17 ޖެނުއަރީ 2017 - 10:21

ތުރުކީގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމާ ބެހޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަށް ފުރަތަމަ ބުރުގެ ވޯޓުލުމުގައި މަޖިލީހުގެ ތާއީދު ލިބިއްޖެ އެވެ.
މި ބިލަކީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ބާރުތައް އިތުރަށް ފުޅާވެގެންދާ އިސްލާހުތަކެކެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މި އިސްލާހުތައް ގާނޫނުއަސާސީ އަށް ގެނެސްފި ނަމަ، ދައުލަތުގެ ނިޒާމުގެ ތެރޭގައި އެކަކުގެ ބާރު ފެތުރުމަށް މަގު ފަހިވެގެންދާނެ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލްގެ މާއްދާތަކުގެ ތެރެއިން އިއްޔެގެ ޖަލްސާގައި ވޯޓު ނެގީ ފުރަތަމަ 18 މާއްދާ ފާސްކުރުމާ ބެހޭ ގޮތުންނެވެ. ދެން ހުރި މާއްދާތައް ފާސް ކުރުމާ ބެހޭ ގޮތުން ވޯޓު ނަގާނީ ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
ވެރިކަންކުރާ އަދާލަތު ޕާޓީ އާއި ސަރުކާރަށް ތާއީދު ކުރާ އެމްއެޗް ޕާޓީގެ ތާއީދާ އެކު މި އިސްލާހުތައް ގެނައުމުން، ރައީސް އުރުދުޣާން ވިދާޅުވާ ގޮތުގައި، އިރުއިރުކޮޅާ ސަރުކާރު ވައްޓައިލުމުގެ ފުރުސަތު ހަނިވެގެންދާނެ އެވެ.
މި އިސްލާހުތައް ގާނޫނު ހަދާ މަޖިލީހުން ފާސްވެއްޖެ ނަމަ، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެ އިސްލާހުތައް ހުށަހެޅޭނެ އެވެ. ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އަހަރުގެ މެދުތެރޭގަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ސީއެޗްޕީ އާއި އިދިކޮޅު ކުރުދީންގެ އެޗްޑީޕީން ފާޅުގައި ދަނީ ދެކޮޅު ހަދަމުންނެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރެވިއްޖެ ނަމަ، އެކި ކަންކަމާ ބެހޭ ގޮތުން ރިއާސީ ގަރާރުތައް ނެރުއްވުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމުގެ ފުރުސަތު ވެސް ރައީސަށް ލިބިގެންދާނެ އެވެ.
އޭގެ އިތުރުން، ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބު 2019 ވަނަ އަހަރު ބާއްވަންޖެހޭނެ އެވެ. އަދި ފަސް އަހަރުގެ ދެ ދައުރުގައި ވެރިކަން ކުރުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ.
މި ބިލް ފާސްވާނީ، 550 މެންބަރުން ހިމެނޭ މަޖިލީހުން މަދުވެގެން 330 މެންބަރުންގެ ތާއީދު ލިބިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ވެރިކަން ކުރާ އަދާލަތު ޕާޓީގެ 316 މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ އެމްއެޗް ޕާޓީގެ 39 މެމްބަރުން ހިމެނެ އެވެ.