28 ޖެނުއަރީ 2023 - 09:00

ރައީސް: އަޅުގަނޑުމެން ކުރިއަށް ވިސްނަންވީ. އަޅުގަނޑު މި ހުރީ ތިޔަ ހުރިހާ ބޭފުޅުންނާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރިއަށް ދާން.

ރައީސް: ދެން އޮތް މަރުހަލާ އަޅުގަނޑުމެންނަށް މާ ފަސޭހަ ވާނެ. އެއީ ޔަގީން ކަމެއް. އެމްޑީޕީ އަކީ އަބަދު ވެސް އެއްވިސްނުމެއްގައި ކުރިއަށް ދާ ޕާޓީއެއް. އަޅުގަނޑުމެން މިކަމުގައި ދެފަޅިއެއްގައި އޭރު ތިއްބަސް ދެ ފަޅީގައި ވެސް އޮންނާނީ އެއްވިސްނުމެއް. އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ، އިދިކޮޅާ ވާދަކޮށް މި ރޫހުގައި ނުކުމެ އިންތިހާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން.

ރައީސް: އަޅުގަނޑުމެންގެ މަސައްކަތް އަދި މި ފެށުނީ. ޕާޓީ އެކީގައި ނުކުމެ ދެން އޮތީ ރިޔާސީ އިންތިހާބު ކުރުން. ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ އެކަން މި ނިމުނީއޭ. އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދެން މަސައްކަތް ކުރަންވީ. ފެންނަން ބޭނުން ނުވާ ކަންކަން ވެސް ހުރެދާނެ ވާދަވެރި އިންތިހާބެއްގައި. އެކަމަކު އަޅުގަނޑުގެ ހިތަކު އެއިން އެއްވެސް ކަމެއް ނެތް.

ކާމިޔާބު ފާހަގަ ކުރުމަށް އެމްޑީޕީ ހަރުގޭ ސަރަހައްދުގައި ރައީސް ގެންދަވަނީ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވަމުން

ޕްރައިމަރީ ވޯޓުގެ މިހާތަނަށް ފަންސަވީހަކަށް ފޮށި ނޫން ހުރިހާ ވޯޓު ފޮއްޓެއް ވަނީ ގުނައި ނިމިފައި. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިހާތަނަށް 22،000 ވޯޓު ވަނީ ކަށަވަރު ކުރައްވައިފައި. އެއީ 61 ޕަސެންޓް. ރައީސް މުހަންމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ގާތްގަނޑަކަށް 14،000 ވޯޓު. މި އަދަދަށް ބަލާއިރު، މިއަދު ބޭއްވި އިންތިހާބު ރައީސް ކާމިޔާބު ކުރެއްވިކަން ކަށަވަރުވެ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަން ވަނީ ޔަގީން ވެފައި.

ޕްރައިމަރީގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށް. ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުން އާދަޔާ ޚިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ ކަމަށް ވިދާޅުވި.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނީ 132 ވޯޓު ފޮށި ގުނައި ނިމި ނަތީޖާ އިއުލާންކޮށްފައިވާ ކަމަށް. އެ ފޮށިތަކަށް ބަލާއިރު 19,800 މީހުން ވޯޓުލާފައިވާ ކަމަށް. މި އިންތިހާބުގައި 57,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު

އިސްކަންދަރު ސްކޫލްގައި ބަހައްޓާފައި ހުރި ހިންވަރު ދާއިރާގެ ވޯޓް ފޮށި ގުނަން އުޅެނިކޮށް ބަަޔަކު ވަދެގަނެ ކަރުދާސްތައް ވީދާލަން މަސައްކަތްކުރުމުން ވަނީ ހައްޔަރުކޮށްފައި. އެތަނުގައި ހިނގި ހަމަނުޖެހުން ހުއްޓުވައި މައްސަލަ ހައްލުކުރުމަށް ފަހު މިހާރު ވަނީ ވޯޓު ގުނުން އަލުން ފަށާފައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުން ވެސް ތިބީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކު. އެ މަނިކުފާނަށް ތާއީދުކުރާ އެކި ބޭފުޅުން މިހާރު ގެންދަވަނީ މަރުހަބާ ދަންނަވަމުން.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ބެހެއްޓި 249 ފޮށީގެ ތެރެއިން މިހާތަނަށް ދެބައިކުޅަ އެއްބައި ފޮށި ގުނައި ނިމުނު އިރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރީގައި އުޅުއްވަނީ ތަފާތު ބޮޑުކޮށް. މިހާތަނަށް 140 ފޮށީގެ ނަތީޖާ ވަނީ މީޑިއާ އަށް އާންމުކޮށްފައި. މިހާތަނަށް ނަތީޖާ ދައްކާ ގޮތުން އިބްރާހިމް މުހަންމަދު ސޯލިހަށް ވަނީ 12،000 ވޯޓު ލިބިވަޑައިގެންފައި. މި އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 6،000 ވޯޓު. ވޯޓުގެ ނަތީޖާތައް އިއުލާންކުރަން ފެށީއްސުރެ، ރައީސް ގެންދަވަނީ 60 ޕަސެންޓްގައި ހިފަހައްޓަވަމުން. ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ވޯޓު ގުނައި ނިމުނު އިރު، ރައީސް އުޅުއްވަނީ 67 ޕަސެންޓްގައި. މި އިންތިހާބުގައި ވޯޓު ދީފައި ހުރި ގޮތުން، ބާކީ ހުރި ވޯޓުފޮށިތަކުން ރައީސް ބަލިވުމަކީ ވަރަށް ނާދިރު ކަމެއް. ސަބަބަކީ މިހާތަނަށް ގުނައި ނިމިފައި ހުރި ވޯޓުފޮށިތަކުގެ ތެރޭގައި އާބާދީ ބޮޑެތި ބައެއް ރަށްރަށް ވެސް ހިމެނޭތީ. އަދި މިހާތަނަށް ގުނި، އާބާދީ ބޮޑެތި ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވެސް ރައީސް ވަނީ ކާމިޔާބު ކުރައްވައިފައި.

މާލޭގެ ފޮށިތަކުން މާފަންފު ދެކުނު ދާއިރާގެ ފޮށިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 150 ވޯޓް ވަނީ ލިބިވަޑައިގެންފައި. ކުރީގެ ރައީސް ނަޝީދަށް ލިބިވަޑައިގަތީ 107 ވޯޓް. މިއީ 263 މީހަކަށް ވޯޓު ލެވޭ ފޮއްޓެއް.

ވޯޓު ގުނައި ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާންކުރަން ފަށައިފި: ކެންޑިޑޭޓުންގެ މަންދޫބުން ދަނީ ނަތީޖާ ސޯޝަލްމީޑިއާގައި އާއްމުކޮށް އުފާފާޅުކުރަމުން. އެގްޒިޓް ޕޯލްތަކުން ނަޝީދު މޮޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމުން ވަނީ އެމަނިކުފާނު 100 ޕަސެންޓް ހޯއްދަވާފައިވާ ފޮއްޓެއް ވެސް އިއުލާންކޮށްފައި. އެ ޓީމުން އާއްމުކުރާ ފޮށިތަކުން ބޮޑު އަޣުލަބިއްޔަތެއް މިހާތަނަށް ހޯދާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބައެއް ފޮށިފޮށީގެ ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށައިފި.

އިސްކަންދަރު ސްކޫލުގައި ހުރި ރ. އުނގޫފާރު، އިނގުރައިދޫ އަދި މަޑުއްވަރީ ފޮށީގެ ވޯޓުލުން 7 ޖަހަންދެން ކުރިއަށްދާނެ ކަމަށް އިއުލާންކޮށްފި. އެގޮތަށް ނިންމީ އެ ފޮށިތަކަށް ވޯޓުލުން ފެށުނީ ލަހުން ކަމަށް ވާތީ.

ސީއެޗްއެސްސީ ގައި ހުރި ވޯޓު ފޮށީގެ ވަގުތު އިތުރުކުރުމާ މެދު، ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ވަކި ގޮތެއް ނުނިންމި މިހާރު ވަނީ ވޯޓުލުން މެދުކެނޑިފައި.

ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ ފަހެއް ޖެހުމާ ހަމައަށް. އެކަމަކު ލަހުން ވޯޓުލާން ފެށި ތަންތަނުގައި ވަގުތު ވަނީ އިތުރުކޮށްފައި. އޭގެ ތެރޭގައި މާލޭގެ ބައެއް ފޮށިތައް ހިމެނޭ ކަމަށް އެމްޑީޕީން ބުނޭ.

ވޯޓުލާން ހަމަޖެހިފައިވާ ވަގުތު ހަމަވުމާ އެކު ފޮށިތައް ބަންދުކޮށް މިހާރު ވަނީ ބައެއް ފޮށިތައް ގުނަން ފަށާފައި.

އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުން ނަޝީދު %64.7 އާއެކު އޮތީ ކުރީގައި ކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ.

ބައެއް ވޯޓު ފޮށިތައް ކައިރީގައި ތިބި އެމަނިކުފާނުގެ އޮބްޒާވަރުންނާއި ތާއީދުކުރާ މީހުން، ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެން ވަގުތުން ދޫކޮށްލަން ގޮވާލާ ކަމަށް ވިދާޅުވެ ނަޝީދު ދެންމެ ޓްވީޓްކުރައްވައިފި. ނަޝީދު ވަނީ ވޯޓު ގަޑުބަޑު ކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވައިފައި.

އަދި އެފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ވެސް އެމްޑީޕީން ބުނޭ. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައި.

ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އެމްޑީޕީން އިލްތިމާސްކޮށް ޓްވީޓްކޮށްފި.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބަންދުވާން ގަޑިއިރަކަށް ވެއްޖެ. ހަމަނުޖެހުންތަކާ އެކު ވޯޓުލުން ކުރިއަށްދާ އިރު މާ ދިގު ކިޔޫތަކެއް ނެތް. އިލެކްޝަންސް ކޮމިޓީން ނިންމާފައި އޮތީ ފަހެއް ޖެހުމާ އެކު ވޯޓުލުން ނިންމާލުމަށް.

ވޯޓު ފޮށި ފަޅާލުމުގެ ތުހުމަތުގައި ގދ. ރަތަފަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި. އެނގިފައިވާ ގޮތުގައި މި ދެ މީހުން ނިސްބަތްވަނީ ނަޝީދުގެ ފެކްޝަނަށް.

ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ގާއިމްކޮށްފައި ހުރި ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުންތަކުގައި ވޯޓު ފޮށި ވަނީ ފަޅާލާފައި. އެ އަށް ފަހު ވޯޓު ކަރުދާސްތައް ނަގައި ބިން މައްޗަށް ވަނީ އުކާލާފައި. މިހާރު ފުލުހުން އަންނަނީ އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން. އެކަމަކު އަދި ވޯޓުލާން ނުފަށާ. ވޯޓު ފޮށި ފަޅާލައި ބިންމައްޗަށް ވޯޓު ކަރުދާސްތައް އުކާލި ވަގުތު އެ ތަނުން 2-3 ކަރުދާސް މީހަކު ގެންދިޔަ ކަމަށް ވޭ. ވޯޓުފޮށި ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ އަތް ވެސް ކޮންމެވެސް ވަރަކަށް ޒަހަމްވި.

ވާދަވެރި ކެމްޕޭނަކަށް ފަހު ފޯރީގައި މިއަދު ހެނދުނު ފެށި ޕްރައިމަރީގެ ވޯޓުލާން ގިނަ ބަޔަކު ނުނިކުމޭ. ވޯޓުލުމުގެ ހައްގު 57,000 އަށް ވުރެން ގިނަ މީހުންނަށް ލިބޭ. އެކަމަކު ވޯޓު ނިމެން ދެ ގަޑިއިރަށް ވެފައިވާ އިރު މިހާތަނަށް 15,000 މީހުން ވެސް ވޯޓެއް ނުލާ. ވޯޓުލާ މަރުކަޒުތަކުގައި ގެންގުޅޭ ކެންޑިޑޭޓުންގެ ހިސާބުތައް ދައްކާ ގޮތުގައި ތިނެއް ޖެހުމާ ހަމައަށް ވޯޓުލީ 11,500 މީހުން. މާލެ އިން މިހާތަނަށް ވޯޓުލީ 1,200 މީހުން. އެކަމަކު ކިޔޫތަކުގައި, ވޯޓުލާން މީހުން ނުކުމެ އެބަތިބި.

ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ހުރި ވޯޓު ފޮށި ކައިރީގައި ހަމަނުޖެހުން ހިނގައި، ފޮށި ބިންމައްޗަށް ވައްޓާލައި ކަރުދާސްތައް އުކާލައިފި. މައްސަލަ ދިމާވީ ނަޝީދުގެ ސަޕޯޓަރަކު ވޯޓު ލާން ފޯނު ހިފައިގެން ވަނުމުން، އެތަނުގައި ތިބި މީހުން އެކަމާ ހިތްހަމަނުޖެހި އުފެދުނު ޒުވާބެއްގެ ތެރެއިން.

ހުރިހާ އެންމެން ވެސް ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު ވޯޓުލައި ނިންމައި ދިނުމަށް ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެެއިން ޓީމުން އިލްތިމާސް ކޮށްފި. އެ ޓީމުން ކުރި ޓުވީޓެއްގައި ބުނީ، "އިރާދަކުރެއްވިއްޔާ ސާފު ވޯޓަކުން މޮޅުވާނެ" ކަމަށެވެ. އަދި ބުނީ، ވާދަވެރިން ވޯޓު ފޮށިތައް ގަޑުބަޑުކޮށް، މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށާއި އެ ކަންކަމުގައި ބައިވެރި ނުވާން އެދޭ ކަމަށް.

ވީޑިއޯ އަކުން ފެންނަ ގޮތުގައި ހިރިޔާ ސްކޫލުގެ ވޯޓު ފޮށި ކައިރީގައި ވަރަށް ބޮޑަށް ވަނީ ހޫނުވެފައި. ގޮނޑިއަކުން މީހަކަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ވެސް ފެނޭ. ނަމަވެސް އެތަނުގައި ތިބި މީހުން ވަނީ މާރާމާރީއަކަށް ބަދަލުވުމުގެ ކުރިން ކޮންޓްރޯލްކޮށްފައި. އަދި މިހާރު ބޮންޑޭ ވަނީ އަލުން ހޯލަށް ވަދެފައި.

ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ފޮށި ކައިރީގައި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގައި، އޭގެ ތެރެއިން މަޖްލިސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހޯލުން ބޭރުކޮށްލައިފި. ޒުވާބުގައި، ދެ ފަރާތުން ވަނީ މާރާމާރީގެ އިންޒާރުތައް ވެސް ދީފައި.

ލިސްޓުގައި ނެތް މީހަކު ވޯޓު ލާފައިވާ ކަމަށް ބުނެ، މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި ވަގުތީ ގޮތުން ދެންމެ ބަންދުކޮށްފި. ވޯޓުފޮށި ބަންދުކުރުމާ ހަމައަށް އެ ފޮއްޓަށް 151 މީހަކު ވޯޓުލާފައިވޭ. މި މައްސަލަ މި ޕްރައިމަރީގައި އެހެން ބައެއް ދާއިރާތަކުގެ ލިސްޓުން ވެސް ފާހަގަ ކޮށްފައިވޭ.
ގައްދޫ ވޯޓު ފޮށި ކައިރީގައި ހަމަނުޖެހުން ހިނގައި، ވޯޓު ފޮށި އެއްލާލައި ވޯޓު ކަރުދާސްތައް ބިންމައްޗަށް އުކާލައިފި. މައްސަލަ ހޫނުވީ ބޮޑީ ކެމެރާއެއް ހަރުކޮށްގެން ހުރި މީހަކު ވޯޓުލައި، އެ މަންޒަރު ރެކޯޑްކުރުމުން.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބްރޭ) "މިހާރު" އަށް ވިދާޅުވީ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާތަކެއް ލިބެމުންދާ ކަމަށް. މިހާތަނަށް ހުށަހެޅި ޝަކުވާތައް ބެލިއިރު މާބޮޑު މައްސަލަތަކެއް ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވި. އޭނާ ވިދާޅުވީ މާލޭގައި ބެހެއްޓި ގއ. ވިލިނގިލީ ފޮއްޓަކަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލައެއް ހުށަހެޅުމުން އެކަން ބަލަމުންދާ ކަމަށް. އެމްޑީޕީން މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން ނަމްބަރެއް އާއްމުކޮށްފައި. އިބްރޭ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވާފައި ވާނީ ޝަކުވާއަށް ހުށަހެޅުމަށް ފަހު ސައްހަކޮށްފައިވާ ލިސްޓެއް ކަމަށް. އެ ލިސްޓު އިންތިހާބުގެ ކުރިން ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބާ ބެހޭ ކޮމިޓީން ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި.
ލިސްޓުގައި ނަން ނެތީސް ބައެއް ފޮށިތަކަށް ވޯޓުލަމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ. މާލޭގައި ބެހެއްޓި ގއ. ވިލިނގިލީ ފޮށީގައި އެފަދަ މައްސަލައެއް ކުރިމަތިވެ ވޯޓުލުން ވަނީ ހުއްޓުވާފައި. އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި މަރުކަޒުތަކަށް ފޮނުވާފައި ވަނީ ޝަކުވާ ހުށަހަޅަން ހުޅުވާލައި, އެ ޝަކުވާތައް ރަނގަޅުކުރުމަށް ފަހު އާއްމުކުރި ލިސްޓު ކަމަށް.
މި ޕްރައިމަރީގެ ކުރިން ވެސް ވޯޓާސް ލިސްޓާ މެދު ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށްފައި. އެ ޓީމުން ބުނާ ގޮތުގައި އެމްޑީޕީގެ 39,000 މީހުން ވަނީ ދަފްތަރުން އުނިކޮށްފައި. އެކަމަކު އިންތިހާބާ ކޮމިޓީން ވަނީ ތުހުމަތުތައް ދިފާއުކޮށް ވޯޓާސް ލިސްޓު ސައްހަ ވާނެ ކަމަށް ބުނެފައި. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކުރިން އެ މެމްބަރުން އުނިކޮށްފައި ވަނީ އެހެން ޕާޓީތަކުގެ ގިނަ މެމްބަރުން ތިބުމުން ކަމަށް އެމްޑީޕީން ވަނީ ބުނެފައި.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކުރިން ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އީސީގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ 39،911 މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީވެފައިވާ މެމްބަރުން ހިމެނޭ ކަމަށް.
އެހެންވެ ގައުމީ މަޖިލީހުން އޭރު ނިންމީ އެމްޑީޕީގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވަގުތުން ސައްހަކުރަން. އެއާއެކު 39،000 މީހުންގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ މީހަކު ވަގުތުން ވަކިކުރުމަށާއި ީސީގެ ދަފްތަރުގައި ނުހިމެނޭ މީހުން މީހުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް އޭރު ނިންމި.
ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ވޯޓު ފޮއްޓަކަަށް ލިސްޓުގައި ނެތް މީހަކު ވޯޓު ދިން ކަމަށް ބުނެ މައްސަލަ ވަނީ ހޫނުވެފައި. އެކަމަކު މިހާރު މައްސަލަ ހައްލުވެފައިވާ ކަމަށް އެތަނުގައި ތިބި ނޫސްވެރިން ބުނޭ.
ގދ. ހޯނޑެއްދޫގައި މިވަގުތަށް ވޯޓުލުން ވަނީ މެދުކަނޑާލާފައި. އެ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށް. އެ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެންދަން އެއްބާރުލުން ނުލިބޭނެ ކަމަށް.
މިހާ ހިސާބަށް އައިއިރު އަދި އެހާ ގިނަ ބަޔަކު ވޯޓެއް ނުދޭ. މި އިންތިހާބުގައި 57،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވޭ. ވޯޓު ލާ ގިނަ މަރުކަޒުތަކުގައި މި ވަގުތު މާ ގިނަ ބަޔަކު ނެތް.
ވޯޓު ދެއްވުމަށް ފަހު ނަޝީދު ވަނީ އެތަނުގައި މަޑު ނުކުރައްވައި ވަޑައިގެންފައި. ނޫސްވެރިންނާ ވާހަކައެއް ނުދައްކަވާ.
ޕްރައިމަރީގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންތިހާބުގައި ވޯޓު ދެއްވައިފި. އެ މަނިކުފާނު ވޯޓު ދެއްވީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ އެ މަނިކުފާނުގެ ދާއިރާގެ ފޮއްޓަށް.
މާލޭގައި ތިބޭ އައްޑޫގެ މީހުންނަށް ހާއްސަ ކުރި ވޯޓު ފޮށީގެ މައްސަލަތައް ހައްލުކޮށް މިހާރު ވޯޓުލާން ފަށައިފި. އެ މީހުންގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އިއްޒުއްދީން ސްކޫލްގައި. ޖެހުނު މައްސަލައަކީ އައްޑޫގެ ދެ ދާއިރާގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ހަމަޖައްސާފައި އޮތުން. އެކަމަކު، ދެންމެ ވޯޓުލާން ފެށީ ހަމަ އެ ގޮތް ގަބޫލު ކޮށްގެން. އެއީ ކުރިން ވެސް ހަމަޖައްސާފައި އޮތް އުސޫލު
ރައީސް ވިދާޅުވި ގޮތުގައި "ޑަބަލް ޑިޖިޓް" ގެ ތަފާތަކުން އިންތިހާބުގައި ކުރި ހޯއްދެވޭނެ ކަމުގެ އުންމީދު އެބަ އޮތް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވޯޓު ދެއްވައިފި. ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ބޮޑު ތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް. އަދި އިންތިހާބު އޮޅުވާލުމުގެ ކަމެއް އެމްޑީޕީގެ އިންތިހާބުތަކުގައި ނުހިނގާނެ ކަމަށް ވިދާޅުވި.
ނަޝީދު ވޯޓު ލައްވަން ވަޑައިގަންނަވާނީ ޖަމާލުއްދީން ސްކޫލުގައި ހުންނަ ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށް ކަމަށް އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނޭ. ނަޝީދު ވޯޓު ލައްވަން ވަޑައިގަންނަވާނީ ހެނދުނު 11:00 އަށް.
ލ. މުންޑޫގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުލުން ފެށި ގޮތާ މެދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންތިހާބީ އެޖެންޓް ހަސަން ލަތީފް ވަނީ ޝަކުވާއެއް ފެންމަތި ކުރައްވާފައި. އޭނާ ވިދާޅުވީ މުންޑޫގައި ހެނދުނު ނުވައެއް ޖެހުމުގެ ކުރިން ނަޝީދުގެ މަންދޫބުން ނެތި ވޯޓުލުން ފަށާފައިވާ ކަމަށް. އޭގެ މާނައަކީ ވޯޓުލުން ފަށަން އޮތީ ނުވައެއް ޖަހާއިރު ކަމަށް ވިޔަސް 8:35 ގައި އެ ފޮއްޓަށް ވޯޓު އަޅާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި.
ކޮންމެ ފޮއްޓެއްގައި ވެސް ދެ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮފިޝަލުންނަށް ތިބެވޭ. އޮފިޝަލުން ނެތަސް ކަނޑައަޅާފައިވާ ގަޑިއަށް މީގެ ކުރިން ވެސް އެހެން އިންތިހާބުތަކުގައި ވޯޓުލުން ފަށާފައިވޭ.
ވ. ފުލިދު އާއި ފެލިދޫގައި ވޯޓުލުން ނުފެށޭ. ދެ ރަށުގެ ވޯޓު ފޮށި އޮޅުނީ ކަމަށް އޮފިޝަލުން ބުނޭ. ފުލިދޫގެ ފޮށި ގެންދެވިފައި ހުރީ ފެލިދު އަށް. މިކަން ހައްލުވެ ވޯޓުލުން ފެށޭނީ 11 ޖަހާއިރު ކަމަށް ވޭ.
މާލޭގައި ތިބޭ ރ. އަލިފުށީގެ މީހުންނާއި ރ. ދުވާފަރުގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ނިންމާފައިވާ މައްސަލަ ހައްލު ނުވާތީ އަދިވެސް ވޯޓުލާކަށް ނުފެށޭ. އަލިފުއްޓާއި ދުވާފަރު ދާއިރާ ރަޖިސްޓަރީ ކޮށްފައި ވަނީ ދެ ދާއިރާއެއްގެ ގޮތުގައި.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ މުޅި ރާއްޖޭގައި ވޯޓުލުން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް މަދު ސަރަހައްދުތަކެއްގައި އަދި ނުފެށޭ ކަމަށް. އެއީ ދެ ކެންޑިޑޭޓުންގެ މަންދޫބުން ފާހަގަކުރާ ހިތްހަމަނުޖެހުންތަކާ ހެދި ކަމަށާއި އޭގެތެރޭގައި އިންތިޒާމްކޮށްފައިވާ ގޮތާ މެދު މައްސަލަ ޖައްސަމުންދާ ކަމަށް ވިދާޅުވި. ކެންޑިޑޭޓުންގެ މަންދޫބުން ހިތްހަމަނުޖެހުނު ކަންކަމުގެ ތެރޭގައި ބައެއް ދާއިރާ އެއްކޮށްލައި ވޯޓުފޮށި ބަހައްޓާފައިވުން ހިމެނޭ. އިއްޒުއްދީން ސްކޫލާއި އައްޑޫ މަރަދޫގައި ވެސް މައްސަލަ ދިމާވެ ހައްލެއް ހޯދަން އަންނަނީ މަސައްކަތްކުރަމުން.
މައްސަލަ ހައްލުކޮށް، އައްޑޫގެ ބައެއް ދާއިރާތަކުގެ ވޯޓުލުން މިހާރު ފަށައިފި.
އައްޑޫގައި ބަހައްޓާފައިވާ އެއްވެސް ފޮއްޓަކަށް ވޯޓުލާން ނުފެށޭ ކަމަށް އެ ސިޓީގައި ހަރަކާތްތެރިވާ "މިހާރު" ގެ ޓީމުގެ މެމްބަރަކު ބުނޭ. އެއް ސަބަބަކީ ވޯޓު ކަރުދާހުގެ އަދަދާ މެދު ޔަގީންކަން ނެތުމުން އަލުން ގުނަން ބޭނުން ވާތީ ކަމަށް އޭނާ ބުނި.
އެކި މައްސަލަތަކާ ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓުލުން އަދި ނުފަށާ. އޭގެ ތެރޭގައި އެއް ފޮއްޓަކަށް ދެ ވޯޓާސް ލިސްޓް ކަނޑައަޅާފައި އޮތް އޮތުން ހިމެނޭ. އަދި ތަފާތު ދެ ދާއިރާގެ މީހުން އެއް ފޮއްޓަކަށް ވޯޓުލުމަކީ ވެސް މައްސަލައަކަށް ވަނީ ވެފައި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00-10:30 އާ ދެމެދުގެ ވަގުތެއްގައި. އެ މަނިކުފާނު ވޯޓު ލައްވާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ފޮއްޓަށް.
މާލޭގައި ތިބޭ ރ. އަލިފުށީގެ މީހުންނާއި ރ. ދުވާފަރުގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ނިންމާފައި ވާތީ މައްސަލަ ވަނީ ހޫނުވެފައި. އެހެންވެ އެ ފޮއްޓަށް ވޯޓުލާކަށް އަދި ނުފަށާ. އަލިފުއްޓާއި ދުވާފަރު ދާއިރާ ރަޖިސްޓަރީ ކޮށްފައި ވަނީ ދެ ދާއިރާއެއްގެ ގޮތުގައި.
ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފަށައިފި. ވޯޓުލުން ފެށިއިރު ބައެއް މަރުކަޒުތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ގޮސް އެބަ ތިބި.
މީގެ 18 އަހަރު ކުރިން އުފެއްދި އެމްޑީޕީގެ ތާރީހުގައި ބާއްވާ އެންމެ ވާދަވެރި އަދި ބަހުގެ ހަމަލަތަކާއި ކޯޅުން އެންމެ ބޮޑު ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.
އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މި ޕްރައިމަރީގެ ވޯޓުލުން މިއަދުގެ ހެނދުނު 9 އިން ހަވީރު 5 އަށް ކުރިއަށް ގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލެވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ކޯޅުމާއެކު، ދެ ބޭފުޅުން ވެސް ވަކި ކެންޑިޑޭޓެއް ކަނޑައަޅައިގެން މިދިޔަ އަހަރުގެ މޭ މަހު ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލީ 48،000 މީހެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ފަހަރު ނުކުމެ ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވީ 52 ޕަސެންޓުންނެވެ.
ކުޑައިރުން ފެށިގެން އެންމެ ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ވެރިކަމުގެ ވާދަވެރިކަމާ ހެދި އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑު ކޯޅުމަކަށް ގޮސްފަ އެވެ. މި ކެމްޕެއިންގައި ވެސް ފެނުނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަދި ދެ ބޭފުޅުންގެ ކެމްޕެއިން ޓީމުތަކުން ވެސް ޒާތީވެ، ބަހުގެ ހަމަލަތައް ދެމުން ދިޔަ ތަނެވެ.
ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރަައީސް ވިދާޅުވެފައި ވަނީ ނަޝީދާއެކު ހުންނަވާނެ ކަމަށެވެ.