28 ޖެނުއަރީ 2023 - 07:19

ސިދްހާތް މަލްހޯތްރާ އާއި ރިޝްމިކާ މަންދަނާ ލީޑުރޯލުން ފެންނަ ސްޕައި ތްރިލާ ފިލްމު "މިޝަން މަޖްނޫ" އަށް ޖުމްލަކޮށް ލިބުނީ ވަރަށް ރަނގަޅު ރިވިއުތަކެކެވެ. ފިލްމު ބެލި ގިނަ ބަޔަކު އަންނަނީ ސިދްހާތުގެ މޮޅު އެކްޓިން އަށް ތައުރީފްކުރަމުންނެވެ.

އެކަމަކު، ބައެއް މީހުން އެ ފިލްމާދޭތެރޭ ހިތްހަމަ ނުޖެހި އަންނަނީ ހަޖޫ ޖަހަމުންނެވެ. އެއްބަޔަކު އެ ފިލްމާއި 2018 ވަނަ އަހަރު ނިކުތް އާލިއާ ބަޓާއި ވިކީ ކައުޝަލް އުޅޭ "ރާޒީ" ފިލްމާ އެއްގޮތް ކަމަށް ބުނާއިރު، އަނެއް ބަޔަކު، ހާއްސަކޮށް ޕާކިސްތާނުގެ ބައެއް މީހުން އަންނަނީ ފިލްމުގައި ދައްކައިދެނީ ޕާކިސްތާނުގެ "ސްޓީރިއޯޓައިޕް" އެއް ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

ޝަންތަނޫ ބާގްޗީ ޑައިރެކްޓުކޮށް ނެރުނު އެ ފިލްމު ބިނާކޮށްފައި ވަނީ 1970 ވަނަ އަހަރު އުޅުނު އިންޑިއާގެ އިންޓެލިޖަންސް އޭޖެންސީ ރިސާޗް އެންޑް އެނަލިޓިކް އޭޖެންސީ (ރޯ) ގެ އޭޖެންޓަކު (ސިދްހާތް) ޕާކިސްތާނުގައި ހުރި ނިއުކްލިއާ ފެސިލިޓީއެއް ހޯދުމަށް ހިންގާ މިޝަންއެއްގެ މައްޗަށެވެ.

އެ ފިލްމުގައި ޕާކިސްތާނު މީހުން ފެންނަނީ ބޮލުގައި ފަގުޑިއެއް އަޅައިގެން ތިއްބަ އެވެ. ޕާކިސްތާނު މީހުން ހިތްހަމަ ނުޖެހުނީ އެކަމާ އެވެ. އެ މީހުން ބުނަނީ އެއީ ޕާކިސްތާނު މީހުން ތިބޭ ގޮތް ނޫން ކަމަށެވެ. އަދި ފިލްމުގައި ދައްކާ ގޮތަށް އެހާ ފަސޭހަކޮށް ޕާކިސްތާނަކަށް ނުވަދެވޭނެ ކަމަށާއި އެއީ ހަގީގަތެއް ނެތް ފިލްމެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.
އެއަށް ރައްދުދެމުން ފިލްމުގެ ޑައިރެކްޓަރު "ޑީއެންއޭއިންޑިއާ" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ ފުރަތަމަ ކަމަކަށް، މިހާރު އެ ގައުމަށް ގޮސް ބަލާ ނަމަ ފިލްމުގައި ތިބޭ ގޮތަށް މީހުން ނުފެނަސް، އެ ފިލްމުގެ ހާދިސާ ހިނގާފައި އެ ވަނީ 1970 ގައި ކަމަށެވެ.
"ފިލްމު ހެދުމުގެ ކުރިން ނެޝަނަލް ޖިއޮގްރަފީން އަހަރުމެން ނެގިން އޭރު ޕާކިސްތާނުގެ ފޮޓޯތަކެއް. އަހަރެން ބޭނުންވީ ވީހާ ވެސް އަސްލާ އެއްގޮތަށް ފިލްމު ދައްކައިދެން. ގޫގުލް ވެސް އެ އޮތީ. ސާޗުކޮށްލައިފި ނަމަ އެނގޭނެ 1970 ގެ ޕާކިސްތާނު މީހުން ތިބޭނީ އެގޮތަށް، ސްޓޯލްތަކުގަ ޗާއި ބޯންކަން. ދެން ތި މީހުން ގޮތެއް ނިންމާނީ،" ޝަންތާނޫ ބުންޏެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެ މީހުން ބުނާ، ހަގީގަތާ ހިލާފު، ފަސޭހައިން އެތެރެވި ވާހަކަ އަށް ރައްދުދެމުން އޭނާ ބުނީ އެ ދުވަސްވަރު ރޯގެ ވާހަކައެއް ޕާކިސްތާނު މީހުންނަށް ނޭނގޭ ކަމަށެވެ. އިންޑިއާ އޭޖެންޓުންނަށް ކުދިކުދި މައުލޫމާތު ނަގައިގެން އެ މިޝަން ކުރިއަށް ގެންދާކަށް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ބުންޏެވެ.
"ފިލްމު ނިމޭތަނުން ދައްކާނެ އޭރު ޕާކިސްތާނުގައި ހުރި އެ ނިއުކްލިއާ ފެސިލިޓީގެ އަސްލު ފޮޓޯތަކެއް ކަޅާ ހުދުން ނަގާފަ ހުރި، އެއީ މި ފިލްމުގައި ދައްކައިދެނީ ހަގީގަތެއްކަން އެނގޭނެ ހެކި،" ޝަންތަނޫ ކިޔައިދިނެވެ.
ފިލްމު "ރާޒީ" އާ އަޅާކިޔާ ވާހަކަތަކަށް ރައްދު ދެމުން އޭނާ ބުނީ އެއީ ރީތި ފިލްމެއް ކަމަށާއި، އެ ފިލްމުގައި ހުރި ހަމައެކަނި އެއްގޮތް ކަމަކީ އެއީ ސްޕައި ތްރިލާއަކަށް ވެފައި ޕާކިސްތާނުގައި ހިނގާ ކަމެއްކަން އެކަނި ކަމަށެވެ.
"މިޝަން މަޖްނޫ" ރިލީޒްކުރީ މި މަހު 20 ގައި ނެޓްފްލިކްސްގަ އެވެ. އެއާ އެކު ގިނަ ބަޔަކު އެއަށް ތައުރީފްކޮށް، ސިނަމާތަކުގައި ރިލީޒްކުރުމަށް ވެސްް އަންނަނީ ގޮވާލަމުންނެވެ.