ޕްރައިމަރީ ގަޑުބަޑުކުރަން އެބަ ރާވާ، އެ ފުރުސަތެއް ނުދޭނަން: ނަޝީދުގެ ކެމްޕެއިން ޓީމު
ޕްރައިމަރީ ގަޑުބަޑުކުރަން އެބަ ރާވާ، އެ ފުރުސަތެއް ނުދޭނަން: ނަޝީދުގެ ކެމްޕެއިން ޓީމު

އެމްޑީޕީގެ ތާރީހުގައި ވެސް ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ ގަޑުބަޑުކުރަން، އެ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އެ ފުރުސަތު ނުދޭނެ ކަމަށް އެ މަނިކުފާނާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން މިއަދު ބުނެފި އެވެ.

ނަޝީދުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެެއްގައި، އެ މަނިކުފާނުގެ ކެމްޕެއިން އެޖެންޓު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މާދަމާ ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބު ކަމަށެވެ. އެހެންވެ، އިންތިހާބުގެ ކަންކަން ރަނގަަޅަށް ގެންދިއުމަކީ އިންތިހާބުގެ އޮފިޝަލުން ވަރަށް ސަމާލުކަން ދޭންޖެހޭ، މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ހަސަން ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން އެކި ކަންކަން ރާވަމުންދާ ކަމުގެ މައުލޫމާތު އެ ބޭފުޅުންނަށް ވަނީ ލިބިފަ އެވެ. އެ ވާހަކަތައް ގަބޫލުކުރާ ސަބަބުތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޕާޓީގެ ދަފްތަރުން 39،000 މީހުން ވަކިކުރުމަށްފަހު ވޯޓާސް ލިސްޓް އާއްމުކުރުމެވެ.

ޕްރައިމަރީ އިންތިހާބަށް އިލެކްޝަން ކޮމިޓީ އެކުލަވާލިއިރު އެކަމުގައި އިންސާފުވެރި ގޮތަކީ ކޮބައިކަން ނަޝީދަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ކިޔައިދިން ނަމަވެސް ބާރުގެ ބޭނުންކޮށްގެން އެކަން ނިންމާލީ ރައީސްގެ ފެކްޝަން ބޭނުންވާ ގޮތަށް ކަމަށް ހަސަން ވިދާޅުވި އެވެ.

ވިދާޅުވީ އެ ކޮމިޓީ އެކުލަވާލާފައިވަނީ ކޮމިޓީގެ މަސައްކަތާ މެދު ސުވާލު ނުއުދެފޭނެ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ވަރަށް ބައިވަރު ކަންކަން އެބަހުރި މި އިންތިހާބުގައި މާދަމާގެ ވޯޓާ ގުޅޭގޮތުން. އަޅުގަނޑުމެންނަށް އެ ލިބޭ މައުލޫމާތާ އެއްގޮތަށް އެކަން ކުރުމުގެ ފުރުސަތު އޮތްކަން އަދި އެކަން ކުރުމަށް މަސައްކަތް ވެސް ކުރާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަކު ދެ މަރުކަޒެއްގައި ވޯޓު ލުމަށް ވެސް، ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ދަނީ ރާވަމުންނެވެ. ހާއްސަކޮށް މާލޭގައި ވޯޓު ލުމަށްފަހު އެ މީހަކު ނިސްބަތްވާ ރަށަށް ވޯޓު ލުމަށް ހަމަޖައްސަމުންދާ ކަމަށާއި އެކަމަކު އެކަން ކުރިޔަ ނުދޭނެ ކަމަށާއި އެ ކެމްޕެއިން ޓީމުން ބުންޏެވެ.

އިންތިހާބު އޮޅުވާލުމަށް ރާވަމުންދާތީ ނަޝީދުގެ ފެކްޝަނުން ވަނީ މިކަމަށް ތައްޔާރުވެފަ އެވެ.

މިސާލެއްގެ ގޮތުން ނެންގެވީ ކ. މާފުށީގެ މާލެ ފޮށި ކައިރީގައި ނަޝީދުގެ މަންދޫބެއް އަދި މޮނީޓަރެއް ހުރުމެވެ. މާފުށީގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓު ލާއިރު ވެސް އެ މަނިކުފާނުގެ މަންދޫބަކާއި މޮނީޓަރެއް ހުންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މާފުށީގައި ތިބޭ މަންދޫބުންނާއި މޮނީޓަރުންނަށް އަދި މާލޭގައި ހުންނަ މާފުށީ ވޯޓު ފޮއްޓަށް ވޯޓު ލާ މީހުން ފެންނާނެ ގޮތަށް ފޮޓޯ ނަގަން ގްރޫޕެއް ވަނީ ހަދައިފަ އެވެ.

"އިދިިކޮޅު ފަރާތްތަކުން ސަކަރާތް ޖަހައި ގަޑުބަޑުކުރަން ނުވިސްނައްޗޭ. އެ ހަރަދު ނުކުރައްވައްޗޭ. ލޯންޗުތަކަށް މީހުން އަރުވައިގެން ގެންގޮސް އެހެން ފޮއްޓަކަށް ވޯޓު ލެވިދާނެ ކަމުގެ އުއްމީދުގައި އެކަން ނުކުރައްވައްޗޭ. ގަޑުބަޑޫ ނުކުރައްވައްޗޭ މި އިންތިހާބު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތިބީ މޮޅުވެގެން މިހާރު ވެސް." ހަސަން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ނިންމާލުމަށް ރޭ އައްޑޫގައި ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާއަށް މާލެއިން މީހުން ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އައިސްފައިވާއިރު، ބާކީ ތިބި މީހުން އައްޑޫގައި ވޯޓު ލުމަށްފަހު މާދަމާ މާލެ އައިސް ވޯޓު ލުމުގެ ފުރުސަތު އެބައޮތް ހަސަން ވިދާޅުވި އެވެ.

އެކަން ހުއްޓުވަން މާލޭގައި ހުންނަ އައްޑޫގެ ވޯޓު ފޮށިތަކުގައި ތިބޭ މޮނިޓަރުން ސަމާލުކަން ދޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.