ކެންސަރުގެ ފަރުވާ އަށް ފަހު އަލެއާ އެނބުރި އައި މެޗުން ޑޯޓްމަންޑް މޮޅުވެއްޖެ
ކެންސަރުގެ ފަރުވާ އަށް ފަހު އަލެއާ އެނބުރި އައި މެޗުން ޑޯޓްމަންޑް މޮޅުވެއްޖެ

ޑޯޓްމަންޑް (ޖެނުއަރީ 23) - ޓެސްޓިކިއުލާ ކެންސަރަށް ފަރުވާ ހޯދައި އެނބުރި ކުޅުމުގެ ތެރެއަށް އައި އައިވަރީ ކޯސްޓުގެ ފޯވާޑް ސަބަސްޓިއެން އަލެއާ، ބޮރޫޝިއާ ޑޯޓްމަންޑާ އެކު ކުޅުނު ފުރަތަމަ މެޗުގައި 4-3 އިން އޮސްބާގުގެ މައްޗަށް ކުރި ހޯދައިފި އެވެ.

ނެދަލެންޑްސްގެ އަޔެކްސް ދޫކޮށް މި ސީޒަނަށް އަލެއާ ޑޯޓްމަންޑަށް ބަދަލުވި ނަމަވެސް ރޭގެ މެޗަކީ އޭނާ ކުލަބަށް ކުޅެދިން ވާދަވެރި ފުރަތަމަ މެޗެވެ. ޑޯޓްމަންޑަށް ބަދަލުވެ ޕްރީ ސީޒަން ތެރޭގައި އޭނާ އަށް ޓެސްޓިކިއުލާ ކެންސަރު ޖެހިފައި ވާކަން އެނގުމާ އެކު އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު ފަރުވާ ހޯދަން ފަށައިފަ އެވެ.

އަލެއާ ކުޅެން ނުކުތީ މެޗުގެ 62 ވަނަ މިނިޓުގައި، ޒުވާން ފޯވާޑް ޔޫސުފާ މުކޮކޯ ގެ ބަދަލުގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޑޯޓްމަޑުން ލީޑު ނަގާއިރަށް އޮސްބާގުން ވަނީ ތިން ފަހަރަށް ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މެޗުގެ 29 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޖޫޑް ބެލިންގްހަމް އެވެ. އަދި 40 ވަނަ މިނިޓުގައި އޮސްބާގަށް އެއްވަރު ކޮށްދިނީ އާނީ މޭޔާ އެވެ. އެއްވަރު ކުރިތާ ދެ މިނިޓު ފަހުން ޑިފެންޑަރު ނިކޯ ޝްލޮޓާބެކް އަލުން ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާމެޑިން ޑެމިރޯވިޗް ވަނީ އޮސްބާގަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ޑޯޓްމަންޑުން ތިންވަނަ ފަހަރަށް ލީޑު ނެގީ 75 ވަނަ މިނިޓުގައި ޒުވާން އިނގިރޭސި ފޯވާޑް ޖޭމީ ބިޔޯނީ-ގިޓެންސް ޖަހައިދިން ގޯލުންނެވެ. އަދި އަލުން މެޗު ފަށައިގެން މިނިޓެއް ތެރޭ އަލުން އޮސްބާގަށް ނަތީޖާ އެއްވަރު ކޮށްދިނީ އެޓީމަށް އަލަށް ގެނައި ފުލްބެކް ޑޭވިޑް ކޮލީނާ އެވެ.

ޑޯޓްމަންޑު މޮޅުވީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް، 78 ވަނަ މިނިޓުގައި އެމެރިކާ ފޯވާޑް ޖިއޯ ރޭނާ ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މި ނަތީޖާއާ އެކު ޑޯޓްމަންޑް ވަނީ 16 މެޗުން ހޯދި 28 ޕޮއިންޓާ އެކު ތާވަލްގެ ހަވަނައަށް ޖެހިލައިފަ އެވެ. ފަސްވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ އާރުބީ ލައިޕްޒިގެވެ.

ޖަރުމަން ލީގުގެ އެއްވަނައިގައި ބެޔާން މިއުނިކް އޮތީ 35 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެއިންޓްރަކް ފްރޭންކްފާޓާއި ތިންވަނައިގައި އޮތް ޔޫނިއަން ބާލިންގެ އިތުރުން ހަތަރު ވަނައިގައި އޮތް ފްރެއިބާގަށް ވެސް ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.