27 ޖެނުއަރީ 2023 - 06:31

ނެޓްފްލިކްސްގެ ޕާސްވޯޑު ޝެއާ ކުރުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. އެއް އެކައުންޓަކުން ފަސް ވަރަކަށް މީހުން އާންމުކޮށް ބަލަ އެވެ. އެކަމަކު، އެހެން މީހެއްގެ އެކައުންޓަކުން ނެޓްފްލިކްސް ހިލޭ ނުބެލޭ ގޮތަށް ހަދަން ނިންމި ނިންމުން ހަރުކަށިކޮށް ތަންފީޒުކުރަން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސް އިން މާލީ ހިސާބުތަކާ އެކު ބުނެފައިވަނީ ޕާސްވޯޑު ޝެއާ ކުރުމަށް އަގު ނެގުން މި އަހަރުގެ ފުރަތަމަ ކުއާާޓާގެ ތެރޭގައި ފަށާނެ ކަމަށެވެ. ސީދާ ވަކި ތާރީހެއް ނުބުންޏަސް، އެންމެ ލަސްވެގެން އަންނަ އޭޕްރިލް މަހުން ފެށިގެން އަގު ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސަބް އެކައުންޓްތައް ބޭނުންކޮށްގެން ހިލޭ ނެޓްފްލިކްސް ބަލާ މީހުންގެ އަދަދު 100 މިލިއަނަށް ވުރެ ގިނަ އެވެ. އެކަމުގެ ސަބަބުން ނެޓްފްލިކްސް އަށް އިތުރަށް އިންވެސްޓު ކުރުމަށާއި އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ވިޔަފާރި ފުޅާކުރަން ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
"ނެޓްފްލިކްސް އަށް އިތުރު ފީޗާސްތައް އިތުރުކޮށް ރަނގަޅު ތަޖުރިބާއެއް ދިނުމަށްޓަކައި މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. އޭގެ ތެރޭގައި، ނެޓްފްލިކްސް ބޭނުންކުރާ ޑިވައިސް ރިވިއުކުރުމާއި އެހެން އެކައުންޓަކަށް އެ މީހެއްގެ ޕްރޮފައިލް ބަދަލުކުރުން ފާހަގަކޮށްލަން" ނެޓްފްލިކްސް އިން ބުންޏެވެ.
ގިނަ ބަޔަކު ހިލޭ ނެޓްފްލިކްސް ބޭނުން ކުރާތީ އެ ގެއްލުމުން އަރައިގަތުމަށް، މިދިޔަ އަހަރު އެ ކުންފުނިން ވަނީ ސަބްސްކްރިޕްޝަން ފީ ބޮޑުކޮށްފަ އެވެ.
ޕާސްވޯޑު ޝެއާކުރުމުގެ ފިޔަވަޅުތައް ފުޅާކުރާނެކަން ފާހަގަކޮށް ނެޓްފްލިކްސް އިން ބުނީ، އެކައުންޓުގެ ވެރިފަރާތާ އެއްތަނެއްގައި ނޫޅޭ މީހަކަށް ސަބް އެކައުންޓެއް ދޭ ނަމަ އިތުރަށް ޗާޖުކުރުމުގެ އިހްތިޔާރު ލިބޭނެ ކަމަށެވެ.
މިއީ މީގެ ހައެއްކަ އަހަރު ކުރިއާ ދިމާ އިދިކޮޅެވެ. އޭރު ނެޓްފްލިކްސް އަށް މުހިންމުވީ ބަލާ މީހުންގެ އަދަދެވެ. އަދި ޕާސްވޯޑު ޝެއާކުރުމަށް ސަޕޯޓުކޮށް ނެޓްފްލިކްސް އިން ވަނީ ޓްވީޓު ވެސް ކޮށްފަ އެވެ.
ސަބް އެކައުންޓުތަކަށް ފައިސާ ނެގުމުގެ ސިޔާސަތުގެ ޓެސްޓުތަކެއް މިހާރު ދެކުނު އެމެރިކާގައި އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އެގޮތުން، ކޮސްޓަ ރިކާ އާއި ޗިލީ އަދި ޕެރޫގައި މިހާރު ގޭގައި ނޫޅޭ މީހަކަށް ސަބް އެކައުންޓެއް ދޭ ނަމަ، ދޭއް ނުވަތަ ތިން ޑޮލަރު އިތުރަށް ނަގަ އެވެ.
ޕާސްވޯޑު ޝެއާކުރުން ވެފައި ވަނީ ސްޓްރީމިން އިންޑަސްޓްރީގައި ބޮޑު މައްސަލައަކަށެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި، އަހަރަކު ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރުގެ ގެއްލުން އެކަމުގެ ސަބަބުން އެ އިންޑަސްޓްރީ އަށް ވެ އެވެ.