27 ޖެނުއަރީ 2023 - 06:32

އިނގިރޭސި ވިލާތުގެ ސަރުކާރަށް އާމްދަނީ ލިބޭ އިމާރާތްތައް ބަލަހައްޓާ "ދަ ކްރައުން އެސްޓޭޓް" އިން ޓްވިޓާގެ މައްޗަށް ދައުވާކޮށްފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅު އެޅީ ޓްވިޓާގެ އޮފީސް އިމާރާތަކަށް ދައްކަންޖެހޭ ކުލި ނުލިބިގެން އެ ކުންފުންޏާ ވާހަކަ ދައްކައިގެން ވެސް ފައިސާ ނުލިބުމުން ކަމަށެވެ. ވިޓާއިން ކުލީގެ ގޮތުގައި ދޭން ޖެހެނީ ކިހާވަރެއްކަން ހާމައެއް ނުކުރެ އެވެ.

ކްރައުން އެސްޓޭޓުން ބަލަހައްޓާ ތަންތަނުގެ އަގު 19.2 ބިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރު އެ ތަންތަނުން އާމްދަނީގެ ގޮތުގައި 285 މިލިއަން ޑޮލަރު ލިބިފަ އެވެ.
ޓްވިޓާއިން ކުލި ނުދެއްކި މައްސަލަ، މިދިޔަ ހަފްތާގައި ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. މިދިޔަ އަހަރުގެ ނިމުމުގެ ކުރިން ޓްވިޓާގެ މާލީ ރިޕޯޓު އިނގިރޭސިވިލާތުގައި ހާމަކުރަން ޖެހެ އެވެ. އެކަމަކު އަދިވެސް އެ ކުންފުނިން އެ ހާމައެއް ނުކުރެ އެވެ.
ޓްވިޓާއިން ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، އެމެރިކާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް އެ ކުންފުނިން ކުލި ނުދައްކާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
އެމެރިކާގެ ސޭން ފްރެންސިސްކޯގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި، އެ ސިޓީގައި ހުރި ޓްވިޓާ ހެޑް އޮފީހަށް، މިދިޔަ ޑިސެމްބަރު މަހާއި މި މަހުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 6.8 މިލިއަން ޑޮލަރު ނުދައްކައިގެން، އެ އޮފީސް ހިންގާ އިމާރާތުގެ ވެރިފަރާތުން ވެސް ވަނީ ޓްވިޓާގެ މައްޗަށް ދައުވާކޮށްފަ އެވެ.
ޓްވިޓާގެ އޭޝިއާ ދެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، އޮފީހަށް ނުނިކުމެ ގޭގައި މަސައްކަތް ކުރުމަށް ވެސް ދާދިފަހުން އެންގިކަމަށް ބްލޫމްބާގުން ބުނެފައިވެ އެވެ.
ޓެސްލާ އަދި ސްޕޭސްއެކްސް ސީއީއޯ އީލޮން މަސްކު 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަތުމަށް ފަހު އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، މިހާތަނަށް ދެ ބައިކުޅައެއްބަޔަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، އެ ޕްލެޓްފޯމުގެ ގިނަ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.