8 ބޯލް ޗެމްޕިއަންޝިޕް: ޗެމްޕިއަން ހުސެއިން ކަޓައިފި، ޝާޒް ބަލިކޮށް ސުވެއިދު ފައިނަލަށް
8 ބޯލް ޗެމްޕިއަންޝިޕް: ޗެމްޕިއަން ހުސެއިން ކަޓައިފި، ޝާޒް ބަލިކޮށް ސުވެއިދު ފައިނަލަށް

ގައުމީ ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ 8 ބޯލް ޗެމްޕިއަންޝިޕް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ އިސްމާއިލް ސުވެއިދު ހޯދައިފި އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލަށް ސުވެއިދު ދަތުރު ކުރީ ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލް ގައި މިދިޔަ އަހަރުގެ ރަނަރަޕް ހަސަން ޝާޒް މުހައްމަދާ ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 9-7 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ސުވެއިދު ސެމީ އަށް ދަތުރު ކުރީ 9-2 ފްރޭމުން އަހުސަން ހާޝިމް ބަލިކޮށްފަ އެވެ. އަދި ޝާޒް ސެމީ އަށް ދަތުރު ކުރީ 9-5 ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ.

ވިނާޒް ބްރެކެޓުން ޝާޒް ކެޓި ނަމަވެސް ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މުބާރާތުގެ ލޫޒާސް ބްރެކެޓްގެ ސެމީ ފައިނަލް މެޗުގައި އޭނާ ކުޅޭނެ އެވެ. މި މެޗު ކާމިޔާބު ކޮށްގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ޝާޒް އަށް އަދިވެސް އެބަ އޮތެވެ.

ލޫޒާސް ބްރެކެޓް ސެމީ ގައި ޝާޒް އާ ދެކޮޅަށް ނުކުންނާނީ މިރޭ މުހައްމަދު ޝަރީފާއި އަހުސަމް ހާޝިމް ބައްދަލުކުރާ މެޗުން މޮޅާ ކުޅުންތެރިއެކެވެ.

ލޫޒާސް ބްރެކެޓް ގައި ރޭ އަލީ ފަޔާޒް އާއި ހުސެއިން ފަޔާޒް ބައްދަލު ކުރި މެޗު 9-5 ފްރޭމުން ކާމިޔާބު ކުރީ ހުސެއިން ފަޔާޒެވެ. ހުސެއިން އަށް ދެން ޖެހުނީ ސުވެއިދު އަތުން ބަލިވި ހާޝިމް އާ ދެކޮޅަށް ކުޅޭށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން ހުސެއިން ވަނީ 9-4 ފްރޭމުން ހާޝިމް އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.

އިސްމާއިލް ޖީހާނާ ވާދަކޮށް 9-5 ފްރޭމުން ރޭގެ މެޗް ކާމިޔާބު ކުރި މުހައްމަދު ސާހިލް ހަމީދު ވަނީ މުހައްމަދު ޝަރީފާ ވާދަކޮށް ބަލިވެފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ސާހިލްގެ މައްޗަށް ޝަރީފް ކުރި ހޯދީ 9-8 ފްރޭމުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ، މިދިޔަ އަހަރުގެ ރަނަރަޕް ދީނާ އަހުމަދެވެ. ދީނާ ފައިނަލަށް ދަތުރު ކުރީ، ރޭ ކުޅުނު ސެމީ ފައިނަލް ގައި 5-1 ފްރޭމުން އާމިނަތު އަޒްރާ ބަލި ކޮށްފަ އެވެ.

ދީނާއާ ދެކޮޅަށް ކުޅެ ބަލިވިއަސް އަޒްރާ އަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އަދި އެބަ އޮތެވެ. ލޫޒާސް ބްރެކެޓްގެ ސެމީ ގައި އަޒްރާ މިރޭ ކުޅޭނީ، އާމިނަތު އަޒީމާ އާއި އާމިނަތު ހަލީމް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

އާމިނަތު ހަލީމް ވަނީ ރޭ ކުޅުނު މެޗު 5-1 ފްރޭމުން އާއިޝަތު އަލީ ބަލިކޮށްފަ އެވެ. އަދި އަޒީމާ ވަނީ ރޭ ސީދާ ފަސް ފްރޭމުން ފަޒްނާ މޫސާ ބަލިކޮށްފަ އެވެ.

އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް އޮންނާނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރެވެ.