25 ޖެނުއަރީ 2023 - 06:53

ޖަޕާންގެ ތާރީހުގައި މިހާތަނަށް އެންމެ މަގްބޫލު އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމަކީ އެސްއެސް ރާޖަމޯލިގެ ފިލްމް، "އާރްއާރްއާރް" އެވެ. އަދިވެސް އެ ފިލްމު ދަނީ ޖަޕާނުގެ ބްލޮކް ބަސްޓާ ވިޔަފާރީގައި ކުރިއަށެވެ.

"ވެރައިޓީ" ނޫހުގައި ބުނެފައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހު ޖަޕާނުގައި އެ ފިލްމުގެ 'ޑޮލަބީ ވިޝަން' ގެ ޕްރިންޓު އަޅުވައި، އައިމެކްސް ސްކްރީންތައް އިތުރުކުރުމުން، ފިލްމު ބަލަން ދިޔަ މީހުން އިތުރުވި އެވެ.

ހުކުރު ދުވަހު 7،181 މީހުން ފިލްމު ބެލިއިރު، ހޮނިހިރު ދުވަހު ވަނީ 14،102 މީހުން ފިލްމު ބަލަން ގޮސްފައި ކަމަށް ވެރައިޓީން ބުންޏެވެ. އާދިއްތަ ދުވަހު އެ އަދަދު އުޅެނީ 15،733 ގަ އެވެ.
މިދިޔަ ހަފްތާ ބަންދުގައި އެކަނި ވެސް، ޖަޕާނުން އެ ފިލްމަށް 519،000 ޑޮލަރު ލިބި، މިހާތަނަށް އެ ގައުމުގެ ބްލޮކް ބަސްޓާއިން "އާރްއާރްއާރް" އަށް ލިބުނު އާމްދަނީ ވަނީ ފަސް މިލިއަން ޑޮލަރަށް އަރައިފަ އެވެ.
"އާރްއާރްއާރް" އެ ރެކޯޑް މުގުރާލުމުގެ ކުރިން، ޖަޕާނު ބޮކްސް އޮފީސްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމަކީ 1998 ވަނަ އަހަރު ނިކުތް "މުތު" ފިލްމެވެ. އެ ފިލްމަށް ވަނީ 3.07 މިލިއަން ޑޮލަރު ލިބިފަ އެވެ.
"އާރްއާރްއާރް" ފިލްމުން ވަނީ ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބުތަކެއް ހޯދައިފަ އެވެ. މި އަހަރުގެ ގޯލްޑެން ގްލޯބްސް އަދި ކްރިޓިކްސް ޗޮއިސްގައި އެންމެ މޮޅު ލަވައިގެ އެވޯޑް ހޯދީ އެ ފިލްމުގެ ލަވަ، "ނާޓޫ ނާޓޫ" އެވެ. އަދި އެ ފިލްމަށް ވަނީ ކްރިޓިކްސް ޗޮއިސް އެވޯޑްގެ "ބެސްޓް ފޮރިން ފިލްމް" ގެ އެވޯޑު ލިބިފަ އެވެ.