އިބްތިހާލްގެ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރުމަކީ އިންޒާރުގެ މެސެޖެއް
އިބްތިހާލްގެ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރުމަކީ އިންޒާރުގެ މެސެޖެއް

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުލަތުގެ ބައެއް އިދާރާތަކުގެ ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ނިންމުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، މުއައްސަސާތަކުގެ މުވައްޒަފުންނަށް ދިިން އިންޒާރުގެ މެސެޖެކެވެ.

އިބްތިހާލްގެ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރުމަކީ އިންޒާރުގެ މެސެޖެއް
އިބްތިހާލްގެ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރުމަކީ އިންޒާރުގެ މެސެޖެއް

މަންމަ އާފިޔާ މުހައްމަދު އެ ކުއްޖާ އަށް ކުރާ އަނިޔާތައް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އޮތީ އައިސްފަ އެވެ. އެކަމަކު ފިޔަވަޅެއް ނޭޅި އޮއްވާ މަންމަގެ އަނިޔާވެރިކަމުގައި އިބްތިހާލް މަރުވުމުން އާންމުންގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުވީ ވެސް ދައުލަތުގެ މުއައްސަސާތަކަށެވެ.

އާފިޔާގެ ޝަރީއަތް ދަނީ ހިނގަމުންނެވެ. ދަރިފުޅަށް އަނިޔާކުރި ކަމަށް އެތައް ފަހަރެެއްގެ މަތިން ކޯޓުގައި އޭނާ ވަނީ އެއްބަސްވެފަ އެވެ.

އިބްތިހާލްގެ މަރަށް ދެ އަހަރު ފުރުނުތަނާ ހެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ހަފުތާގައި ވަނީ އެ މައްސަލާގައި އިހުމާލުވާ ދައުލަތުގެ ފަސް މުވައްޒަފަކާ ދެކޮޅަށް ދައުވާކުރަން ކޯޓަށް ފޮނުވައިފަ އެވެ. އެއީ ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރާއި ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އެ ހާދިސާ ހިނގިއިރު އެ މިނިސްޓްރީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދު އެވެ.

މިއީ މިފަދަ މަރެއްގައި ދައުލަތުގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ބުނެ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ޖިނާއީ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދައުލަތުގެ އިހުމާލު ހިމެނޭ ކަންކަމުގައި މިފަދަ ޖިނާއީ ދައުވާތައް އުފުލުމުގެ ބަދަލުގައި އިހުމާލުވި މުވައްޒަފުންނާ މެދު އަޅާފައިވަނީ އިދާރީ ފިޔަވަޅުތަކެވެ. އެކަމަކު މި ފަހަރު ދައުވާކުރަން ނިންމުމަކީ ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ މުވައްޒަފުން އިތުރަށް ޒިންމާދާރު ކުރަން އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އެތައް ބަޔަކު ދެކެ އެވެ.

ލިސާން ފިޔަވައި ބާކީ ތިބި މީހުންގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ލިސާންގެ މައްޗަށް ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާގެ ގާނޫނުގެ އިތުރުން ފުލުހުންގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންނަށް ދައުވާކުރީ އެ ހާދިސާ ހިނގިއިރު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ނުފަށާތީ އެވެ. ދައުވާކުރަން ޖެހޭނީ އެ ހާދިސާ ހިނގިއިރު އަމަލުކުރި ގާނޫނެއްގެ ދަށުންނެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ އަމުރަކާ ޚިލާފްވުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ.

ގަސްދެއް ނެތި ކުރާ ކަމަކުން ނުވަތަ އިހުމާލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެކަމުގެ އަދަބަކަށް އިސްލާމީ ޝަރީއަތުގައި އޮންނަނީ މަރުގެ ދިޔަ ދިނުމެވެ. އެކަމަކު ކަން ހިނގާފައިވާ ގޮތާއި އެކި މީހުން އިހުމާލުވެފައިވާ މިންވަރަށް ބަލައި، ގާނޫނުލް އުގޫބާތުގެ ދަށުން އެހެން ހުކުމެއް އައުން ވެސް އެކަށީގެންވެ އެވެ.

މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން އިހުމާލުގެ އަމަލަކުން މީހަކު މަރުވެއްޖެ ނަމަ ގިނަވެގެން ހަތަރު އަހަރަށް ޖަލަށް ލެވޭނެ އެވެ. އެކަމަކު ކުރީގެ ގާނޫނުލް އުގޫބާތުގައި އިހުމާލުގެ މަރަކީ ވަކި ކުށެއްގެ ގޮތުގައި ބުނެފައެއް ނެތެވެ. އަދި ކުށް ކުރިއިރު އެ ކުށަށް އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށްކުރި މީހާއަށް ދިނުން ގާނޫނު އަސާސީ މަނާކުރެ އެވެ. އާ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންނަށް ދައުވާ ނުކުރީ އެހެން ވެގެންނެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ އިބްތިހާލްގެ މަރުގައި ދައުލަތުގެ އިހުމާލެއް އޮތްތޯ ބެލުމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެވުމަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެވެ.

އެ ފަސް މީހުންގެ ތެރެއިން ޝުޒާދުގެ އިހުމާލު އެ މައްސަލާގައި އޮތް ކަމަށް ޖެންޑާ މިނިސްޓްރީގެ އިންޓާނަލް ތަހުގީގަށް ވެސް ސާބިތުވި އެވެ. އެހެންވެ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ފަހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އޭނާގެ އިހުމާލުވިކަން ސާބިތުނުވާ ކަމަށާއި އެ ވަޒީފާ އޭނާއަށް އަނބުރާ ދިނުމަށެވެ. އެކަމަކު މިހާރު އެ ވަޒީފާގައި އޭނާ ނޫޅެ އެވެ.

އިބްތިހާލް މަރުވުމުގެ ހިތާމަވެރި ހާދިސާގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ނިންމުމަކީ، ބައެއް މީހުންގެ ނަޒަރުގައި، ކުރިއެރުމެކެވެ. މީގެ ނަތީޖާއަކަށް ވާނީ ހަމައެކަނި އިބްތިހާލަށް އިންސާފު ލިބުމެއް ނޫން ކަމަށް އެމީހުން ދެކެ އެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.