ރިސޯޓު ތަރައްގީ ކުރާ ބޯހުރާގެ ބައުންޑްރީގައި ސާފިން ޕޮއިންޓް ނުހިމެނޭނެ: ޓޫރިޒަމް މިނިސްޓްރީ
ރިސޯޓު ތަރައްގީ ކުރާ ބޯހުރާގެ ބައުންޑްރީގައި ސާފިން ޕޮއިންޓް ނުހިމެނޭނެ: ޓޫރިޒަމް މިނިސްޓްރީ

މ. މުލީ ކައިރީގައި އެ ރަށު ފަޅު ތެރޭގައި އޮންނަ ބޯހުރާ، ޓޫރިޒަމަށް ދޫކުރާއިރު އެތަނުގެ ބައުންޑްރީގެ ތެރޭގައި މަޝްހޫރު ސާޕް ޕޮއިންޓްތައް ނުހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާޅާ އަޅާ މަޝްހޫރު މަންޒިލެއް ކަމަށްވާ ބޯހުރާ އާއި އިތުރު ރަށްތަކެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ބިޑް ހުށަހަޅަން މިދިޔަ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

އެއާއެކު، ސާފިންއަށް ލޯބި ކުރާ މީހުންނާއި ތިމާވެށި ހިމަޔާތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކުން އަންނަނީ އެތަނުގައި ހުންނަ ސާފް ޕޮއިންޓް ހަލާކުވެދާނެތީ ނުރުހުންފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މިނިސްޓްރީއިން މި މަހު 23 ގައި ބީލަން ހުށަހަޅަން ހުޅުވާލި ބޯހުރާގެ ބައުންޑްރީގެ ތެރޭގައި އެ ރަށް ކައިރީގައިވާ މަޝްހޫރު ސާފްޕޮއިންޓް ނުހިމެނޭ ކަމަށެވެ. އަދި ޓޫރިޒަމްއަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާފް ޕޮއިންޓް ވަކިކުރުމަށްފަހު ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެފަދަ ސާފް ޕޮއިންޓެއް އާންމުންނާއި ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭނެ ގޮތަކަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ބޯހުރާ ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލީ އެ ރަށް ހިއްކުމަށް ހުއްދަ ދޭ ގޮތަކަށް ނޫން ކަމަށެވެ. އޭގެ އިތުރުން، ބޯހުރާއަށް އަރާ ފޭބުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށު ކައުންސިލާއި ރިސޯޓް ޑިވޮލޮޕަރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށް ބުނެފައިވެ އެވެ.

ޓޫރިޒަމްއަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައި ވަނީ ރިސޯޓުގެ ފަޅު ކަނޑައަޅާ އިރު، އެ ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާފިން ޕޮއިންޓްތަކާއި ޓޫރިސްޓް އެޓްރެކްޝަންސް ގޮތުގައި މިނިސްޓްރީން ކަނޑައަޅާފާއިވާ ތަންތަން ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅަން ވާނީ އެފަދަ ތަންތަން ނުހިމަނައި ކަމަށެވެ.