24 ޖެނުއަރީ 2023 - 07:07

ޖައްވުގައި ސޯލާ ޕެނަލް ހަރުކޮށް، އަވިން ހަކަތަ އުފައްދައިގެން ދުނިޔެއަށް ބީމް ކުރުމަށް އިނގިރޭސިވިލާތުގެ ޕްލޭނަށް ސައުދީ އަރަބިއްޔާއިން ފަންޑުކުރުމުގެ މަޝްވަރާތަކެއް ބާއްވައިފި އެވެ.

"ދަ ޓައިމް" އިން ބުނީ އިނގިރޭސި ސްޕޭސް ސޯލާ ޕަވާ ކުންފުނިން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ޖައްވަށް ސޯލާ ޕެނަލްތައް ފޮނުވައި، ހައި ފްރިކުއެންސީ ރޭޑިއޯ ވޭވަށް ބަދަލުކޮށް ދުނިޔެއަށް ކަރަންޓު ފޮނުވޭނެ ކަމަށެވެ.
މި ސްޓޭޝަނުގައި ގާތްގަނޑަކަށް މޭލެއްހާ ފުޅާމިން އަދި ބަރުދަނުގައި 2،000 ޓަނު ހުންނާނެ ކަމަށްވެ އެވެ.
މިހާރު ދުނިޔޭގައި ހުންނަ ސޯލާ ޕެނަލްތަކުން ވެސް ހަކަތަ ނަގައި، ހައި ފްރިކުއެންސީ ރޭޑިއޯ ވޭވްތަކަށް ބަދަލުކޮށްދެ އެވެ. ނަމަވެސް، އެފަދަ ޕެނަލްތަކުން ހަކަތަ ނަގައިދޭނީ އަވި ލިބޭ ވަގުތުތަކުގައި އެކަންޏެވެ. ރޭގަނޑު، ނުވަތަ މޫސުން ގޯސް ދުވަސްވަރު ހަކަތައެއް ނުލިބޭނެ އެވެ.
އެކަމަކު، ޖައްވުގައި ސޯލާ ޕަވާ ސްޓޭޝަނެއް ހެދުމުން 24 ގަޑިއިރު ހަކަތަ ލިބޭނެ އެވެ. އެއީ ޖައްވުގައި އަބަދުވެސް އިރު ފެންނަން ހުންނާތީ އެވެ.
އެތައް އަހަރުތަކެއް ކުރީގެ އެ ހިޔާލު އަދި ހަގީގަތަކަށް ވެފައި ނުވިޔަސް، މިހާރު ވެސް ޗައިނާ އާއި އެމެރިކާ ފަދަ ގައުމުތަކުން އަންނަނީ އެފަދަ ކަމެއް ކުރުމަށް ވާދަކުރަމުންނެވެ.
ސްޕޭސް ސޯލާ ކުންފުނިން މިހާރު ވަނީ ސައުދީގެ ނިއޯމް ސިޓީ ޕްރޮޖެކްޓާ އެކު، އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ނިއޯމް ސިޓީ އަކީ ސައުދީގެ ތާބޫކް ޕްރޮވިންސްގައި 408 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ސްމާޓް ސިޓީ އެކެވެ.
ނިއޯމްގެ އަމާޒަކީ އެ ސިޓީ އަށް ކާބަން ނުހުންނަ ހަކަތަ ފޯރުކޮށްދިނުމެވެ. އެހެންވެ، މިހާރު އިނގިރޭސިވިލާތުގެ ސަރުކާރާ އެކު، ނިއޯމް އިން ވަނީ ޖައްވުގައި ސޯލާ ހަރުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 3.5 މިލިއަން ޕައުންޑް ދޭން ނިންމައިފަ އެވެ.
އިނގިރޭސި ސަރުކާރުން ހަރަދުކުރާ އެ ގައުމުގެ ކޮންސަލްޓެންސީ ކުންފުންޏަކުން ބުނީ އެ މަޝްރޫއު ފުރިހަމަ ކުރުމަށް އެތައް ބިލިއަނެއް ހަރަދުވާނެ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އެ މަޝްރޫއު ނިމޭނީ 2040 ވަނަ އަހަރު ގެ ނިޔަލަށް ކަމަށެވެ.