27 ޖެނުއަރީ 2023 - 18:41

މި އަހަރުގެ ފަހުކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން މިއަދު ހަވީރު ނިންމާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓު ލެވޭ ގޮތަށް އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ. އެހެންވެ، ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތައްތައް ބޭއްވީ މިއަދު ހަވީރު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިންތިހާބުގެ ކެމްޕެއިންގެ ފަހު ހަރަކާތް ރައީސް ބޭއްވެވީ ހުޅުމާލޭގައި ރުއްގަނޑު އެކެއް ސަރަހައްދުގަ އެވެ. ކެބިނެޓު މިނިސްޓަރުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ހަރަކާތުގައި ބައިވެރިވި އެވެ.

ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ވަރަށް ޔަގީންކަމާ އެކު ރައީސް އެ ހަރަކާތުގައި ވިދާޅުވި އެވެ. އެކަމަކު، އިންތިހާބު ނިމުމުން މާޒީ އެކަހެރިކޮށް އެކުގައި މަސައްކަތް ކުރަން ނުކުތުމަށް އެދިވަޑައިގެންނެވި އެވެ.

ނަޝީދުގެ ކެމްޕެއިންގެ ފަހު ހަރަކާތަކަށް މިއަދު ބޭއްވީ މާލޭގައި ހިނގާލުމެކެވެ. އެ ހަރަކާތުގައި އެމަނިކުފާނު ވާހަކައެއް ނުދައްކަވަ އެވެ. ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވި އެ ހިނގާލުމުގެ ބޭއްވީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.

ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ނިންމާލީ އިންތިހާބުގައި ކާމިޔާބީ ދެއްވުމަށް އެދި ކުރި ދުއާއަކަށް ފަހު އެވެ. ނަޝީދުގެ ހިނގާލުން މަޖީދީ މަގުގެ ހެންވޭރުކޮޅުގައި ނިންމާލަމުން ހިނގާލުމުގެ ބައިވެރިންނާ އެކު ދުއާގައި ބައިވެރިވެވަޑައިގަތެވެ. އަދި ހުޅުމާލޭ ރުއްގަނޑު އެކަކަށް ދިޔަ ހުރިހާ ސަޕޯޓަރުންނާއެކު ރައީސް ސޯލިހު ވެސް އެމަނިކުފާނުގެ ކެމްޕެއިނުން ކުރި ދުއާގައި ބައިވެރިވެވަޑައިގަތެވެ.

ޕްރައިމަރީ އިންތިހާބަށް ދެ ބޭފުޅުން ބޭއްވި ފަހު ޖަލްސާތައް ބޭއްވީ ރޭގަ އެވެ. އެގޮތުން ރައީސް ސޯލިހުގެ ފަހު ޖަލްސާ އައްޑޫ ހިތަދޫގައި ބޭއްވި އިރު ނަޝީދުގެ ޖަލްސާ ބޭއްވީ މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.


