25 ޖެނުއަރީ 2023 - 09:38

ކްލަބް ފުޓްބޯޅައިގައި އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. އޭގެ ފަހުން ކްލަބް ފުޓްބޯޅައިގެ ހަރަކާތްތައް ދަނޑުބޭރުގައި ފެންމަތިވީ ކުޅުންތެރިންގެ މުސާރަތަކުގެ މައްސަލައިގަ އެވެ. ކުރިއަށް އޮތް ސީޒަން ބާއްވާނެ ތާރީހެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.

މާޗު މަހު ފަހުކޮޅު ސީޒަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ކްލަބްތަކުގެ ބައެއް އޮފިޝަލުން ބުންޏެވެ. އެކަމަކު އެފްއޭއެމުން ރަސްމީ އެއްވެސް ސިފައެއްގައި އާ ސީޒަންގެ އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.

ކުރިން ރާއްޖޭގައި މަސައްކުރި ބޭރުގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ކްލަބް ފުޓްބޯޅަ ނެތުމަކީ ގައުމީ ޓީމަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. ފުޓްބޯޅަ ސީޒަން ފެށޭނެ ތާރީހެއް ނޭނގުނަސް މި އަހަރަކީ ގައުމީ ޓީމަށް ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަން މި އަހަރު ފަށާނެ އެވެ. ސާފް ޗެމްއިންޝިޕް ވެސް އަހަރުގެ މެދުތެރޭގައި ބާއްވަން ސާފް އިން ވަނީ އިއުލާންކޮށްފަ އެވެ. އޯގަސްޓް މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނެ އެވެ. އޭޝިއަން ގޭމްސް އިން ވެސް ފިރިހެން ފުޓްބޯޅަ ޓީމަށް ފުރުސަތު ދޭނަމަ، އެ ވެސް މި އަހަރުގެ މުހިންމު މުބާރާއްތެއްގެ ގޮތުގައި ބަލަން ޖެހެ އެވެ.
ގައުމީ ޓީމުގެ ހަރަކާތްތައް ގިނަ އަހަރެއްގައި އެފްއޭއެމް، ފެންނަނަނީ އަތް އުރާލައިގެން ތިބިތަނެވެ. ކަރަންޓް ބިލް ވެސް ދެއްކޭނެ ފަދަ ނެތް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންނުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދަރާފައިވާ ދަރަންޏެއް ވެސް އެބަ އޮތެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) މެދުވެރިކޮށް އޮކްޓޯބަރު 2021 ގައި ގައުމީ ޓީމަށް ހަދިޔާ ކުރި 1.2 މިލިއަން ރުފިޔާ އެފްއެމުން ކުޅުންތެރިންނަށް އަދި ނުބަހަ އެވެ.
ރާއްޖޭގެ މަސައްކަތް ކުރި ބިދޭސީ ކޯޗުންނަށް ދޭން ޖެހޭ މުސާރައާ ގުޅޭ މައްސަލައަކަށް ފަހު މައްސަލެއް ފީފާ އަށް ވައްދަމުން ދެ އެވެ. މާލީ މައްސަލަތަކުގައި އެފްއޭއެމް އޮތީ ދަށް ހާލަތަކަށް ވެއްޓިފަ އެވެ. އެ އިދާރާގައި މަސައްކަތް ކުރާ މުއައްޒިފުންނަށް ގަވާއިދުން މުސާރައެއް ނުދެވެ އެވެ.
ކްލަބެއްގައި މަސައްކަތް ކުރާ އޮފިޝަލަކު ބުނީ ސީޒަން ފެށުން ލަސް ވަނީ ވެސް މާލީ ގޮތުން ކަންކަން ހަމަނުޖެހޭތީ އެވެ.
"ބައްތު [އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް] ބުނި ކަންކަން ފަށަންވާއިރަށް ހަމަޖެހެނޭ. އެ އުއްމީދުގައި ގިނަ ކްލަބުތަކުން ތިބީ،" އޭނާ ބުންޏެވެ.
އެކަމަކު ބައެއް ކްލަބްތަކުގެ ހާލަތު ދަށެވެ. ކްލަބް ގްރީން ސްޓްރީޓްސް އަށް ފީފާއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެންހަލް މުނޯޒް އަށް ދޭން ޖެހޭ މުސާރަތައް އަދާ ކުރުމުން ނޫނީ އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތެއް ނެތެވެ.
މިދިޔަ ސިޒަންގައި އުނދަގޫ ހާލަތެއްގައި ވެސް ޕްރެޒިޑެންޓްސް ކަޕް ހޯދި، ކްލަބް ވެލެންސިއާގެ ހާލަތު ވެސް ގޯހެވެ. އެ ކްލަބަށް ކުޅުނު ސީނިއާ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުން ކްލަބް ދޫކޮށް އެހެން ކްލަބްތަކަށް ބަދަލުވެއްޖެ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިންނަށް ޕެންޑިންގައި ހުރި މުސާރަތައް ދިނީ އެ ދެ ކުޅުންތެރިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ނުކުތުމުންނެވެ.
ކުރިން ވާހަކަ ދެއްކި ބިދޭސީ ތަޖުރިބާކާރު ބުނީ ގޮތުގައި އޮފް ސީޒަންގައި މިހާ ދިގު މުއްދަތެއް ހޭދަ ކުރުމަކީ ފުޓްބޯޅަ އާ މެދު އެފްއޭއެމުން ސީރިއަސް ތޯ ސުވާލު އުފެދޭ ކަމެކެވެ.
"އެއް ސީޒަން ނިމި އަނެއް ސީޒަނާ ދެމެދު މިހާ ދިގު ބްރޭކެއް ނުނަގާނެ. މި ނޫނިއްޔާ އަހަރެން ނާހަން އެއް ސީޒަންގައި މިހާ ދިގު މުއްދަތެއް ހޭދަ ކުރި ވާހަކައެއް ވެސް،" އޭނާ ބުންޏެވެ.
"އޮފް ސީޒަންގައި ދެ މަހުގެ މުއްދަތެއް ހޭދަ ކުރުން ރަނގަޅު. އެކަމަކު މިވީ މިހާރު މާ ދިގު މުއްދަތެއް. ފުޓްބޯޅަ އާ މެދު ސީރިއަސް ވަންޏާ މިހެނެއް ނޫން މިކަން އޮންނަން ވާނީކީއެއް."
ގައުމީ ޓީމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކްލަބް ފުޓްބޯޅަ ގިނަ ދުވަސްތަކަކަށް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުންކަން ރާއްޖޭގެ ތަޖުރިބާކާރު ކޯޗުން މީގެ ކުރިން ވަނީ ވާހަކަ ދައްކައިފަ އެވެ.
ގައުމީ ޓީމު މުބާރާތްތަކަށް ތައްޔާރުވާން ކްލަބް ފުޓްބޯޅަ ދިގު މުއްދަތަކަށް މެދުކަނޑާލާތީ މީގެ ކުރިން ވެސް ކޯޗުން ކަންބޮޑުވުން ފާޅުކުރި އެވެ.
ގައުމީ ޓީމަށް މުހިންމު އަހަރަކަށް ވިޔަސް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ ދަށް ހާލަތަކަށް ވެއްޓިފަ އެވެ. އެފްއޭއެމް އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ އަސަރު ގިނަ ކްލަބްތަކަކަށް ވަނީ ކުރިމަތިވެފަ އެވެ. ކްލަބްތަކުގެ މައްސަލަތައް ހައްލު ކުރެވޭނީ ވެސް ފައިސާ ލިބިގެންނެވެ.