ދުއްތުރާ
ދުއްތުރާ

ނަވާރަ ސަތޭކަ ނުވަދިހަވަނަ އަހަރެވެ. އަހަރެންގެ އުމުރުން އޭރު ދިހަ އަހަރު ފުރިއްޖެއެވެ. ދިރިއުޅުނީ ރަށުގައެވެ. ގެ ހުންނަނީ ތެޅިގަލުން ރާނައިފައެވެ. ވަޔާއި އަލި ވެއްދުމަށްޓަކައި ފާރުގައި އާނގުތަކެއް ކަނޑައިފައި ހުރެއެވެ. ބައެއް އާނގުތައް ހުންނަނީ މީހެއްގެ އިސްކޮޅަށް ވުރެ މާ މަތީގައެވެ. ގޯތިތެރޭގައި ވަރަށް ގިނަ ގަސް ހުރެއެވެ. ބޮޑު ފޭރުގަހަކާއި އަނބުގަހެއް ވެސް ހުރެއެވެ. ގޭގެ ބޭރު ފާރު ރާނައިފައި ހުންނަނީ އުނަގަނޑާ ހަމައަށް ތިރިކޮށެވެ. ގޭގައި ހުންނަނީ ތިން ކޮޓަރިއެވެ. އެއް ކޮޓަރީގައި ދޮންތަގެ ދެމަފިރިންނާއި ތިން ދަރިންނެވެ. އަނެއް ކޮޓަރީގައި އަހަންނާއި ތުއްތައެވެ. ތިންވަނަ ކޮޓަރީގައި މައިންބަފައިންނެވެ. ތިން ކޮޓަރިން ވެސް ބޮޑުކޮޓަރިއަށް ނުކުމެވެއެވެ. މާލޭގެ ގޭގޭގައި ހުންނަ ކަހަލަ ސޯފާއާއި ބޮޑެތި ޓީވީއެއް ބޮޑުކޮޓަރިއަކު ނުހުރެއެވެ. އަހަރުމެންގެ ގެއަކީ އާދައިގެ ގެއެކެވެ. އެކަމަކު، އަހަރުމެން އުޅެމުންއައީ ވަރަށް އެކުވެރިކޮށެވެ.

ދޮންތައަކީ ވަރަށް މަޑުމައިތިރި، ބަސްމަދު މީހެކެވެ. ހިކިކޮށް ހުއްޓަސް އިސްކޮޅުން ދިގެވެ. އިސްތަށިގަނޑު ދިގުވެފައި ބުޅިއެވެ. ބާރަށް ވާހަކަދެއްކުމާއި ބާރަށް ހުނުމަކީ އޭނަ ކުރާ ކަމެއް ނޫނެވެ. ދުވެ ސަކަރާތްޖަހައި، އަހަރެން ފަދައިން ގަސްގަހަށް ނުވަތަ ފާރަށް އަރައެއް ނަހަދައެވެ. ގޮނޑިއަށާއި އެނދުމައްޗަށް ކޮޅަކަށް ވެސް ނާރައެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ވެސް ދޮންތަ އުޅެނީ އެހެންނެވެ. ވަކި މީހަކުދެކެ ބިރަކުންނެއް ނޫނެވެ. އެއީ ދޮންތަގެ މިޒާޖެވެ. ދޮންތަބޭ ވަޒީފާއަދާކުރަނީ ރިސޯޓެއްގައެވެ. ރަށަށް އަންނާނީ ވަރަށް މަދުންނެވެ. ބައްޕައަކީ މަސްވެރިއެކެވެ. ގޭގައި ގިނަ ވަގުތު އުޅޭނީ އަހަރުމެން ތިންބެއިންނާއި، ކުޑަ ތިން ކުދިންނާއި، އަހަރުމެންގެ މަންމައެވެ.

ރެއެއްގެ އިރާދަމުގެ ވަގުތެވެ. ޔަގީނުން ވެސް ނުވައެއް ނުޖަހާނެއެވެ. އަހަރެން އޮތީ ވާހަކަފޮތެއް ހިފައިގެން އެނދުގައެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލައިފައި ދޮންތަގެ ތިން ކުދިން ދުވެފައި ވަނެވެ. އެ ކުދިން ތިބީ ވަރަށް ކަންބޮޑުވެފައެވެ. ހާސްވެފައެވެ.

"މަންމައަށް ކޮންމެވެސް ކަމެއް ވެއްޖެ!" އެއް ކުއްޖަކު ރޮއިގެންފައި ބުންޏެވެ. "ހިނގާބަލަ!"

އަހަރެން ފޮތް އެއްލައިލައިފައި ދުވެފައި ނުކުތީމެވެ. އަހަންނާއި އެކުގައި ތުއްތައާއި، މަންމަ ވެސް އައެވެ. ދޮންތަގެ ކޮޓަރިއަށް އަހަރުމެން ވަނީމެވެ. އޭނަ ފެނިފައި އަހަރެންގެ ގައިން ހީބިހިނަގައިގެންދިޔައެވެ. ދޮންތަ އިނީ ކޮޓަރީގެ ކަނެއްގައި އިށީނދެގެން ދެ ލޯ ބޮޑުކޮށްލައިގެންނެވެ. އިސްތަށިގަނޑު ހުރީ ހާވައިލައިފައެވެ.

"އެންމެން މި ތަނުން ނުކުމޭ!" ބިރުވެރި އަޑަކުން ދޮންތަ ވާހަކަދެއްކިއެވެ. "މަށަށް ކަޅިއަޅާނެކަމެއް ނެތް. މަ މިހެން ބައިންދާ!"

ދޮންތަ ދުވަހަކު ވެސް އެ އަޑަކުން ވާހަކައެއް ނުދައްކައެވެ. އަހަރުމެން އެންމެން ވެސް ބިރުގަތެވެ. ކުދިން އެ ތަނުން ނެރުނީމެވެ. ދޮންތައަށް ވެފަހުރީ ކިހިނެއްކަން ނޭނގުނު ނަމަވެސް، އެއް ކަމެއް އަހަރުމެންނަށް ކަށަވަރު ވިއެވެ. އޭނަގެ ކަރުތެރެއިން ނުކުތީ އޭނަގެ އަޑެއް ނޫނެވެ. ކުދިން ބުނި ގޮތުގައި، އެ ކުދިން ކޮޓަރިއަށް ވަންއިރު ވެސް ދޮންތަ އިނީ އެހެންނެވެ. އެހެންވީ ކީއްވެކަމެއް އެ ކުދިންނަކަށް ވެސް ނޭނގެއެވެ. ރުޤްޔާއަކީ އޭރު ދިވެހިން ދަންނަ ލަފުޒެއް ނޫނެވެ. އަހަރުމެން ގެނައީ އިދުރީސްބެއެވެ. އޭނައަކީ "ފަންޑިތަހަދާ" މީހެކެވެ. އިދުރީސްބެ އައިސް ކިޔެވިއެވެ. ދޮންތައަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އެކަމަކު، އިތުރަށް ގޯހެއް ވެސް ނުވެއެވެ. އަނގައިން ނުބުނެ އިނުން ނޫންކަމެއް ދޮންތަ ނުކުރެއެވެ.

"އޭނަ އުޅޭނެ ދަންވަރު ބޭރަށް ނުކުންނަން،" އިދުރީސްބޭ ބުނި އަޑު އަހަރެން އެހީމެވެ. "ގޭގެ ދޮރު ތަޅުލާފަ ބަހައްޓާތި! އޭނަ ދޮރުތަކުގަ ޓަކިޖަހާނެ. އެކަކު ވެސް ދޮރު ނުހުޅުވާތި! އޭނަ ހުރެދާނެ ކޮންމެ ފަދަ ގޮތަކަށް ވެސް."

ދުވަސްވަރަކީ އަނބު މޫސުމެވެ. ގޯތިތެރޭގައި ހުރި ބޮޑު އަނބުގަސް އޮތީ އަނބުއަޅައި ބަރާވެފައެވެ. ބާރު ވައިރޯޅިއެއް ޖެހިލިޔަސް އަނބު ވެރެއެވެ. އަނބުފަންޏާއި، އަނބުރިހައާއި، ހުސްއަނބު ވެސް އަހަންނަށް ވަރަށް މީރެވެ. ރޭގަނޑު އަނބެއް ވެއްޓޭ އަޑު އިވޭއިރަށް އަހަންނަށް ދުއްވައިގަނެވެއެވެ. އިދުރީސްބޭ ކިޔަވައިފައި ދިޔަ ރޭ އަހަރެން ދެބަދޭތެރޭގައި އޮއްވައި ދެ އަނބު ވެއްޓުނު އަޑު އިވުނެވެ. ފުންމައިގެން ތެދުވެ، ދޮރު ހުޅުވައިލައިފައި ގޯތިތެރެއަށް ދުއްވައިގަތީމެވެ. ގަޑިން ވީއިރެއް ނޭނގެއެވެ. މީހަކު ހޭލައެއް ނޫޅެއެވެ. ގޯތިތެރެ އޮތީ އަނދިރިކޮށެވެ. އެ އަނދިރީގައި ވެސް އަނބު ހޯދުމަކީ އަހަރެން ވަރަށް ކުޅަދާނަކަމާ އެކުގައި ކުރާ ކަމެކެވެ. އޭރު އިދުރީސްބޭ ބުނި އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. އެ ކަމާ އަހަރެން ހައިރާނެއް ނުވެއެވެ. ހައިރާންވީ އަނބެއް ނުފެނުނީމައެވެ.

"ނުކުތީ ނުކުތީ!" ދޮންތަގެ އަޑު އިވުނެވެ. "ކައިފިކައިފި. ނުފެންނާނެ!"

އަޑު އިވުނީ ވަރަށް ގާތުންނެވެ. މީހަކު ނުފެނުނެވެ. އަނބެއް ވެއްޓޭ ކަހަލަ އަޑެއް ކުއްލިއަކަށް އިވުނެވެ. ދެ އަތުން ބޮލުގައި އަތްއަޅައިފައި އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ގޭގެ ފާރުގެ އެންމެ މަތީގައި ހުރި އާނގެވެ. އެއީ ފުރާޅުގައި ކިރިޔާ ޖެހޭނުޖެހޭ ހިސާބެވެ. ދޮންތަ ހުރީ އެ އާނގުން ބަލަހައްޓައިގެންނެވެ. ކޮޓަރީގައި ހުރި ފަނޑު އަލީގައި ދޮންތަގެ މޫނު އަހަންނަށް ރީތިކޮށް ފެނެއެވެ. އެ ހިސާބަށް އެރޭ ވަރުގެ ހަރުގަނޑެއް ގެއަކު ނުހުންނާނެއެވެ. އަހަރެން ދުވެފައި ގޮސް ގެއަށް ވަދެ ދޮރު ތަންޑުއެޅުވީމެވެ. އަހަރެންގެ ކޮޓަރިއަށް ވަދެ އެ ކޮޓަރި ވެސް ތަންޑުއެޅުވީމެވެ. ހަމަ އެޅުވިތަނާ ދޮރުގައި މީހަކު ޓަކިޖަހައިލިއެވެ. އެއްވެސް ކޮޓަރިއަކުން ނުކުތް މީހަކަށް އެހާ އަވަހަކަށް ދޮރަކު ޓަތްކެއް ނުޖެހޭނެއެވެ. އިދުރީސްބޭ ބުނި ވާހަކަ ހަނދާންވީ އެ ވަގުތުއެވެ. އަހަރެން ދޮރެއް ނުހުޅުވަމެވެ. އެތައް އިރަކު މަޑުމަޑުން ޓަކިޖެހުމަށް ފަހު އެ ކަން ހުއްޓުނެވެ.

އަހަންނަށް ފެނުނު ކަންތަކުގެ ވާހަކަ މަންމަ ގާތުގައި ބުނީމެވެ. މަންމަ ހީކުރީ އެއީ ވަހުމެއްކަމަށެވެ. ވާނީ ވެސް އެހެންނެވެ. އެ ކަހަލަ ކަންތައްތައް ގަބޫލުކުރެވެނީ ތިމާގެ ލޮލަށް ފެނުނީމައެވެ. އަހަންނަށް އެންގީ ރޭގަނޑު އަނބު ހޮވަން ނުނިކުތުމަށެވެ. ދުވާލު ދޮންތަ ހުރީ ރަނގަޅެށެވެ. އާދަޔާޚިލާފު އެއްވެސް ކަމެއް ނުފެނެއެވެ. އެންމެން ހީކުރީ ދެން ރަނގަޅުވީކަމަށެވެ. ކަންތަކާޖެހުނީ ރޭނގަޑެވެ. ގަޑިން އޭރު އަށެއްޖަހަނީއެވެ. އަހަރުމެން ތިބީ ކާށެވެ. ދޮންތަ އިނީ އަހަންނާ ޖެހިގެންނެވެ. ބައްޕަ އިނީ އަހަރެންގެ ކުރިމަތީގައެވެ.

"މި ރޭ ދޮންތަ ކޮޓަރީގަ ދޯ ނިދާނީ؟" އަހަރެންގެ ބޮލުގައި ފިރުމައިލައިފައި ދޮންތަ ބުންޏެވެ.

އަހަރެން އިނީ ޝައްކެއްމަތީގައެވެ. ދޮންތަގެ އެނދުގައި ނިދުމަކީ އަހަރެން ކުރި ކަމެކެވެ. ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. ދޮންތަ އެއްކޮށް ރަނގަޅުވީބާއެވެ؟ ރޭގަނޑު އަހަންނަށް ފެނުނު މަންޒަރު ރަނގަޅަށް ހަނދާން ހުއްޓެވެ. ބައްޕަގެ މޫނަށް އަހަރެން ބަލައިލީމެވެ. ބައްޕަ ބޯޖަހައިލިއެވެ. އަހަރެން އެއްބަސްވީ އެ ކަން ކުރާހިތަކުން ނޫނެވެ. އިންކާރު ކުރަން ނުކެރުނީއެވެ.

އަހަރުމެން ނިދަން އޮށޯތީ އެކުއެކީގައެވެ. އޮށޯވެގެން އޮތްއިރު ވެސް އަހަންނަށް ފެންނަނީ ފާރުގެ އެންމެ މަތީގައި ހުރި އާނގުއެވެ. އެހާ ހިސާބަށް ދޮންތަ އެރީ ކިހިނެއް ހެއްޔެވެ؟ އެއީ ހާދަހާ މައްޗެވެ.

"ކޮންމެވެސް ކޮންމެވެސް މަގޭ ގައިގަ ފައިން ނުޖަހާތި!" އަހަރުމެންގެ ދެމެދުގައި ކަންނެޔޮ ބާއްވަމުން ދޮންތަ ބުންޏެވެ.

އިތުރު ވާހަކައެއް އަހަރުމެން ނުދައްކަމެވެ. އޮށޯވެގެން ތިބީއެވެ. އަނބު ވެއްޓޭ އަޑު އިވުނެވެ. އަހަރެން ނުތެދުވަމެވެ. ނިދުނުއިރެއް އަހަންނަކަށް ނޭނގެއެވެ. ކޮންމެވެސް އަޑެއް އަހަންނަށް އިވިގެން ސިހިފައި ހޭލެވުނެވެ. އެނދަށް ބަލައިލިއިރު އެނދަކު ދޮންތައެއް ނެތެވެ.

"ހާދަހާ ދުއްތުރާއެއް އެބަ ކުރެޔޭ،" ދޮންތަގެ އަޑު އިވުނެވެ. "މި ވަރަކުން ނުނިދޭނެ."

އަހަރެން ބަލައިލިއިރު ދޮންތަ އިނީ ކޮޓަރީގެ ކަނަށް ބިތްޖެހިފައެވެ. ވަރުބަލިވެފައިވާ ކަހަލައެވެ. ވަރަށް ފުންކޮށް ނޭވާލިއެވެ. އެހެން އިނދެފައި ކަނާއަތު އަތްތިލަ އަނގައަށް ލައިފައި ނިޔަފަތިތައް ހަފަން ފެށިއެވެ. ބުޅި އިސްތަށިގަނޑު ހުރީ، ސިންގާއެއްގެ ހުޅިގަނޑު ފަދައިން ފުފިފައެވެ. އަހަންނަށް އެ މަންޒަރު ފެނުނީ ވަރަށް ބިރުވެރި ގޮތަކަށެވެ. އެނދުގައި އިންނާކަށް ނުކެރުނެވެ. ތެދުވެގެން ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން ދޮންތަ ވެސް ދުއްވައިގަތެވެ. އަހަރެން ވަނީ މަންމަގެ ކޮޓަރިއަށެވެ. އަދި މަންމަގެ ބިއްދޮށަށްއަރައި އޮށޯތީމެވެ. މަންމަ ސިއްސައިގެން ގޮސްފައި ހޭލިއެވެ.

"ދޮންތައަށް ކޮންމެވެސް ގޮތެއް ވެފަ ހުރީ!" އަހަރެން ބުނީމެވެ. "އޭނަ އެބަ އާދޭ މަ ބަލާ! އަވަހަށް މަ ފޮރުވާ މަންމާ!"

މަންމައަށް އިތުރުކަމެއް ނުކުރެވިގެން އުޅެނިކޮށް ދޮންތަ އައިސް އެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަހަރެން އޮތީ ސިއްރުން ބަލާށެވެ. ދޮންތައަށް އަހަރެން ފެނުނުހެނެއް ހިއެއްނުވެއެވެ. އޭނަ ނިކަން ރަނގަޅަށް ހޯދިއެވެ.

"ކޮބާ އޭނަ؟" ދޮންތަ ސުވާލުކުރިއެވެ.

"ކޯނައެއް؟" މަންމަ ވެސް ކުރީ ސުވާލެކެވެ. "މި ތާކަށް ނާދޭ އެކަކު ވެސް. ގޮސް ނިދަންއުޅޭ!"

ދޮރު ހުޅުވައިގެން ދޮންތަ އިރުކޮޅަކު ހުއްޓެވެ. ވަންނާނެކަން އަހަންނަށް ޔަގީންވިއެވެ. މަންމަގެ ބުރިކަށީގައި، ކުރިއަށް ވުރެ ވެސް ބޮޑަށް އަހަރެން ތަތްވެލީމެވެ. މަންމަގެ އަތުން މަޑުމަޑުން އަހަރެންގެ ގައިގައި ޖަހައިލިއެވެ. ރައްކާތެރިކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. ދޮންތަ އެތެރެއަކަށް ނުވަދެއެވެ. އިރުކޮޅަކު ހުރެލައިފައި ދިޔައީއެވެ.

އިދުރީސްބެ އައިސް ކޮންމެ ރެއަކު ވެސް ކިޔަވައެވެ. ދޮންތަ އެއްކޮށް ރަނގަޅެއް ނުވެއެވެ. ބައެއް ފަހަރު ވަރަށް ބޮޑުވަރު ވެއެވެ. އަނެއްބައި ފަހަރު އާންމު އިންސާނެއް އުޅޭހެން އުޅެއެވެ. ދޮންތަގެ ކުދިން އަބަދު ތިބެނީ ބިރުންނެވެ. މަންމަގެ މޫޑު ބަދަލުވާނެ ވަގުތެއް އެ ކުދިންނަކަށް ނޭނގެއެވެ. އެކަކަށް ވެސް ނޭނގެއެވެ. ބައްޕަ ބޭނުންވީ އެ ކަން ނިންމާލާށެވެ. އެ ކަމާ ބެހޭގޮތުން ބައްޕައާއި އިދުރީސްބޭ ވާހަކަދެއްކި އަޑު އަހަރެން އެހީމެވެ. އަޑު ނީވޭކަމަށް ހެދިގެން ހުރެއެވެ.

"މި ކަން ނިންމާލެވިދާނެ. އެއްވެސް ކަމެއް ނޫން،" އިދުރީސްބޭ ޔަގީންކަމާ އެކުގައި ބުންޏެވެ. "އެކަމަކު ކުޑަ ހިތްވަރެއްކުރަން ޖެހޭނެ. އިތުރު އެއްޗެއް ހޯދާނެކަމެއް ނެތް. މާދަމާ ރޭ ނުވައެއްޖަހާއިރަށް ތައްޔާރުވޭ!"

އަހަރެން ބިރުގަނެއެވެ. އެހެންނަމަވެސް، އެ މަންޒަރު ބަލަން ވެސް ބޭނުންވިއެވެ. އެންމެނަށް ވުރެ ކުރިން އަހަރެން ތައްޔާރުވީމެވެ. ގަޑިން ނުވައެއްޖެހިއެވެ.

ނުނިމޭ