24 ޖެނުއަރީ 2023 - 11:38

މާލޭގެ ގެއަކުން ކުނި ނަގަން ވަދެ، އެ ގޭގެ ތެރެއަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފަކާ މެދު ފިޔަަވަޅު އަޅައިފި އެވެ.
އޭނާ ސަސްޕެންޑްކުރީ އެ ގޭތެރެއަށް ބޮޑުކަމުދާ މަންޒަރު ސޯޝަލްމީޑިއާގައި އާއްމުކޮށް، ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ. އާއްމުކޮށްފައިވާ ވީޑިއޯގައި އޭނާ ފާހާނާއަށް ދާން ބޭނުންވެގެން އުޅޭ މަންޒަރު ފެނެ އެވެ. އޭގެ އިރުކޮޅެއް ފަހުން އެގޭގެ ތެރެއަށް އޭނާ ބޮޑުކަމުގޮސްފައި ވަނިކޮށް އެ ވީޑިއޯ އިން ފެނެ އެވެ.
ވެމްކޯ އިން ބުނީ އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލެއް އެ ކުންފުނީގެ މުވައްޒަފު ހިންގާފައިވާ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވެމްކޯ އިން ބުންޏެވެ.
މުވައްޒަފުގެ ފަރާތުން ހިނގައިދިޔަ އެ އަމަލަށް ވެމްކޯ އިން ވަނީ މާފަށް އެދިފަ އެވެ.
އެ މައްސަލަ ބަލަން ފަށައި މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމުގެ ޔަގީންކަން ވެމްކޯ އިން ދެ އެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުހިނގާނެ ގޮތަށް ކަންކަން ބައްޓަންކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.