27 ޖެނުއަރީ 2023 - 06:35

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ގައުމީ ރޭންކިން އަށް ގުނާ މި އަހަރުގެ 8 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ފަހު ދެ ޖާގަ ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާ ހޯދައިފި އެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުން ޝާޒް ޖާގަ ހޯދީ ރޭ ކުޅުނު ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް ގައި 9-2 ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްފަ އެވެ.
ޝަރީފް ސެމީ ފައިނަލަށް ދަތުރު ކުރީ، މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ކަޓުވާލި އަހުސަން ހާޝިމް އާ ވާދަކުރި މެޗު 9-5 ފްރޭމުން ގެންގޮސްގެންނެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ޝާޒް އާ ދެކޮޅަށް ފައިނަލް ގައި ބައްދަލު ކުރާނީ، ވިނާޒް ބްރެކެޓްގެ ސެމީ ގައި އޭނާއާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދި އިސްމާއިލް ސުވެއިދެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ އަޒްރާ ހޯދީ، ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް ގައި ރޭ 5-1 ފްރޭމުން އާމިނަތު ހަލީމް ބަލިކޮށްގެންނެވެ.
އާމިނަތު ހަލީމް ސެމީ އަށް ދަތުރު ކުރީ އާމިނަތު އަޒީމާ އާ ވާދަކޮށް ފަސް ފްރޭމުން މެޗު ކާޟިޔާބު ކޮށްގެންނެވެ. މި މެޗުގައި އަޒީމާ އަށް އެންމެ ފްރޭމެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
ފައިނަލް ގައި އަޒްރާ ވާދަކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް ދީނާ އަހުމަދެވެ. ވިނާޒް ބްރެކެޓްގެ ސެމީ ގައި ދީނާ ވަނީ އަޒްރާ ބަލި ކޮށްފަ އެވެ.
ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8 ޖަހާއިރެވެ.