8 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޝާޒް އާއި އަޒްރާ
8 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޝާޒް އާއި އަޒްރާ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވި މި އަހަރުގެ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާ ހޯދައިފި އެވެ.

8 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޝާޒް އާއި އަޒްރާ
8 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޝާޒް އާއި އަޒްރާ

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝާޒް ހޯދީ ރޭ ކުޅުނު ފައިނަލް ގައި އިސްމާއިލް ސުވެއިދާ ވާދަކޮށް 11-10 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގައި ސުވެއިދު 6-4 ފްރޭމުން ކުރީގައި އޮއްވައި ޝާޒް ވަނީ ބޮޑު ލީޑެއް ނެގި އެވެ. ނަމަވެސް 10-7 ފްރޭމުން ޝާޒް ކުރީގައި އޮއްވައި ސުވެއިދު އެއްވަރު ކުރި މެޗުގެ ޑިސައިޑިން ފްރޭމް ގެންދިޔައީ މިދިޔަ އަހަރުގެ ރަނަރަޕް ޝާޒް އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅެމުން ދިޔަ ވަގުތު ގައުމީ ބިލިއާޑް ސެންޓަރުގައި އަންހެން ޑިވިޝަންގެ ފައިނަލް ވެސް ކުރިއަށް ދިޔަ އެވެ.

ގައުމީ ރޭންކިން އަށް ގުނާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އަޒްރާ ހޯދީ، މިދިޔަ އަހަރުގެ ރަނަރަޕް ދީނާ އަހުމަދާ ވާދަކޮށް 7-3 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އަންހެން ޑިވިޝަން ގައި އެންމެ ގިނަ ރަންއައުޓް ޖެހީ އައިޝަތު އަލީ އެވެ. އަދި ފިރިހެން ޑިވިޝަން ގައި އެންމެ ގިނަ ރަންއައުޓް ޖެހީ މުހައްމަދު ސާހިލް ހަމީދެވެ.

އަންހެން އަދި ފިރިހެން ޑިވިޝަންގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް ވަނީ ހަމަހަމަކޮށް ފައިސާގެ އިނާމެއް ދީފަ އެވެ.

ޗެމްޕިއަން ކުޅުންތެރިޔާއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ކުޅުންތެރިޔާ އަށް ވަނީ 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނައިން ފެށިގެން އަށްވަނައަށް ދިޔަ ކުޅުންތެރިންގެ އިތުރުން އަންހެން ތިންވަނަ އާއި ހަތަރުވަނަ ކުޅުންތެރިޔާ އަށް 300 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި ވެއެވެ. ހަމަ އެއާ އެކު އެންމެ ގިނަ ރަންއައުޓް ޖެހި ކުޅުންތެރިންނަށް ދިނީ 500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

1- އާމިނަތު އަޒްރާ

2- ދީނާ އަހުމަދު

3- އާމިނަތު ހަލީމް

4- އާމިނަތު އަޒީމާ

1- ހަސަން ޝާޒް މުހައްމަދު

2- އިސްމާއިލް ސުވެއިދު

3- މުހައްމަދު ޝަރީފް

4- އަހުސަން ހާޝިމް

5- ހުސެއިން ފަޔާޒް

6- މުހައްމަދު ސާހިލް ހަމީދު

7- އަލީ ފަޔާޒް

8- އިސްމާއިލް ޖީހާން