26 ޖެނުއަރީ 2023 - 09:02

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެކު، ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ތިއްބެވި ފޮޓޯއެއް ދާދި އިހަކަށް ދުވަހު ޓްވިޓާގައި އާންމުވި އެވެ. ރަހުމަތްތެރިއަކު އޭގެ ލިންކް ފޮނުވާފައި، "އެއްވެސް މީހަކު މިއަށް ޕޮޒިޓިވް ކޮމެންޓެއް ނުކުރަނީ ކީއްވެ"ހޭ ސުވާލު ކުރި އެވެ؛

އަޅުގަނޑު ޖަވާބު ދިނީމެވެ؛ "ދީނީ މީހުން ސިޔާސީ ވާން ރައްޔިތުން ބޭނުން ނުވަނީ އެވެ."

އަޅުގަނޑުގެ ޖަވާބު އެއީ ރަނގަޅު ޖަވާބަށް ވެސް ނުވެ ހިނގައިދާނެ އެވެ. ބައެއް ދީނީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދީނާއި ސިޔާސީ ކަންކަން އެއީ އެއް އުރައިގައި އޮތް ދެ ކަނޑި އެވެ. އަނެއްބައި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ އެއް އުރައެއްގައި ބާއްވަން ހެޔޮވާ ވަރުގެ ދެ ހަތިޔާރެއް ނޫނެވެ. އޭގެ ސަބަބުތަކަށް ދާކަށް އަޅުގަނޑު ނެތީމެވެ.
އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހުން އަބަދު ވެސް ފެންނަނީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނަގާ ތަނެވެ. ދީނީ ޕާޓީތަކާއި ދީނީ ކާޑު ކުޅޭ ޕާޓީތައް ވެސް އެކި ސިފަސިފައިގައި އެބަހުއްޓެވެ. ސިޔާސީ ވެރިން، ދީނީ އިލްމުވެރިންގެ އެހީ އެކި ގޮތްގޮތަށް ހޯދަ އެވެ. ސިޔާސީ ގޮތުން މާ ބޮޑު ބާރެއް ނެތަސް، ކޯލިޝަނެއް ހަދާއިރު ވެސް ދީނީ ޕާޓީތައް ބައިވެރިކުރަން ޖެހެ އެވެ. ދީނީ އިލްމުވެރިންނާއި ދީނީ ޕާޓީތައް ހިންގަވާ އިސް ބޭފުޅުން ސަރުކާރުގެ ކުރީ ސަފުން ފެނެ އެވެ. ޖަލްސާއެއް ނަމަ، ދީނީ ބޭފުޅުންނަށް ޕޯޑިއަމް ނުދީ އެ ޖަލްސާއެއް ނިންމާލުމަކީ ނާދިރު ކަމެކެވެ. ގައުމެއްގެ ކޮންމެ ރައީސަކަށް، ކޮންމެ ވިޔަފާރިވެރި ސިޔާސީ މީހަކަށް ދީނީ މީހުންގެ ބޮޑު ޓީމެއް އޮންނަން ޖެހެ އެވެ.
އޭގެ އަނެއްކޮޅުން މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ؛ އިންތިހާބީ މަގާމުތަކަކަށް ދީނީ އިލްމުވެރިންނެއް ނުހޮވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ގޮނޑި އަށް މީގެ ކުރިން ވަރަށް މަޝްހޫރު ދީނީ އިލްމުވެރިން ކުރިމަތިލައްވައިގެން ވެސް އެކަން ކާމިޔާބެއް ނުވި އެވެ. ވެރިކަމަކާ އަމުދުން ގާތެއް ވެސް ނުވެވެ އެވެ. އިންތިހާބުތަކުގައި ނަގާ ވޯޓުތަކުގެ ހަގީގަތަކީ، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ މީހުން، ދީނާއި ސިޔާސަތު ވަކިކުރަން ބޭނުން ވުމެވެ. ނުސީދާ ގޮތުން، އެ ބުނެވޭ އެއްޗަކީ ދީނީ ބޭފުޅުން ދީން ކުރިއަރުވަން ތިއްބަވާށޭ އޭ އަޅުގަނޑުގެ ހިތް ގަބޫލު ކުރެ އެވެ.
ކުރިން މި ދެންނެވި ފޮޓޯ ދީނީ އެކި ބޭފުޅުން ރިޓްވީޓް ވެސް ކުރެއްވި އެވެ. ރަހުމަތްތެރިޔާ އެހެން ބުނީމަ އޭގެ ވަރަށް ގިނަ ޓްވީޓްތަކަށް އައިސްފައި ހުރި ކޮމެންޓްތައް ވެސް ކީމެވެ. ތެދެކެވެ؛ ދީނީ ބޭފުޅުން ސިޔާސީ ނުވުން އެއީ، އަޅުގަނޑު ދެންނެވިހެން ކޮމެންޓް ކުރި ވަރަށް ގިނަ ބައެއްގެ އެދުމެވެ. ބައެއް ކޮމެންޓްތަކުގައި ބުނެފައި ހުރި ގޮތުން، ދީނީ ތާކިހާ އަޅުއްވައިގެން، އޮންނަ ގޮތަކީ ދީން ފަތުރައި، ދީނުގެ ކަންކަން އޮޅުންފިލުވައިދިނުމެވެ. ސިޔާސީ މައިދާން ކައްކައި އޮޕޮޗުނިޓީ ހޯދުމެއް ނޫނެވެ.
އަޅުގަނޑު މި އުޅެނީ އެ ފޮޓޯގައި ތިއްބެވި ބޭފުޅުންނާ ބެހޭ ގޮތުން، ނުވަތަ އެ ފޮޓޯއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާކަށް ނޫނެވެ؛ އެކަމަކު، އެ ފޮޓޯއަށް، ރަހުމަތްތެރިޔާ ބުނިހެން ޕޮޒިޓިވް ކޮމެންޓެއް ނައީ ކީއްވެގެންތޯ ވިސްނާލެވޭތޯ އެވެ. ދީނީ ބޭފުޅުން ސިޔާސީ މައިދާނުން ފެންނަން އާންމުން އެހާ ނުރުހެނީ ކީއްވެތޯ ބަލާލެވޭތޯ އެވެ.
އަޅުގަނޑުގެ އެއް ނަޒަރިއްޔާތަކީ، ދީނީ ބޭފުޅުން ކަމަށް ވިޔަސް ސިޔާސީ މައިދާނުން ޖާގަ ހޯދުމަކީ އެއީ އޮންނަން ޖެހޭނެ ފުރުސަތެއް ކަމެވެ. އަނެއް ނަޒަރިއްޔާތަކީ "ސިޔާސީ މިހާ ހުތުރު/ ދޮގާއި މަކަރު ހިމެނޭ/ ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް" ދާއިރާއެއްގެ ތެރެއަށް ދީނީ ބޭފުޅުން ވެދެވަޑައިގަންނަވަން ރައްޔިތުން ބޭނުން ނުވުމެވެ. އެ އަށް ވުރެ ބޮޑަށް، އެ ބޭފުޅުންނަށް ކުރާ އިހުތިރާމް ބޮޑު ކަމެވެ. އަނެއް ނަޒަރިއްޔާތަކީ، ދީން ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ވުރެ، ދިވެހިން ދީން ދެކެ ވާ ލޯބި ބޮޑު ކަމެވެ. އަދި، ރާއްޖެ ކަހަލަ އިސްލާމީ ގައުމެއްގައި ސިޔާސަތު ހެދުމުގެ ތެރޭގައި ވެސް ދީނީ އިލްމުވެރިންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
މި ހުރިހާ ކަމެއް މިހެން ހުރުމުގެ މާނަ އަކީ ދީނީ ބޭފުޅުން، މާބޮޑަށް ސިޔާސީ އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓި އެ ބޭފުޅުންނަކީ ދީނީ ވާހަކަ ދައްކަވާ ބައެއްތޯ ނުވަތަ ސިޔާސީ ވާހަކަ ދައްކަވާ ބައެއްތޯ އޮޅޭ ހިސާބަށް ދިއުމެއް ވެސް ނޫނެވެ. ސަރުކާރަށް ތާއީދުކުރާ ދީނީ ބޭފުޅުންނަށް ސަރުކާރުގެ ގޯހެއް ނުފެނި އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ދީނީ ބޭފުޅުންނަށް ސަރުކާރުން ރަނގަޅު އެއްވެސް ކަމެއް ނުފެނި އިދިކޮޅުން ކުރާ އަދި ކޮށްފައި ހުރި ހުރިހާ ކަމެއް ބަރާބަރު ވުމެއް ނޫނެވެ. އަދި، އެ ދެބައިމީހުން ދައްކާ ތަފާތު ދެ ހުއްޖަތުން ގަބޫލުކުރަންވީ ކޮން އެއްޗެއްކަން ނޭނގި އާންމު މީހާ ވާނުވާގައި ހުންނަން ޖެހުމެއް ވެސް ނޫނެވެ.
އާ ގާނޫނުއަސާސީއާ އެކު ދިވެހިންނަށް އައި އެންމެ ބޮޑު އެއް މިނިވަން ކަމަކީ، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމެވެ. ދީނީ އިލްމުވެރިން، އެ ބޭފުޅުންގެ ދީނީ ބަހުސްތައް ވެސް އާންމުންނާ ހަމައަށް ރަނގަޅަށް ތިލަވާން ފެށީ އޭގެ ފަހުންނެވެ. އޭގެ ކުރިން ހުތުބާއެއްހެން ލިޔެވިފައި އޮންނަ އެއްޗެއްގެ ގޮތުގަ އެވެ. އެހެންވެ، ދީނީ ބޭފުޅުން ވެސް ސިޔާސީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރެއްވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ، އެ ބޭފުޅަކު ތާއީދުކުރައްވާ ބޭފުޅަކު ކުރައްވާ ސިޔާސީ ލީޑަރެއްގެ ހުރިހާ ހަރަކާތެއް އާންމުންނަށް "ވާޖިބު"ވާ ފަހަރު އައިސް، އެހެން ކަންކަން މުންކަރާތްތަކަށް ބަދަލުވާ ބަދަލުވުންތަކާއި، ހަމަ އެކަންކަން ފަހުން އެހެން ގޮތްގޮތަށް ބަދަލުވާ ބަދަލުވުމެވެ. އާންމުންގެ ނުރުހުންތައް ވެސް އަންނަނީ އެ ކަންކަމާ އެވެ!
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް، އަދި މުސްލިމް ގައުމުތަކުގައި ދީނީ އިލްމުވެރިން ސިޔާސީ މަގާމުތަކަށް ވާދަކުރެ އެވެ. އެކަމަކު، މި ކޮލަމް ލިޔަން ވެގެން، ދީނީ ބޭފުޅާ ވާހަކަ ދައްކާލުމުން އެނގުނު އެކައްޗަކީ އެހެން ގައުމުތަކުގައި ދީނީ އިލްމުވެރިން ސިޔާސީ ވިޔަސް، އެ މީހެއްގެ މުޅި ހަޔާތް ސިޔާސީ ވާ ކަމެވެ. އެކަމަކު ރާއްޖޭގައި އެކަން ވަނީ އެހާ ހިލާފަށެވެ. ބައެއް ދީނީ އިލްމުވެރިން، ޕޯޑިއަމްގައި ވާހަކަ ދައްކަވާފައި، ހަމަ އެ ރޭ މިސްކިތެއްގައި އެ ދެއްކެވި ވާހަކައާ ފުށުއަރާ ވައުޒު ވިދާޅުވެފައި، ޓްވިޓާ އަށް ވަދެ މީސްމީހުންނަށް ކޮމެންޓް ކުރައްވާ އެބަ ހައްދަވަ އެވެ. މިއީ، ހަމަ ވަރަށް ގިނަ ބައެއް ދީނީ އިލްމުވެރިންގެ ކިބައިން ފެންނަ ކަމެކެވެ. އެއްވެސް މިސްރާބެއް ނެތެވެ. ނުބެހޭ ކަމެއް ވެސް ނޯވެ އެވެ!
ސިޔާސީ ދާއިރާ އަށް ވެދެވަޑައިގަންނަވަން ބޭނުން ނަމަ އެ ފުރުސަތު އެބައޮތެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދީނީ ބޭފުޅުން ޕާޓީއެއް ހިންގަވަން ބޭނުން ނަމަ، އެ ފުރުސަތު ވެސް އެބައޮތެވެ. މައްސަލަ އަކީ، އޭގެ ތެރެއިން ދީން، ކުރިމައްޗަށް ނެރެ، ދީނީ ކާޑު ކުޅުއްވުމެވެ. އާންމުންގެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ދީން ސިޔާސީ ހަތިރާޔަކަށް ނެރެ، ދީނުގެ ހުކުމްތައް އެކި ގޮތްގޮތަށް އައިސް، ދީނީ ގޮތުން ކަން އޮންނަގޮތް ވަކި ސަރުކާރުތަކެއްގައި ބުނެ، ވަކިވަކި ކަންކަމުގައި ހުކުމްތައް ނެރެ ހަދާ މައްސަލަ އެވެ. ތިމާ ތާއީދުކުރާ ބޭފުޅަކު ވެރިކަމުގައި ހުންނަ ފަސް އަހަރު ހިމޭނުން ހުރެފައި، އޭނާ ވެރިކަމުން ވެއްޓުނީމަ އަނެއްކާ ވެސް ފުންމައިގެން ތެދުވުމެވެ. ދީނީ ބޭފުޅުން ސިޔާސީ ކަންކަމާ ދުރުވެ ތިބޭށޭ ރައްޔިތުން ބުނަނީ މިހެންވެ ކަމަށް ވެދާނެ އެވެ.
ދީނީ ބައިބައިވުމާއި ސިޔާސީ ފިތުނައިގެ ތެރޭގައި ދީނީ އިލްމުވެރިން ގެނބިގެން ދިއުމަކީ ހަމަ ގައިމު ވެސް އަޅުގަނޑު އެދޭ ގޮތެއް ނޫނެވެ. ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތެއް ނޫނެވެ. އެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެން ބޭނުން ވަނީ ދީނީ ހިދުމަތެވެ. ދީން ކިޔެވި މަތިވެރި މަގުސަދަށް ވާސިލްވުމެވެ. ދީނުގެ ހުކުމްތައް އެ އޮންނަ ގޮތަށް ވިދާޅުވެދެއްވުމެވެ. ދީނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމުގައި އެހީތެރިވެ ދިނުމެވެ.
އަނެއް ގޮތަކީ ސިޔާސީ މީހަކަށް ބަދަލުވުމެވެ. ކުރިން ދެންނެވި ގޮތަށް، ދީނީ އުރައެއްގެ ތެރެއަށް ވެދެވަޑައިނުގެން، ވަކި އުރައެއްގެ ތެރޭގައި އޮންނެވުމެވެ.