ހިންނަވަރުގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
ހިންނަވަރުގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި އެވެ.

ހިންނަވަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އަދި 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިން ޔުނިޓް އަޅާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ރަށުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓަކީ ވެސް ތިން ކޮޓަރީގެ ތަންތަނެވެ. އެތަނުގައި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އަދި ކާގެ އާއި ލޯންޑަރީ އާއި ސްޓޯރޫމް ހުންނާނެ އެވެ.

އެތަނުގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް އެތަން ވަށައި އަލިކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި އެތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގާތްގަނޑަކަށް 84 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.