26 ޖެނުއަރީ 2023 - 22:59

މި ސަރުކާރާ މެދު ކަންބޮޑުވަނީ އެމްޑީޕީގެ ފިކުރާ ދުރުވެ، ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކުރާތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވަނީ އެ ޕާޓީގެ ސިޔާސަތާ ދުރު، ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކުރާތީ ކަމަށެވެ. އަދި ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަނީ އެމްޑީޕީގެ ވެރިކަން އެމްޑީޕީއަށް އަލުން ހޯދުމަށްޓަކައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ޕާޓީގެ ވިސްނުމާއި މި ޕާޓީގެ ފިކުރާ ދުރުވެ، މުޅިން އަޅުގަނޑުމެންނާ ބީރަށްޓެހި ކަންތައްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމީ އެމްޑީޕީގެ އެންމެ މެމްބަރުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް. މި އިންތިޚާބު އަޅުގަނޑުމެން މި ކާމިޔާބު ކުރަނީ އެމްޑީޕީ އަލުން އަނބުރާ އެމްޑީޕީ މެމްބަރުންނަށް ހޯދުމަށްޓަކައި،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމަނިކުފާނު ޕްރައިމަރީގައި ބަލި ކުރެވޭނެ ކަމަށް ވާދަވެރިން ހީކުރިޔަސް އެމްޑީޕީގެ މެމްބަރުން ތިބީ އެގޮތަށް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ތި ބޭފުޅުން ތި ތިއްބެވީ ނިކުންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ފަސޭހަކަމާ އެކީ ކާމިޔާބު ކުރާނެ." އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޕްރައިމަރީގައި މަކަރު ނުހެދޭނެ ކަމަށާއި ވޯޓެއް ވެސް ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބުކޮށް، އެމްޑީޕީގެ ދެވަނަ ވެރިކަމެއް ހޯއްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ބަދަލުވެފައި. އަޅުގަނޑުމެން ދެނެއް ނުގަނެވޭނެ." ނަޝީދު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ނަޝީދު މިރޭ ފެނުނީ އާއްމުކޮށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ގޮތާ ތަފާތުކޮށް، ބައިވެރިންނާ އެކު ވައުދުތައް ތަކުރާރު ކުރެއްވިތަނެވެ. ޖީއެސްޓީ ކުޑަކުރުމަށާއި ސްޓޫޑެންޓް ލޯނާއި ގައުމުގެ ދަރަނި ރީސްޓްރަކްޗާކޮށް ފަރުދުންގެ އާމްދަނީ ދެގުނަކޮށްދެއްވާނެ ކަމުގެ ޔަގީންކަމާ އެކު އެތަނުގައި ތިބި ސަޕޯޓަރުންނާ އެކު އަތްތިލަބަޑި ޖައްސަވައި ހެއްދެވި އެވެ.
ވާހަކަފުޅު ދެއްކެވި އިރު ވެސް އެތަނުގައި ހުރީ އެމަނިކުފާނުގެ ކެމްޕޭން ލަވަ ވެސް ޖަހައިފަ އެވެ.
ކުރުކޮށް މިރޭ ދެއްކެވި ވާހަކަފުޅު ނިންމާލެއްވީ މި ޕްރައިމަރީ ކާމިޔާބުވެފައިވާ ކަމަށާއި ދެން އޮތީ ރިޔާސީ އިންތިހާބު ކަމަށް ވިދާޅުވަމުންނެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ކެމްޕޭން ނިންމާލާ ޖަލްސާއަށް ވިޔަސް ނަޝީދު ފިޔަވައި އެހެން ބޭފުޅަކު މިރޭ ހަކަފުޅެއް ނުދައްކަވަ އެވެ. ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވައި ސަޕޯޓަރުންނާ ސަލާމް ކުރެއްވުމުގައި ވަގުތުތަކެއް ނަޝީދު ހޭދަ ކުރެއްވި އެވެ. ދެން ފެނުނީ ކުއްލިއަކަށް އެމަނިކުފާނު މޮޓޯ ކޭޑްގައި ވަޑައިގަތްތަނެވެ.
ނަޝީދުގެ ކެމްޕޭން ޖަލްސާ ކުއްލިގޮތަކަށް ނިންމާލި ސަބަބާ މެދު ސުވާލު އުފައްދަމުންދިޔަސް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނީ މިރެއަށް ޖަލްސާ ރާވާފައި އޮތީ އެގޮތަށް ކަމަށެވެ. އެއީ ކުރުކޮށް، ތަފާތު މެސެޖްތަކަކުން ނިންމާލުން ކަމަށެވެ. ކެމްޕޭންގެ އެންމެ ފަހު ހަރަކާތަކީ މާދަމާ ހަވީރު އޮންނަ ހިނގާލުން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.