އިބްތިހާލް މައްސަލައިގެ ދައުވާތަކާ އެކު ނިޒާމާ މެދު ކަންބޮޑުވުން
އިބްތިހާލް މައްސަލައިގެ ދައުވާތަކާ އެކު ނިޒާމާ މެދު ކަންބޮޑުވުން

އަނިޔާ ތަހައްމަލްކުރާތާ އެތައް ދުވަހެއް ފަހުން މުހައްމަދު އިބްތިހާލް މަރުވެދިޔަ އިރު ވެސް ކަމާ ބެހޭ ފަރާތްތަކަށް އެ ކުއްޖާ ސަލާމަތް ނުކުރެވުމަކީ ވަރަށް ސީރިއަސް ފެއިލްވުމެކެވެ. އެކަމުގައި އިހުމާލުވި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތަހުގީގަށް ފެނުނު ސަރުކާރުގެ މުވައްޒަފުންގެ މައްޗަށް، އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން، މި ހަފްތާގައި ވަނީ ދައުވާކޮށްފަ އެވެ. މިއީ ޒިންމާދާރުކުރުމުގެ ނަމޫނާ ފިޔަވަޅެއްގެ ގޮތުގައި އަދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެ އެވެ. އެކަމަކު އިބްތިހާލްގެ މަރު ފަދަ ބޮޑު ކަމެއް ހިނގައިދިޔުގެ ޒިންމާ އޮތީ އެ ފަސް މީހުންނަށްތޯ ސުވާލުކުރާ ބަޔަކު ވެސް އެބަ ތިއްބެވެ.

މި މައްސަލައިގައި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ އެހާރާއި މިހާރުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރި އިރު، އެ މީހުންނަށް ވުރެ މަތީ ފެންވަރުގެ ބަޔަކާ މެދު ފިޔަވަޅެއް އަޅާފައި ނެތުމަކީ ބައެއް މީހުން ކަންބޮޑުވާ ކަމެކެވެ. އެ މީހުން ސުވާލުކުރަނީ އާދައިގެ މަގާމްތަކެއްގައި ތިބި ބަޔެއްގެ އިހުމާލު ފެނުނު އިރު، އެ މީހުންގެ މަސައްކަތް ބަލައި ނިންމުންތައް ނިންމަން ޖެހޭ ވެރިން ޒިންމާދާރު ނުކުރަނީ ކީއްވެގެންތޯ އެވެ. އެއާއެކު، ޖެންޑާ މިނިސްޓްރީގައި އެކަށީގެންވާ ނިޒާމެއް އަދި ވަސީލަތްތަކެއް ނެތް މައްސަލަ ބައެއް މީހުން ވަރަށް ބޮޑަށް ނަގަ އެވެ.

ޖެންޑާ މިނިސްޓްރީ އާއި ކޮންމެ އަތޮޅެއްގައި ހުންނަ އެ ތަނުގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުގެ މައިގަނޑު ދައުރަކީ އާއްމުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި އަނިޔާ އާއި ނިކަމެތިކަން ލިބޭ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. އެކަމަކު މިފަދަ ނާޒުކު މަސައްކަތެއް ކުރަން ރަށްރަށުގައި ގިނައިން ތިބެނީ ތަމްރީން ލިބިފައިވާ މުވައްޒަފުން ނޫން ކަމަށް މި ދާއިރާގެ ކަންކަން އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި އިބްތިހާލުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ބައެއް މުވައްޒަފުންނަށް ވެސް، އެކަން ހިނގި އިރު ތަމްރީން ލިބިފައެއް ނުވެ އެވެ.

ފުލުހެއްގެ އިތުރުން ދައުވާ ލިބެނީ އިބްތިހާލް މަރުވި އިރު ވ. އަތޮޅު ސެންޓަރުގައި މަސައްކަތްކުރަމުން ދިޔަ ދެ މުވައްޒަފަކާއި މިނިސްޓްރީގައި އުޅޭ ދެ މުވައްޒަފަކަށެވެ. އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވެފައިވާ އޭނާގެ މަންމަ ފާތުމަތު އާފިޔާގެ ޝަރީއަތް ދަނީ ކުރިއަށެވެ.

ޖެންޑާ މިނިސްޓްރީގެ މެންޑޭޓާ އެކަށީގެންވާ ވަރާ ގާތަށް ވެސް ބަޖެޓު ނުދޭ މައްސަލަ ބޮޑުވެފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އޭގެ ސަބަބުން ވެސް އެންމެ ބޮޑު ހީނަރުކަމެއް ލިބިފައި ވަނީ ރަށްރަށުގައި ހުންނަ ސެންޓަރުތަކަށެވެ. ޚާއްސަކޮށް، ހުށަހަޅާ މައްސަލަތައް ބަލަން ކުރަން ޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާ ވެސް ނުލިބޭ ކަން ފާހަގަކޮށް ބައެއް މީހުން ކިޔައިދިން ގޮތުގައި ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނަސް ބައެއް ފަހަރު ރަށްރަށަށް ދަނީ "މީހުންނަށް އާދޭސްކޮށްގެން"ނެވެ.

އޭގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރުންނަށް އެކަށީގެންވާ މުސާރައެއް ނުލިބުމަކީ ވެސް ކަންބޮޑުވުމެކެވެ. ކޮންމެ ގަޑިއެއްގައި ވެސް މަސައްކަތަށް ނުކުންނަން ޖެހިދާނެ މި ވަޒީފާގައި ޝިފްޓް ޑިއުޓީ ނެގިޔަސް ޝިފްޓް އެލަވަންސެއް ނުލިބޭ ކަމަށާއި އެހެން ވަޒީފާއެއް އަދާ ނުކުރާތީ ދޭން އޮންނަ އެލަވަންސް ވެސް ނުދޭ އިރު އިތުރު ވަޒީފާއެއް އަދާކުރުމުގެ ހުއްދައެއް ނޯންނަ ކަމަށް ވެސް ބައެއް މީހުން ކިޔައިދިނެވެ. އެ މީހުން ބުނާ ގޮތުގައި އެކަށީގެންވާ އުޖޫރައެއް ނުދޭތީ މުވައްޒަފުން އެ މީހުންގެ ޒިންމާތަކަށް ފަރުވާތެރިވުމާއި ޝައުގުވެރިވާ މިންވަރު ކުޑަވެގެންދާ އިރު، ދޭ ޚިދުމަތުގެ ފެންވަރު ހީނަރުވެގެންދާނެ އެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި މުވައްޒަފުންގެ އިހުމާލު އޮތް ނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަން ގަބޫލުކުރުމާ އެކު އެއް ބަޔަކު ބުނަނީ ސިސްޓަމްގައި ހުރި މައްސަލަތަކުގެ ވާހަކަ އާއި އެ ކަންކަން ހައްލުކުރަން ޖެހޭ މީހުންގެ އިހުމާލުގެ ވާހަކަ ވެސް ދައްކައި އެ އެންމެން ވެސް ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށެވެ.

"ހަގީގަތުގައި މިކަން (އިބްތިހާލުގެ މަރު) މި ދިމާވީ މުޅި ދައުލަތް ފެއިލް ވެގެން. މިސާލަކަށް، ރަކީދުއަކީ ކުޑަކުޑަ ރަށަކަށް ވާއިރު، ކައުންސިލަށް މި މައްސަލަ ހުށަހެޅިފައި އެބަ އޮތް، ހެލްތު ސެންޓަރަށް މި މައްސަލަ ގޮސްފައި އެބަ އޮތް. ކޮބައިތޯ އެ ފަރާތްތަކުގެ ޒިންމާ؟ ލާމަރުކަޒީ ގާނޫނުގައި ވެސް އޮންނާނެ، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެކޭ،" ކަންބޮޑުވުން ފާޅުކުރި އެކަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

"މި ވަރުގެ ކަމެއް މި ހިނގީ އެކަށީގެންވާ ވަސީލަތްތަކެއް ނުދިނީމާ. އެހެންވީމާ ދައުލަތުގެ އެންމެ މަތީ ވެރިޔާ އިން ފެށިގެން ގޮސް ރައްޔިތުންގެ މަޖިލީހާއި އެ ނޫން ހުރިހާ ފަރާތްތަކެއްގެ އިހުމާލު ވެސް މި ކަމުގައި އެބަ އޮތް."