތާލުމަށް ފަހު ކޮންސްޓަންޓިން ވަނީ ފަހަކަށް އައިސް އިންޑިއާގެ ނަތީޖާތައް ވަރަށް ރަނގަޅުކޮށްފަ އެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންސްޓަންޓިން ހިތްހަމަ ނުޖެހުނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެހީ އޭނާ އަށް ނުލިބޭތީ އެވެ. އަދި ފަހަކަށް އައިސް އިންޑިއާ ޓީމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ފެޑެރޭޝަނުގެ އެހީ ނުލިބޭތީ ކޮންސްޓަންޓިން ވަނީ ފާޑުކިޔައިފަ އެވެ.

އިންޑިއާ އަށް 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމަށް ފަހު ކޮންސްޓަންޓިން ބުނީ ސާކް ސަރަހައްދުގެ ޓީމުތަކުގެ ވިސްނުން ބަދަލުކޮށްގެން ނޫނީ މި ސަރަހައްދުގެ ޓީމުތަކަށް ފުޓްބޯޅައިގައި ކުރިއެރުމެއް ނެތް ކަމަށެވެ.

"މި ސަރަހައްދުގެ ޓީމުތަކުގެ ވިސްނުން ހަމައެކަނި ހުންނަނީ ސާފް މުބާރާތް ކާމިޔާބު ކުރަން. އެއަށް ވުރެ ދުރަށް ވިސްނަނީ މަދު ގައުމަކުން. އަހަރެންގެ އަމާޒަކީ އިންޑިއާ ގޮވައިގެން ސާފް ކުޅެލަ ކުޅެލައި ހުރުމެއް ނޫން. އެބަޖެހޭ އޭޝިއަން ކަޕް އަދި ވޯލްޑް ކަޕަށް ވެސް ވިސްނަން،" ސާފް ފައިނަލް މެޗަށް ފަހު އޭނާ ބުންޏެވެ.

ކޮންސްޓަންޓިން އެންމެ ފުރަތަމަ އިންޑިއާއާ ހަވާލުވީ 2002 ވަަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އިންޑިއާގެ ގްރާސްރޫޓް ހަރުދަނާ ކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އިންޑިއާ ގައުމީ ޓީމުގެ ސްކޮޑުގެ 12 ކުޅުންތެރިންނަކީ ކޮންސްޓަންޓިންގެ ގްރާސްރޫޓް ޕްލޭނުގެ ތެެރެއިން އައި ކުޅުންތެރިންނެވެ.

އިންޑިއާ ކޯޗުކަން 2005 ވަނަ އަހަރު ކޮންސްޓަންޓިން ދޫކޮށްލީ ވެސް އެ ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން ފެޑެރޭޝަނުގެ އެހީތެރިކަން ނުލިބޭ ކަަމަށް ބުނެފަ އެވެ.