24 ޖެނުއަރީ 2023 - 07:06

މި މަހު ނެރޭ "ޕަތާން" ފިލްމުގެ ލަވަ، "ބެޝަރަމް ރަންގް" އާ ގުޅިގެން، އިންޑިއާގެ ގިނަ ބަޔަކު އެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާތީ، ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް، ކަރީނާ ކަޕޫރް ރައްދު ދީފި އެވެ.
އިއްޔެ އިންޑިއާގެ ކޮލްކަޓާ ސިޓީގައި އޮތް އިވެންޓެއްގައި ކަރީނާ ބުނީ އެކަމާ އެއްގޮތަކަށް ވެސް އެއްބަސް ނުވާނެ ކަމަށެވެ.
"ބޮއިކޮޓް ބޮލީވުޑް" ޓްރެންޑާއި "ކެންސަލް ކަލްޗާ" ފަދަ ކަންކަމާ އޭނާ ވަރަށް ދެކޮޅެވެ.
"އެ ފަދަ ކަމެއް [ފިލްމެއް ބޮއިކޮޓް ކުރުމުން] ކުރުމުން ކިހިނެއް އަހަރަމެންނަށް ތި މީހުން މުނިފޫހިފިލުވައިދޭނީ، ކިހިނެއް އުފަލާއި މަޖަލުގައި އުޅޭނީ، އެއީ އެންމެނަށް ވެސް ބޭނުންވާ ކަމެއްހެން އަހަންނަށް ހީވަނީ." ކަރީނާ ބުންޏެވެ.
"ފިލްމުތައް ނެތް ނަމަ މުނިފޫހިފިލުވުމުގައި ކިހިނެއް ވާނީ؟" އިވެންޓުގެ އޯޑިއަންސްގެ މީހަކު އޭނާއާ ކުރި ސުވާލަކަށް ދިން ޖަވާބު ނިންމާލަމުން ބުންޏެވެ.
"ބޭޝަރަމް ރަންގު" ލަވަ އިންޑިއާގެ ބައެއް މީހުން، ހާއްސަކޮށް ހިންދޫންނަށް ކަމު ނުދިޔައީ، އެ ލަވައިގައި އެކްޓްރެސް ދީޕިކާ ޕަދުކޯން ލައިގެން ހުރި ނިވާކަން ކުޑަ ސެފްރޯން ކުލައިގެ ހެދުމަކާ ހެދި އެވެ. އެއީ ހިންދީ ދީނުގައި ގަދަރު ދީފައިވާ ކުލައެކެވެ.
އެފަދަ ތަޖުރިބާއެއް ކަރީނާ އަށް ވެސް މީގެ ކުރިން ވަނީ ކުރަން ޖެހިފަ އެވެ. އޭނާ ލީޑުރޯލަކުން ފެނުނު، އާމިރް ހާން ވެސް އުޅޭ "ލާލް ސިންހް ޗައްދާ" ފިލްމު ބޮއިކޮޓް ކުރަން ގިނަ ބަޔަކު ގޮވައިލި އެވެ. އޭރު ވެސް ފިލްމު ބޮއިކޮޓް ކުރުމާ ދެކޮޅަށް ކަރީނާ ވަނީ އަޑު އުފުލައިފަ އެވެ.