24 ޖެނުއަރީ 2023 - 13:29

މިއަދު މާލޭ އަށް ވެހުނު ބޯވާރޭގައި ތާށިވެފައި ތިބި ވަރަށް ގިނަ ސްކޫލު ދަރިވަރުން ފުލުހުންގެ ވެހިކަލްތަކުގައި އެކި ތަންތަނަށް ގެންގޮސްފި އެވެ.
ފުލުހުންގެ ޖިޕްތަކުގައި ސްކޫލުން ނަގައިގެން ގޮސް، ހުޅުމާލެ އަށް ވެސް ގެންދިޔަ އެވެ. އަދި ބައެއް ބަސް ސްޓޮޕްތަކުގައި ތިބި ކުދިން ވެސް ފުލުހުންގެ ވެހިކަލްތަކުގައި އުފުލަމުން ދިޔަތަން ފެނުނެވެ.
މިއަދު ހެނދުނުން ފެށިގެން މާލެ އަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ހެނދުނު 11 ޖެހީއްސުރެ، އަދިވެސް ވާރޭ ހުއްޓައެއް ނުލަ އެވެ. ވާރޭ އެންމެ ބޯކޮށް ވެހެމުން ދިޔަ ވަގުތަކީ ހުރިހާ ސްކޫލެއްގައި ހެން، ސްކޫލުގެ ދަރިވަރުން ނިމި، އަނެއް ދަންފަޅި ފެށޭ ވަގުތެވެ. އެހެންވެ ޓެކްސީއެއް ލިބުން ވެސް އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ.
ސްކޫލުތައް ނިމި ގެއަށް ދެވޭނެ ގޮތެއް ނެތިފައި ތިބި ދަރިވަރުންނާއި ސްކޫލަށް ދެވޭނެ ގޮތެއް ނެތިފައި ތިބި ދަރިވަރުން މިއަދު އުފުލީ ހަމައެކަނި ފުލުހުންގެ ވެހިކަލްތަކަކު ނޫނެވެ. އާންމުކޮށް ސްކޫލު ކުދިން އުފުލާ އެމްޓީސީސީގެ ބަހުގެ އިތުރުން ބައެއް ޕްރައިވެޓް ކާރުތަކުން ވެސް ދަރިވަރުން އުފުލި ތަން ފެނުނެވެ. އަދި، ޓެކްސީތަކުގައި ވެސް، ޖާގަ ހުރިއްޔާ ދާ ތަން އަހައި، ދަރިވަރުން އަރުވަމުން ދިޔަތަން ފެނުނެވެ.
މިއަދު މާލެ އަށް ވެހެމުންދާ ވިއްސާރައިގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ.