24 ޖެނުއަރީ 2023 - 12:56

"އެވަޓާ: ދަ ވޭ އޮފް ވޯޓާ" ފިލްމުގެ ޖުމްލަ އާމްދަނީ ދެ ބިލިއަން ޑޮލަރު ހުރަސްކުރުމާ އެކު، ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމަރަން އަށް ތާރީހީ ރެކޯޑެއް ލިބިެއްޖެ އެވެ.

ފިލްމީ ދުނިޔޭގެ ތާރީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ހުރަސްކުރި ފިލްމުތަކުގެ ލިސްޓުގައި "އެވަޓާ 2" މިހާރު ވަނީ ހިމެނިފަ އެވެ. އެއާ އެކު އެ ލިސްޓުގައި ހަ ފިލްމު ހިމެނެ އެވެ. އޭގެ ތެރެއިން، ތިން ފިލްމު ޑައިރެކްޓް ކުރި، ޖޭމްސް އަށް މިހާރު ވަނީ މިހާތަނަށް ދެ ބިލިއަން ޑޮލަރު ހުރަސްކޮށްފައިވާ އެންމެ ގިނަ ފިލްމު ޑައިރެކްޓް ކުރި މީހާގެ ރެކޯޑް ލިބިފަ އެވެ.

އެ ލިސްޓުގައި އޭނާގެ އެންމެ ފުރަތަމަ މަޝްހޫރުވި ހިޓް، 1997 ވަނަ އަހަރު ނިކުތް "ޓައިޓޭނިކް" ފިލްމު ހިމެނެ އެވެ. އޭރު އެންމެ ކާމިޔާބު ފިލްމަކަށް ވި "ޓައިޓޭނިކް" މިހާރު 2.1 ބިލިއަން ޑޮލަރުގެ އާމްދަނީ އަކާ އެކު އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ.
އެއަށް ފަހު ދެ ބިލިއަން ޑޮލަރު ހުރަސް ކުރި ޖޭމްސްގެ ފިލްމަކީ، ސިނަމާގެ ތާރީހުގައި މިހާތަނަށް އެންމެ ކާމިޔާބު ފިލްމު، 2.9 ބިލިއަން ޑޮލަރުގެ އާމްދަނީގެ، 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވަޓާ" އެވެ. އެއީ އެވަޓާ ސިކުއަލްގެ ފުރަތަމަ ފިލްމެވެ.
ދެ ބިލިއަން ޑޮލަރު ހުރަސް ކުރި ފިލްމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ "އެވެންޖާސް: އެންޑްގޭމް" (2.7 ބިލިއަން ޑޮލަރު) އާއި، "ސްޓާވާސް: ދަ ފޯސް އަވޭކެންސް" (2.07 ބިލިއަން ޑޮލަރު) އަދި "އެވެންޖާސް: އިންފިނިޓީ ވާ" (2.05 ބިލިއަން ޑޮލަރު) އެވެ.
އެވަޓާގެ ފުރަތަމަ ބަޔަށް ފަހު، 13 އަހަރު ފަހުން ނެރުނު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ނުކުތުމުގެ ކުރިން، އެ ފިލްމުގެ ކާމިޔާބީއާ މެދު ގިނަ ބަޔަކު އައީ ސުވާލު އުފައްދަމުންނެވެ. އަދި އެއްބަޔަކު ބުނީ ފިލްމު ފްލޮޕް ވާނެ ކަމަށެވެ. އެހެންނަމަވެސް، ޖޭމްސް މިވަނީ އެ މީހުންގެ ބަހުގެ ގޯސްކަން ސާބިތުކޮށްދީފަ އެވެ.