09 ޖޫން 2016 - 09:13

އާމިރު ޚާން މިހާރު ކުޅެމުންދާ ފިލްމު "ޑަންގަލް"ގައި އޭނާ ކުޅެނީ ރެސްލިންތަޅާ މީހެއްގެ ބައެވެ. މިއަހަރުގެ ޑިސެމްބަރު 25 ގައި އެ ފިލްމު ރިލީޒްކުރަން ތައްޔާރުވަމުންދާއިރު އާމިރު ދެން ކުޅޭނެ ފިލްމެއްގެ ރޭވުންތައް މިހާރުއްސުރެ ވަނީ ފެށިފަ އެވެ.
އިންޑިއާ ޓައިމްސްގައި ބުނާ ގޮތުން މިވަގުތު އާމިރު އުޅެނީ "ޑަންގަލް" ނިންމާލައި އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ފެށުމުގެ ތައްޔާރީތަކުގައި ވަރަށް އަވަދިނެތި އެވެ. ނަމަވެސް ދެން ކުޅޭނެ ފިލްމެއް އާމިރު މިހާރު ވެސް ވަނީ މުޅިން ފައިނަލް ކޮށްފަ އެވެ.
ރެސްލިންތަޅާ ފަހުލަވާނެއްގެ ރޯލުން އާމިރު ދެން ދާން ބޭނުންވަނީ ދުނިޔެއިން ވެސް ބޭރަށް ދާށެވެ.
އާމިރު ދެން ކުޅެން ފަށާ ފިލްމުގައި އޭނާ ކުޅެނީ އިންޑިއާގެ ފުރަތަމަ އެސްޓްރޮނޮޓް ރާކޭޝް ޝަރުމާގެ ރޯލު ކަމަށްވެ އެވެ.
ރާކޭޝް ޝަރުމާ އަކީ އިންޑިއަން އެއާފޯސް ޕައިލެޓެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކޮށްފައިވާ މީހެކެވެ. އިންޓަކޮސްމޮސް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ސޮޔޫޒް ޓީ-11 ގައި އޭޕްރީލް 3، 1984 ގައި ޝަރުމާ ވަނީ ދުނިޔޭން ބޭރަށް ދަތުރު ކޮށްފަ އެވެ.
ޝަރުމާގެ މި ކާމިޔާބީ ފާހަގަކޮށް އިންޑިޔާ ސަރުކާރުން ވަނީ އޭނާއަށް ޝަރަފުވެރި އެވޯޑުތަކެއް ދީފަ އެވެ.