23 ޖެނުއަރީ 2023 - 15:25

ބުރްކީނާ ފާސޯގައި ތިބި ފަރަންސޭސި ވިލާތުގެ ސިފައިން އެ ގައުމު ދޫކޮށް ފައިބައިގެން ދިއުމަށް، ބުރްކީނާ ފާސޯގެ އަސްކަރީ ސަރުކާރުން އެއް މަސްދުވަހުގެ މުހުލަތެއް މިއަދު ދީފި އެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި 2018 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމުގެ ދަށުން، ބުރްކީނާ ފާސޯގައި ތިބި ފަރަންސޭސި ސިފައިން އެނބުރި ދާން ލިބޭނީ އެއް މަސްދުވަހެވެ. ބުރްކީނާ ފާސޯގެ އަސްކަރީ ސަރުކާރުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ ގައުމުގައި ކުރީގައި އޮތް ސަރުކާރުން ފަރަންސޭސި ވިލާތާ އެކުގައި 2018 ވަނަ އަހަރު އެއްބަސްވުމެއް ގާއިމުކުރުމުން އެކަން ކުށްވެރިކޮށް، އެ އެއްބަސްވުމަކީ ބޭކާރު އެއްޗެއް ކަމަށް ބުނެފަ އެވެ.
ފަރަންސޭސި ސިފައިން ބުރްކީނާ ފާސޯ އަށް އައީ، ބުރްކީނާ ފާސޯގައި ހަރަކާތްތެރިވާ އަލްގާއިދާ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާތައް އެ ގައުމުގައި އިތުރުވާން ފެށުމާ ގުޅިގެންނެވެ. ފަރަންސޭސި ސަރުކާރާއި ބުރްކީނާ ފާސޯގެ ސަރުކާރާ ދެމެދު 2018 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމުގައިވާ ގޮތުން، ބުރްކީނާ ފާސޯގައި އުޅޭ ޣައިރު ގާނޫނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ހުއްޓުވުމާއި، ސަރުކާރުގެ މައި އިދާރާތަކަށާއި ސަރުކާރުގެ ވެރިންނަށް ހިމާޔަތް ދިނުމަކީ ފަރަންސޭސި ސިފައިންގެ އެއް މަސްއޫލިއްޔަތެވެ.
ބުރްކީނާ ފާސޯގެ ސިފައިން ޖެނުއަރީ 24، 2022ގައި ގެނައި އިންގިލާބެއްގައި، އެ ގައުމުގެ ރައީސް ރޮޗް ކަބޯރޭ މަގާމުން ދުރުކޮށް، ސަރުކާރާއި ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލައިފަ އެވެ. އެއަށް ފަހު ގާނޫނުއަސާސީއަށް އަމަލުކުރުން ހުއްޓާލައި، އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށް، ގައުމުގެ އާ ވެރިޔަކީ އިންގިލާބީ ލީޑަރު ލެފްޓިނެންޓް ކާނަލް ޕޯލް-ހެންރީ ޑެމީބާ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.
ނަމަވެސް އޮކްޓޫބަރު 2022 ގައި ސިފައިން ގެނައި އިންގިލާބެއްގައި ޕޯލް-ހެންރީގެ ބާރު ކަނޑުވާލައި، ސިފައިންގެ ޚިދުމަތުން ވެސް ވަކި ކުރުމަށް ފަހު، އެ ގައުމުގެ އާ ވެރިޔާގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެއްގަމު ސިފައިންގެ ކެޕްޓަނެއް ކަމަށްވާ އިބްރާހީމް ތަރައުރޭ އެވެ.
ފަރަންސޭސި ސިފައިން ތިބުމާ ދެކޮޅަށް، ބުރްކީނާ ފާސޯގެ ވެރިރަށް އޮއުގަޑޫގޯގައި މިދިޔަ ހުކުރު ދުވަހު އާންމުން މަގުތަކަށް ނުކުމެ ބޮޑު މުޒާހަރާއެއް ބޭއްވި އެވެ. އެމީހުން ވަނީ ފަރަންސޭސި ސިފައިން ބުރްކީނާ ފާސޯ އިން ފޭބުމަށާއި، ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް އުފެއްދުމަށް ގޮވާލައި އަޑު އުފުލައިފަ އެވެ.
މި މުޒާހަރާގައި ބައެއް މީހުން އަޑު އުފުލަމުން ދިޔައީ ބުރްކީނާ ފާސޯގެ ގައުމީ ދިދަ އާއި ރަޝިޔާގެ ދިދަ ހިފައިގެން ތިބެ އެވެ.