26 ޖެނުއަރީ 2023 - 21:24

ހުޅުމާލެ 2ގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތަށް އަމާޒުކޮށް ހިޔާ ފްލެޓެއްގެ މަތިން އެއްލި ފެން ކޮތަޅެއް މާބަނޑު މީހެއްގެ ބަނޑުގައި މިއަދު ޖެހިއްޖެ އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދަނިކޮށް، އެ ސަރަހައްދުގައި ތިބި ހަފުލާގެ ބައިވެރިންނަށް އަމާޒުކޮށް ފެންކޮތަޅު އެއްލީ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.
މަތިން އެއްލި ފުރަތަމަ ކޮތަޅު ޖެހުނީ އެޗްޑީސީގެ މާބަނޑު މުވައްޒަފުގެ ބަނޑުގަ އެވެ. އޭނާއަށް އަނިޔާވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ހާދިސާ ހިނގުމާ އެކު އޭނައަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޓެސްޓުތައް ހެދުމަށް ފަހު ދެމައިންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލަދީ އެޗްޑީސީން ބުނެ އެވެ.
އޭގެ ފަހުން ވެސް އިތުރު ފެން ކޮތަޅެއް އެ ސަރަހައްދަށް އެއްލި އެވެ. އެ ކޮތަޅު އެއްލާފައިވަނީ އެ ތަނުގައި ތިބި މީހުން މައްޗަށް ބަލަހައްޓައިގެން ތިއްބަ އެވެ. އޭގެ ވީޑިއޯއެއް އެޗްޑީސީން އާއްމުކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހުން އެކަމަށް ޝައްކުވާ އެޕާޓްމަންޓް ފުލުހުން ފާސްކުރަން ދިޔައިރު އެ އެޕާޓްމަންޓުގެ ބެލްކަނީގައި ހުރީ ކުޑަކުއްޖަކު ބަހައްޓައިފަ އެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނީ ސިޔާސީ ބޭނުމަށް މަދު ބަޔަކު އިސްނަގައިގެން ރާވައި ހިންގާ މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް ހިންގަމުން ދިއުމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވާ ކަމެކެވެ.
ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލައި، އަޅަންޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"މި ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތްކުރަމުން ގެންދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް. އެގޮތުން، މިއަދު ހުޅުވިގެންދިޔަ ޖީޕީ ކްލިނިކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކްލިނިކެއް." ބަޔާނުގައި ބުންޏެވެ.
"ޖީޕީ ކްލިނިކް" ގެ ނަމުގައި ހިޔާ ފްލެޓުގެ 16 ވަނަ ޓަވަރުގައި އެ ތަން ހުޅުވީ ވެސް، ހުޅުމާލެ ހޮސްޕިޓަލަށް ބާރުބޮޑުވުމުންނެވެ. މިއީ، އާބާދީ ބޮޑު ދެ ވަނަ ފިޔަވަހިން ސަރުކާރު ހޮސްޕިޓަލެއްގެ ހިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބޭ ފުރަތަމަ ފަހަރެވެ.